ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް ކަމަށް ވާ "ހަވީރު" ނޫހުގެ މިލްކުވެރިކަމުގެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
"ހަވީރު" ނޫހާއި އެ ނޫހުގެ ދަށުން ހިންގާ ލޯމާފާނު ޕްރިންޓްގައި ހިއްސާ އޮންނާނެ ކަމަށް ބުނެ "ހަވީރު"ގެ ޗެއާމަން ޑރ. ޒާހިރު ހުސައިނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުއާގޭ އިބްރާހިމް ރަޝީދު މޫސާ އެވެ. ނަމަވެސް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުކުމްކުރީ "ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓްގައި އެ ދެ ބޭފުޅުންގެ ހިއްސާއެއް ނެތް ކަމަށާއި އެތަނުން ލިބުނު ފައިދާގެ އެއްވެސް މިންވަރެއް އެ ދެ މީހުންނަށް ދޭން ނުޖެހޭނެ ކަމަށެވެ.
އެގޮތަށް ދަށު ކޯޓުން ހުކުމް ކުރުމުން އެ ދެ ބޭފުޅުންގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އެ މައްސަލަ ހައި ކޯޓުން މިހާރު ބަލައިގެންފަ އެވެ.
މެދުކެނޑުމެއް ނެތި ނެރޭތާ 35 އަހަރު ވެފައިވާ "ހަވީރު" ވިއްކާލަން އުޅެނިކޮށް އެ ދެ ބޭފުޅުން އެ މައްސަލަ ކޯޓަށް ހުށަހެޅުމާ އެކު އެތަން ވިއްކާ ނުލަން ކޯޓުން ކުރިން ވަގުތީ އަމުރެއް ވެސް ނެރުނެވެ. ނަމަވެސް ފަހުން ވަނީ އެތަން ވިއްކާނުލަން ނިންމައިފަ އެވެ.