ނިކަމެތި އާއިލާތަކުގެ ކުދިންނަށް ހިލޭ ކެއުން ފޯރު ކޮށްދޭ ޕްރޮގްރާމް ސްކޫލްގެ ޓާމު ނިމުނަސް ހުއްޓާ ނުލަން މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް މާކޯސް ރަޝްފާޑް ހިންގި ކެމްޕޭނަށް އިނގިރޭސި ސަރުކާރުން އިޖާބަ ދީފި އެވެ.
އިނގިރޭސި ސަރުކާރުން ކުރިން ވިސްނުން ގެންގުޅެމުން އައީ ހޫނު މޫސުމުގެ ސްކޫލް ޗުއްޓީގައި ހިލޭ ކެއުން ފޯރުކޮށް ނުދިނުމަށެވެ. އިނގިރޭސި ވިލާތުގައި ތަނަވަސްކަން ނެތް އާއިލާތަކުގެ ކުދިންނަށް ސްކޫލް މެދުވެރިކޮށް ކެއުން ފޯރުކޮށް ދެ އެވެ. ރަޝްފާޑް ވަނީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެ ނުވަތަ ހައުސް އޮފް ކޮމަންސްގެ މެންބަރުންނަށް ސިޓީ އެއް ފޮނުވާފަ އެވެ.
އެ ސިޓީގައި އޭނާ އެދިފައި ވަނީ ކުދިންނަށް ފޯރުކޮށްދޭ ކެއުމުގެ ޕްރޮގްރާމް ސްކޫލް ބަންދު ވިޔަސް ހުއްޓާ ނުލުމަށެވެ. ކުރިން ހަމަޖެހިފައިވާ ގޮތުން ކުދިންނަށް ދޫކޮށްފައި ވައުޗަރުގެ ދަށުން ހިލޭ ކެއުން ލިބޭނީ މިދިޔަ މަހުގެ ނިޔަލަށެވެ. ރަޝްފާޑްގެ ކެމްޕޭނަށް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. ސޯޝަލް މީިޑިއާގައި އާންމުން އެކަމަށް ޝުއޫރު ފާޅު ކުރަން ފެށުމުން އިނގިރޭސި ސަރުކާރަށް ވެސް ވަނީ ވިސްނުން ބަދަލު ކުރަން މަޖުބޫރު ވެފަ އެވެ.
"ކޮރޯނާ ވައިރަސްގެ ހާލަތަށް ވިސްނައި ބޮޑު ވަޒީރު [ބޮރިސް ޖޯންސަން] އަށް އެނގިވަޑައިގަންނަވާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންގެ ތަހައްމަލު ކުރާނެ ހާލަތު،" އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ތަރުޖަމާނު ވިދާޅުވި އެވެ. "މިކަމާ ގުޅިގެން އަހަރެމެން ފޯރު ކޮށްދޭނަމަ ކޮވިޑް ސަމާ ފުޑް ފަންޑު، މީގެ ދަށުން ކައެއްޗިހި ގަތުމަށް ހަ ހަފުތާ އަށް ވައުޗަރު ލިބިގެން ދާނެ."
ބޮޑުވަޒީރުގެ އޮފީހުން އެހެން އިއުލާން ކުރުމުން ރަޝްފާޑް ޓްވީޓާގައި ލިޔެފައި ވަނީ، އުފަލުން ބުނާނެ އެއްޗެއް ވެސް ނޭންގޭ ކަމަށެވެ. އޭނާ ބުނީ އެކުއެކީގައި މަސައްކަތް ކޮށްފިނަމަ ކަންކަން ކާމިޔާބު ކުރެވޭނެ ކަން އެނގިގެންދާ ކަމަށެވެ.