ރާއްޖެ ކުޅިވަރު

ސުޒޭން މިފަހަރު ޕްރެޝަރަށް!

Sep 27, 2015

މާޒިޔާގެ ކޯޗު އަލީ ސުޒޭން އަކީ ކޯޗެއްގެ ގޮތުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފަރާތެވެ. ވިކްޓަރީ އާއި މާޒިޔާގައި މިހާތަނަށް އަށް ތަށި ކާމިޔާބުކޮށްފައިވާ ކޯޗު ޕްރެޝަރަށް ދުއްވާލުމަކީ ބަޔަކަށް ކުރަން އެހޭ ފަސޭހަކަމެއްވެސްނޫނެވެ. ހާއްސަކޮށް އޭނާގެ ޖެހިލުންކުޑަ ސްޓައިލާއި ކެރުމާއި ވިސްނުންތެރި ނިންމުންތަކުގެ ސަބަބުންނެވެ.

ނަމަވެސް މިއަދަކީ ތަފާތު ދުވަހެކެވެ. އިސްކޮޅުގައި ހަ ފޫޓު ފަސްއިންޗިބައި ހުރި ކީޕަރަކު ޓީމުގައި ހުއްޓަސް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދަން ޓީސީއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ ޕެނަލްޓީ ޖަހަން ޖެހުމުން ސުޒޭން "ޖެހިލުންވި" އެވެ.

"މިއަދަކީ އަޅުގަނޑުގެ ހަޔާތުގައި ވެސް އެންމެ ބޮޑަށް ޕްރެޝަރަށް ދިޔަ ދުވަސް. މި ޕެނަލްޓީ ޖަހަންޖެހުނު ހިސާބުން ވަރަށް ބޮޑަށް ޕްރެޝަރަށްދިޔަ،" މެޗަށް ފަހު ސުޒޭން ބުންޏެވެ.

އެއީ ކީއްވެ ހެއްޔެވެ؟ ކާމިޔާބުނޫން އެއްޗެއް ސުޒޭން ބޭނުމެއްނުވާނެ އެވެ. އެކެއް ބާއްވާފައި ދޭއް ނުވަތަ ތިނަކަށް މަސައްކަތް ކުރުމަކީ އޭނާގެ ސިފައެއްނޫނެވެ. މީގެ އިތުރުން ރާއްޖޭގެ ކޯޗުންގެ ތެރެއިން މުހިންމު އަދި ތާރީހީ ކަންކަމާއި ދުވަސްތަކާއި ސާއަތްތައް ފާހަގަކޮށް އެކަންކަން ހާސިލްކުރުމަށް މަސައްކަތް ކުރާ ހަމައެކަނި ކޯޗަކީ ވެސް އޭނާ އެވެ. މިއީ ސުޒޭން ޕްރެޝަރަށް ހިނގައިދާނެ ކަމަށް އަޅުގަނޑަށް ވިސްނޭގޮތްތަކެކެވެ.

މިކަމާ ވިކްޓަރީ އާއި ވެލެންސިއާ އަދި ލެގޫންސްގެ ކުރީގެ ކުޅުންތެރިޔާ ބުނަނީ ކީކޭ ހެއްޔެވެ؟

"މި މުބާރާތަކީ ވަރަށް ތާރީހީ މުބާރާތެއް. 45 އަހަރަށް ފަހު ގައުމީ މުބާރާތް އަތޮޅުތެރޭގައި، އައްޑޫ ފަސްގަނޑުގައި މި ބާއްވަނީ. އެހެންވީމަ މިއީ ތާރީހީ މުބާރާތެއް. އަޅުގަނޑަކީ ތާރީހަށް ލޯބިކުރާ މީހެއް. އެހެންވީމަ މިތާރީހީ މުބާރާތް ކާމިޔާބުކުރަން އަޅުގަނޑުބޭނުން. ވަރަށް ބޮޑަށް އެކަމަށް ކުރާހިތުން މިހުރީ،" ސުޒޭން މެޗަށް ފަހު ބުންޏެވެ.

އެއީ ތެދެކެވެ. ކުރިއަށް އޮތީ ވެސް ތާރީހާ ގުޅިފައިވާ ކަމެކެވެ. ސުޒޭން އެންމެ "ލޯބިވާ" ވިކްޓަރީ ހޯދި ކާމިޔާބީއާ ހަމަހަމަކުރަން ފައިނަލުގައި އޭނާގެ މިހާރުގެ ޓީމާ ދެކޮޅަށް ނުކުންނާނީ ނިއުރޭޑިއަންޓެވެ. ނިއު އަކީ ފުޓްބޯޅައިގައި ސުޒޭންގެ އެއްނަންބަރު ވާދަވެރިޔާ އެވެ. އަނެއްކޮޅުން އަމިއްލަ އެތައް ހާއްސަ ކާމިޔާބީތަކެއް ވެސް ހާސިލްކުރެވެން މި ފައިނަލަކީ ހަގީގަތުގައި މިއަދުގެ ޕެނަލްޓީގެ ވަގުތަށްވުރެ ސުޒޭނަށް ޕްރެޝަރުބޮޑު 90 މިނިޓަށް ވާނެ އެވެ.