ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މަޖިލީހުގެ 29 މުވައްޒަފަކު އެކަހެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދީރީ މުވައްޒިފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އެކޭސްއާއި ގުޅިގެން 29 މީހަކު އެކަހެރިވާން އަންގާފައިވާނެ ކަމަށް އެންއީއޯސީން ބުނެފި އެވެ.

މަޖިލީހުގެ މެއިންޓެނެންސް ޑިޕާޓްމަންޓްގެ މުވައްޒަފަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމުން އޭނާގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެންއީއޯސީން މިރޭ ބޭއްވި ނިއުސް ކޮންޕަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މަޖިލިސް ކޭސްއާއި ގުޅިގެން 29 މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ. އޭނާގެ ކްލޯސް ކޮންޓެކްޓްގެ ގޮތުގައި 11 މީހަކު ވަނީ ފާހަގަ ކުރެވިފައެވެ.

މަޖިލީހުގެ އިދާރާއިން ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.

އެގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި މަޖިލީހުގެ އިދާތާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި ކޮވިޑްގެ-19 އާ ގުޅިގެން އާންމު ކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ރައްްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްފަހު މަޖިލީހުގެ މަސައްކަތްތައް އިދާރާގައި ކުރިއަށް ގެންދާނެ އެވެ.

"... މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށިއިރު ވެސް މިފަދަ ކަމެއް މެދުވެރިވެދާނެ ކަމަށްބަލާ، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އެޅިފައި. އަދި ރޯގާއާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން، އެހެން ނަމަވެސް މަޖިލީހުގެ މަސައްކަތްތައް މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ އަމާޒެއް،" އެ ބަޔާނުގައި ވެއެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް މަޖިލީހުގެ އިދާރާގައި ޖަލްސާތައް ފެށުމަށް ނިންމުމުން ވެސް ގިނަ ބަޔަކު އޭރު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ލޮކްޑައުންއަށް ބަލައިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓާލާފައި ބޭއްވެން ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އެޗްޕީއޭއަށް ފޮނުއްވި ސިޓީއާއި ގުޅިގެން އެންމެ ފަހުން އެޗްޕީއޭއިން ވަނީ ޖަލްސާތައް ކުރިއަށް ގެންދަން ހުއްދަދީފަ އެވެ.