ބާސެލޯނާ

ފާޓީ އާއި މެސީގެ ލަނޑުތަކުން ބާސާ މޮޅުވެއްޖެ

ޒުވާން އަންސުމާން ފާޓީ (އަންސޫ ފާޓީ) އާއި ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކުރި ދެ ލަނޑުން ލެގަނޭޒްގެ މައްޗަށް 2-0 ން އެފްސީ ބާސެލޯނާ މޮޅު ވެއްޖެ އެވެ.

މެޗުން މޮޅުވެ، ބާސާ ވަނީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑްގެ މައްޗަށް ފަސް ޕޮއިންޓް ލީޑެއް ނަގާފަ އެވެ. ކޮރޯނާ ވައިރަސްއަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ރެއާލް މަޔޯކާ އާ ދެކޮޅަށް ނުކުތް ޓީމަށް، ބާސާގެ ކޯޗް ކީކޭ ސެޓިއެން ވަނީ ބަދަލު ގެނެސްފަ އެވެ. ރޭ ލެގަނޭޒް އާ ދެކޮޅަށް ނުކުތުމުގެ ކުރިން ވެސް އޭނާ ބުނެފައި ވަނީ ޓީމު ރޮޓޭޓް ކުރާނެ ކަމަށެވެ.

މެޗަށް ބާސާގެ ފުރަތަމަ 11 އޭނާ ނެރުނީ ފަސް ބަދަލާ އެކު އެވެ. އަންސޫ ފާޓީ، އާތާ މެލޯ، އީވާން ރަކިޓިޗް، ޖޫނިއާ ފިރުމޯ އަދި ކްލެމެންޓް ލެންގްލެޓަށް ވަނީ މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދީފަ އެވެ.

މަޔޯކާ ގައި ކުޅުނު މެޗު ހަލުއިކޮށް ފެށި ނަމަވެސް ރޭ އަމިއްލަ ދަނޑު ކޭމްޕް ނޯ ގައި މެޑްރިޑަށް ނިސްބަތްވާ ލެގަނޭޒް އާ ދެކޮޅަށް ބާސާ އިން މެޗު ފެށީ ލަސް ޓެމްޕޯއެއްގަ އެވެ. މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ވެސް ލެގަނޭޒްއިންނެވެ. ލެގަނޭޒްގެ ހާވިއޭ އެރާސޯ ފޮނުވާލި ބޯޅަ ލެންގްލެޓް އަށް ޖެހުނީ ގޯލް ކުރިމަތިން ދިފާއު ކުރާށެވެ. އޭނާ ދިފާއު ކުރި ބޯޅަ ލިބުނީ ލެގަނޭޒްގެ މެގުއެލް އެންހަލް ގުއެރޭރޯ އަށެވެ. ގުއެރޭރޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވަފައި ވަނިކޮށް ފާޓީ ވަނީ، ފިރުޕޯ ތަނަވަސް ކޮށް ދިން ފުރުސަތަކުން ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ދެ ވަނަ ލަނޑެއް ޖެހުމަށް ބަސާއަށް އުނދަގޫ ކުރިމަތި ވެގެން ދިޔަ އެވެ. އެންޓްއާން ގްރީޒްމަން ގޯލަށް ފޮނުވާލި ބޯޅަ ވެސް ވީއޭއާރުން ކެންސަލް ކުރީ އެ ބޯޅަ ގްރީޒްމަން އަށް ދިން ނެލްސަން ސެމޭޑޯ އޮފްސައިޑް މަޅީގައި ޖެހިފައި ހުރުމުންނެވެ.

ބާސާގެ ދެ ވަނަ ލަނޑު މެސީ ކާމިޔާބު ކުރީ، ސުވާލު އުފެދުނު ގޮތަކަށް ލިބުނު ޕެނަލްޓީންނެވެ. ލެގަނޭޒްގެ ޕެނަލްޓީ އޭރިއާ ބޭރުން އެ ޓީމުގެ ތިން ކުޅުންތެރިން ކަޓުވާުލުމަށް ފަހު މެސީ ބާސާގެ އެހެން ކުޅުންތެރިޔަކަށް ބޯޅަ ދީ، ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ތަނުން މެސީ އޭރިއާ ތެރެއަށް ވެއްޓުނެވެ. މެޗުގެ ރެފްރީ ހުއާން މާޓިނޭޒް ދެއްކީ ޕެނަލްޓީ އެއް ކަމަށެވެ. އެހެން ނަމަވެސް ވީޑިއޯ ރިޕްލައިން ފެނުނީ ލެގަނޭޒްގެ ޖޮނަތަން ސިލްވާ ގައިގައި ޖެހިފައި މެސީ ވެއްޓުނު ތަނެވެ. ސިލްވާ އެއްވެސް ވަރަކަށް މެސީ އަށް ޗާޖު ކުރިތަނެއް ނުފެނެ އެވެ.