މާފަރު އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުުރުމުގެ ދާއިމީ ހުއްދަ ހޯދުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިމަހުގެ ނިޔަލަށް ނިންމާނެ ކަމަށް މާފަރު އެއާޕޯޓް ހިންގާ ކުންފުނިން ސަރުކާރަށް އަންގައިފި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ބުނީ މާފަރު އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް އޮކްޓޫބަރު 16، 2018 އިން ފެށިގެން ޖައްސަމުންދިޔަ ނަމަވެސް އެއީ ވަގުތީ ހުއްދައެއްގެ ދަށުން ޖައްސަމުންދާ ޗާޓަރު ފްލައިޓްތަކެއް ކަމަށެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި A320/321 އަދި B737 ފްލައިޓްތައް ޖައްސާފައިވާ ކަމަށެވެ.
މާފަރު އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުުރުމުގެ ދާއިމީ ހުއްދަ ދެވޭނީ ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރަންޓީން ފެސިލިޓީތައް ގާއިމްކުރުމުގެ އިތުުރުން ސިވިލްއޭވިއޭޝަން އޮތޮރިޓީން ހުއްދަކުރާ ބަދަލުތައް ޓާމިނަލްއަށް ގެނައުން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މި ބަދަލުތައް މިމަހުގެ ނިޔަލަށް ގެންނާނެ ކަމަށް މާފަރު އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ސަރުކާރަށް އަންގާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މާފަރު އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއު މިހާރު ވަނީ ފަށާފައެވެ. އަދި އަމާޒަކީ ބޮއިން 777 ގެ ޓުވިން ޖެޓް ޖެއްސުން އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފަ އެވެ.
މާފަރުގައި އެއާޕޯޓެއް އަޅާނެކަން ފުރަތަމަ އިއުލާނު ކުރެއްވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާފަރުގައި އެއާޕޯޓު އަޅަން ދެ ކުންފުންޏަކާ ހަވާލު ވެސް ކުރި އެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.
އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގަ އެވެ.