ހަބަރު

"ތަކުރު ވޯސްް"ގެ ނަމުގައި ގޭމެއް

Jun 18, 2020

ދިރާގާއި ރާއްޖޭގެ ގޭމް ޑިވެލޮޕާއެއް ކަމަށްވާ "އާސިލްސް" ގުޅިގެން މޯބައިލް ގޭމެއް ތައާރަފު ކޮށްފި އެވެ.

"ތަކުރު ވޯސް" ގެ ނަމުގައި ތައާރަފު ކުރި މި ގޭމަކީ ރާއްޖޭގެ ފުރަތަމަ އޮންލައިން މަލްޓި ޕްލެޔާ ނުވަތަ އެކަކަށް ވުރެ ގިނަ މީހުނަށް އެއްފަހަރާ ކުޅެވޭ ގޭމެވެ. ދިވެހި ކެރެކްޓާތަކާއި މާހައުލު ދައްކުވައި ދޭ މި ގޭމުގައި ރާއްޖޭގެ އާދަކާދަ އާއި ތާރީހީ ކަންކަމާއި ސަގާފަތް ވެސް ހިމަނާފައި ވެއެވެ.

ދިރާގުން ބުނީ، ގޭމުގައި ދިވެހި ފަސް ކެރެކްޓާ އެއް އުޅޭނެ ކަމަށާއި އެ މީހުން ބޭނުން ގޮތަކަށް ކަސްޓަމައިޒް ކޮށް "ސުޕާ ޕަވާސް" އަދި ހަތިޔާރުތައް ބޭނުން ކޮށްގެން އެހެން ގޭމާސް އާ ވާދަކޮށް ގޭމުގެ ލީޑަބޯޑުގެ ކުރިއަށް އެރޭނެ ކަމަށެވެ.

މި ގޭމް މިހާރު ޕްލޭ ސްޓޯ އަދި އެޕް ސްޓޯ އިން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

ދިރާގުގެ މެނޭޖާ ބިޒްނަސް ޑިވެލޮޕްމެންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް އެކަކު އަނެކަކާ ގުޅުވައި ދޭން ކަމަށެވެ. އަދި މިއީ މި ދުވަސްކޮޅު މުނިފޫހިފިލުވުމަށާއި ރައްޓެހިންނާ ދުރުގައި ތިއްބަސް އެކުގައި ކުޅެލެވޭނެ ގޭމެއް ކަމަށެވެ.

ގޭމް އުފެއްދި އާސިލްސްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝާފިއު ވިދާޅުވީ، ދިވެހި ގޭމެއް އުފެއްދުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.