ގދ. މާވަރުލު އެއާޕޯޓަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން މާވަރުލު އެއާޕޯޓަށް ދަތުރުތައް ފެށުމަށް ތާވަލް ކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން އެކަން ވަނީ ފަސްކޮށްފައެވެ. އެންމެ ފަހުން ކަނޑައެޅި ތާރީހުގައި އެކަން ނުކުރެވުނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރުތައް ނޫން ދަތުރެއް ނުކުރަން ސަރުކާރުން އިލްތިމާސް ކުރުމާއި ގުޅިގެންނެވެ.
ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ބުނީ އަންނަ މަހުގެ 1 ވަނަ ދުވަހު މާވަރުލު އެއާޕޯޓްގެ ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
ގދ. ގައްދޫ ކައިރީގައިވާ މާވަރުލުގައި އެއާޕޯޓެއް ހަދަން އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް ހިއްސާވާ މޫވިން އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށް އެމްޑީޕީގެ ސަރުކާރުން ޖުލައި 10، 2011 ގައެވެ. މާވަރުލު އެއާޕޯޓްގެ ބޮޑުބައެއް ނިމިފައިވަނިކޮށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ސަރުކާރުން މޫވިން އިންޓަނޭޝަނަލްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.
އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އެއާޕޯޓުގެ މަސައްކަތް އަލުން ހަވާލު ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެކުންފުންޏަށް އެއާޕޯޓުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެއާޕޯޓުގެ މަސައްކަތް ވަރަށް ބޮޑަށް ވަނީ މަޑުޖެހިފަ އެވެ.
މާވަރުލު އެއާޕޯޓާ ގުޅިފައިވާ އެއަތޮޅުގެ ރައްޔިތުން ވަނީ އެއާޕޯޓުގެ މަސައްކަތް ދިގުލައިގެން ދިޔުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެމްޓީސީސީން ބުނީ އެއާޕޯޓުގެ މަސައްކަތް ނިންމާފައިވަނީ ކަނޑައެޅި ތާރީހަށްވުރެ އަވަހަށް ކަމަށެވެ.
މާވަރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖަލްސާފައިވަނީ މާޗް މަހުގެ ކުރީކޮޅުގައެވެ.