ޔުވެންޓާސް

ކޮޕާ އިޓާލިއާ: ބުފޯން ތާރީހީ ރެކޯޑަކަށް ނުކުންނަނީ

އިޓާލިއަން ކަޕްގެ ފައިނަލުގައި މިރޭ ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން، އިޓާލިއަން ކަޕް އެންމެ ގިނައިން ހޯދި ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ޔުވެންޓަސްގެ ގޯލްކީޕަރު ޖިއާންލުއީޖީ ބުފޯން އަށް މިރޭ ލިބިގެން ދާނެ އެވެ.

އުމުރުން 42 އަހަރުގެ ކީޕަރަކީ އަދިވެސް ޔޫރަޕްގައި ހުރި އެންމެ ކާމިޔާބު ކީޕަރެވެ. މިރޭ އޭނާގެ ނަމަށް އިތުރު ކުރުމުގެ ފުރުސަތު ލިބިގެންދާ ރެކޯޑް މިހާރު އޮންނަނީ ސްމްޕްޑޯރިއާ އާއި ލާޒިއޯ އަށް ކުރިން ކުޅުނު ފޯވަޑް އިޓަލީގެ ގައުމީ ޓީމު މިހާރުގެ ކޯޗް ރޮބާޓޯ މަންޗިނީ އަތުގަ އެވެ.

މަންޗިނީ ވަނީ ހަ ފަހަރު ކޮޕާ އިޓާލިއާގެ ތަށި ކާމިޔާބު ކޮށްފަ އެވެ. ޔުވެންޓަސް އާއެކު މީގެ ކުރިން ހަތަރު ފަހަރު ކޮޕާ އިޓާލިއާ ކާމިޔާބު ކުރި ކީޕަރަށް މިރޭގެ މެޗު ކަމިޔާބު ކޮށްގެން މަންޗިނީގެ ރެކޯޑާ ހަމަހަމަ ކުރެވޭނެ އެވެ. ބުފޯން ފުރަތަމަ ކޮޕާ އިޓާލީއާ ކާމިޔާބު ކުރީ ޕާމާ އާ އެކު 1999 ގަ އެވެ.

މަންޗިނީ ބުނީ، އޭނާގެ ރެކޯޑާ ބުފޯން ފަދަ ކުޅުންތެރިޔަކު ހަމަހަމަ ކުރުމުން އުފާ ވާނެ ކަމަށެވެ. މިރޭގެ ކޮޕާ އިޓާލިއާ ފައިނަލާ ބެހޭގޮތުން އޭނާ ބުނީ، ފެނިގެން ދާނީ ވަރަށް ހަމަހަމަ މެޗެއް ކަމަށެވެ. އޭނާ ވަނީ ނަޕޯލީގެ ކޯޗް ޖެނާރޯ ގަޓޫސޯއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ގަޓޫސޯ އަކީ ހަމައެކަނި ކުޅުންތެރިން މޯޓިވޭޓް ކުރަން އެނގޭ ކޯޗެއް ނޫން ކަމަށެވެ. މޯޓިވޭޓް ކުރުމާއެކު އޭނާގެ އެހެން ކޮލިޓީވެސް މަތިވާނެ ކަމަށް މަންޗިނީ ބުންޏެވެ.

މިރޭގެ މެޗު ކާމިޔާބު ކޮށްފިނަމަ 14 ވަނަ ފަހަރަށް ޔުވެންޓަސްއަށް އިޓާލިއަން ކަޕް ކާމިޔާބު ވީ އެވެ. އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް ޔުވެންޓަސް އެވެ.