އޮފްބީޓް

ދެރަވެ، ފޭރުނު އެއްޗެހި އަނބުރާ ދީފި!

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އެއް ވީޑިއޯ އަކީ އިންސާނިއްޔަތުކަން އަދިވެސް ދުނިޔޭގައި އެބައޮތް ކަމުގެ ރަނގަޅު މިސާލެކެވެ. ވީޑިއޯގައި ފެންނަނީ އާއްމުކޮށް ނުފެންނަ ކަހަލަ މަންޒަރެކެވެ. އެހެންވެ ވީޑީއޯ ބެލި ގިނަ ބަޔަކު ވެސް ވަނީ މި މަންޒަރާ މެދު ހައިރާންވެ މިއީ ވަރަށް މަދުން ނޫނީ ދިމާނުވާނެ ކަމެއް ކަން ފާހަގަ ކޮށްފަ އެވެ. މިއީ އިންސާނިއްޔަތުކަމުގެ ރަނގަޅު މިސާލެއް ކަމަށް ވީޑިއޯ ބަލާފައި ގިނަ ބަޔަކަށް ބުނެވެނީ އޭގައި ފެންނަ މަންޒަރުތަކުގެ ގޮތުންނެވެ.

ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ވީޑިއޯ އަކީ ޕާކިސްތާނުގެ ކަރާޗީގެ މަގެއްގައި ހުރި ސީސީޓީވީ ކެމެރާއަކުން ރެކޯޑް ކޮށްފައިވާ މަންޒަރެކެވެ. މި ވީޑީއޯގައި ފެންނަނީ ސައިކަލެއްގައި އަންނަ ދެ މީހަކު ޑެލިވަރީ ބޯއީ އެއްގެ އަތުން ފޭރޭ މަންޒަރެވެ.

ޑެލިވަރީ ކުރާ މީހާ ތަނަކަށް އެއްޗެއް ހަވާލު ކުރުމަށް ފަހު އެނބުރި އައިސް އޭނާގެ ސައިކަލަށް އަރަން އުޅެނިކޮށް ފޭރޭ ދެ މީހުން ސައިކަލެއްގައި ގޮސް އެމީހާއާ އަރާ ހަމަކޮށް އޭނާ މަޑުކުރުވަ އެވެ. އަދި އޭނާގެ އަތުގައިވާ ފޯނާއި ފައިސާތައް ފޭރިގަނެ އެވެ. ނަމަވެސް ފޭރިގެން ފިލާ ރައްކާވުމުގެ ބަދަލުގައި އެމީހުން ކުއްލިއަކަށް އެމީހާއާ ވާހަކަ ދައްކަން ފަށާތަން ވީޑިއޯގައި ފެނެ އެވެ. ދެން އިރުކޮޅަކުން ފެންނަނީ އެމީހުން ފޭރުނު ހުރިހާ އެއްޗެއް އަނބުރާ ޑެލިވަރީ ބޯއީ އަށް ދޭ ތަނެވެ.

ޑެލިވަރި ބޯއީ އަށް ދެރަވެގެން ރޮވުމުން އެމީހުން އޭނާ ހިތްހަމަޖައްސައި ދޭން ވާހަކަ ދައްކާ އަދި ފަހުން އޭނާގެ ގައިގައި ބައްދާލާ މަންޒަރު ވެސް ފެނެ އެވެ.

ޑެލިވަރީ ބޯއީ ލޯ ފޮހެލާ ތަނާއި އޭނާ އަތުން ފޭރެން އުޅުނު މީހުން ސައިކަލަށް އަރައިގެން ދާ މަންޒަރު ވެސް މި ވީޑިއޯގައި ފެނެ އެވެ. އެމީހުންގެ މެދުގައި ދެކެވުނީ ކޮން ވާހަކައެއް ކަމެއް ނޭނގެ އެވެ. ނަމަވެސް ޑެލިވަރީ ބޯއި ދެއްކި ވާހަކަ ތަކުން ފޭރެން އުޅުނު ދެ މީހުންނަށް ވަރަށް އަސަރު ކުރި ކަން ވީޑިއޯ އަށް ބެލުމުން ޔަގީން ކުރެވެ އެވެ.

މި ވީޑިއޯއަށް ސޯޝަލް މީޑިއާގައި ކޮމެންޓުކުރި ބައެއް މީހުން ބޭނުންވީ ފޭރެން އުޅުނު ދެ މީހުން ހޯދާ އެމީހުންނަށް ޝުކުރު އަދާ ކުރާށެވެ. އަދި ފޭރޭ ދެ މީހުންގެ ހިތުން ވެސް އިންސާނިއްޔަތުކަން މަރު ނުވާކަން މި ވީޑިއޯއަށް ބެލުމުން ހާމަވެއްޖެ ކަމަށް އެހެން މީހެއްގެ ކޮމެންޓުގައި ބުނެފައި ވެއެވެ.

"ހިތް ހެޔޮ ފޭރޭ ބައެއް،" ޓުވިޓާގައި މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.