ރާއްޖެ ކުޅިވަރު

މިއީ ޓީސީ އަށް ކާމިޔާބު މުބާރާތެއްނޫން: ނިޒާމްބެ

Sep 27, 2015

ޕްރެޒިޑެންޓްސް ކަޕުގައި ޓީސީ ދެއްކި ކުޅުމަށް ގިނަ ބަޔަކު ތައުރީފް ކުރި ނަމަވެސް މިއީ އެ ޓީމަށް ކާމިޔާބު މުބާރާތެއްނޫން ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ޕެނަލްޓީ ޖަހައިގެން 4-2އިން މާޒިޔާއަތުން ބަލިވެ، މުބާރާތުން ކެޓި މެޗަށް ފަހު ނިޒާމްބެ ބުނީ ޓީސީ ނުކުތީ ތަށި ކާމިޔާބު ކުރަން ކަމަށާއި އެކަން ނުވުމުން މުބާރާތް ކާމިޔާބު މުބާރާތަކަށްނުވާނެ ކަމަށެވެ.

"ޓީސީ ނުކުތީ ޕާފޯމް ކުރާކަށްނޫން. ތަށި ހޯދަން. ތަށި ނުލިބުނީމަ މިއީ ކާމިޔާބު މުބާރާތެކޭ ނުބުނެވޭނެ. އެކަމަކު މިއަދު ޓީސީ ދެއްކި ކުޅުމުން އެންމެނަށް ވެސް އެނގިގެން ހިނގައްޖެ ރާއްޖޭގައި ބޯޅަ ކުޅެވޭނީ ވަކިބަޔަކަށްނޫންކަން. މަސައްކަތްކޮށްފިއްޔާ އެންމެނަށް ވެސް ބޯޅަކުޅެވޭނެކަން،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މާޒިޔާ މޮޅުވީ އެ ޓީމުގައި ހުރި އިސްކޮޅުގައި ހަފޫޓު ފަސްއިންޗިބައި ހުރި ކިރިގިސްތާނުގެ ގައުމީ ކީޕަރުގެ އިސްކޮޅުގެ ސަބަބުން ކަމަށެވެ.

"ދެން (ޓީސީ) ކީޕަރަށް ވެސް އެންމެ ރަނގަޅަށް ކޮންސަންޓްރޭޝަން ނުކުރެވުނީ. އެންމެ ރަނގަޅަށް ޕެނަލްޓީ ޖަހާ ދެ ކުޅުންތެރިން އަތުން ޕެނަލްޓީ ނާކާމިޔާބުވީ ވެސް. ޓީސީ އަކީ ޕެނަލްޓީ ޖަހަންވެއްޖެނަމަ އަބަދުވެސް މޮޅުވާ ޓީމެއް. އެކަމަކު މިއަދު އެ ނަސީބުނެތީ،" ނިޒާމްބެ ބުންޏެވެ.