މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

އަދި މާފަރު އިންޓަނޭޝަނަލް ކުރެވޭކަށް ނެތް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއައި) ގައި ބޭރުން އަންނަ ބޮޑެތި ފްލައިޓްތައް ޖެއްސޭނެ ދުވަހެއް ނޭންގޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ރޭ އޮތް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ބައެއް މެންބަރުން ވަނީ މާފަރު އެއާޕޯޓަށް ބޭރުގެ ފްލައިޓްތައް ޖައްސަން ފަށާނީ ކޮން އިރަކުތޯ ސުވާލު ކުރައްވާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ރޭ ވިދާޅުވީ މާފަރު އެއާޕޯޓަކީ "ފުލީ އިންޓަނޭޝަނަލް" އެއާޕޯޓެއް ނޫން ކަމަށާ އެ އެއާޕޯޓަށް ބޭރުގެ ފްލައިޓްތައް ޖައްސަން އަދި ތައްޔާރު ނޫން ކަމަށެވެ. މި ވަގުތު މާފަރު އެއާޕޯޓަށް ދީފައިވަނީ އިންޓަނޭޝަނަލްގެ ވަގުތީ ހުއްދައެއް ކަމަށާ ބޭރުގެ ފްލައިޓްތައް ޖައްސަން ފުރިހަަމަ ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.

އެގޮތުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތް އިތުރަށް ފުޅާ ކުރުމާއި، ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފަސިންޖަރުންނަށް ވަކިން ހިދުމަތް ދެވޭނެ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ. އެއިން އެއްވެސް ކަމެއް މިހާތަނަށް ކުރެވިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުުރުން މިހާރު މާފަރު އެއާޕޯޓުން ހިދުމަތް ދެވެނީ 100 ފަސިންޖަރުންނަށް ކަމަށާ އެއީ ބޮޑެތި ބޯޓް ފަހަރު ޖެއްސޭނެ އަދަދެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އެކަން ކުރެވޭނީ ހިދުމަތްތައް ފުރިހަމަވީ ދުވަހަކުން."

ޒުހައިރު ވިދާޅުވީ އިންޓަނޭޝަނަލް އެފަދަ އެއާޕޯޓަކުން ފިއުލް ލިބެން ހުންނަން ޖެހޭނެ ކަމަށާއި ދިމާވާ އިމަޖަންސީ ހާލަތެއްގައި ފުރިހަމައަށް ފަރުވާ ދެވޭނެ މެޑިކަލް ފެސިލިޓީ ގާއިމް ކޮށްފައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި ބޭރުގެ އެއްވެސް އެއާލައިނަކުން އެއާޕޯޓަކަށް ދަތުރު ކުރަން ފަށާނީ އެ ހުރިހާ ކަމެއް ފުރިހަމަ ވެފއި ވޭތޯ ބަލަން އޮޑިޓެއް ހެދުމަށްފަހު ކަމަށްވެސް ޒުހައިރު ވިދާޅުވި އެވެ.

"މާފަރު އިންޓަނޭޝަނަލްކޮށްފައި ފިއުލް ރިފިއުލް ކުރަން އެހެން ތާކަށް ދާން ޖެހޭނަމަ އެ އާޕޯޓް ބޭނުން ކުރުމުގެ ބޭނުމެއް ނެތް."

ޒުހައިރު ވިދާޅުވީ އެކަންކަން ފުރިހަމަވެ، މާފަރު އެއާޕޯޓް ފުލީ އިންޓަނޭޝަނަލް ކުރުމާމެދު ގޮތް ނިންމާނީ އެއާޕޯޓް އޮޕަރޭޓްކުރާ ފަރާތުން ކަމަށެވެ. މާފަރު އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއު މިހާރު ވަނީ ފަށާފައެވެ. އަދި އަމާޒަކީ ބޮއިން 777 ގެ ޓުވިން ޖެޓް ޖެއްސުން އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފަ އެވެ.


މާފަރުގައި އެއާޕޯޓެއް އަޅާނެކަން ފުރަތަމަ އިއުލާނު ކުރެއްވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާފަރުގައި އެއާޕޯޓު އަޅަން ދެ ކުންފުންޏަކާ ހަވާލު ވެސް ކުރި އެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.

އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގަ އެވެ.