ކުޑަހުވަދޫ

ކުޑަހުވަދޫ އެއާޕޯޓަށް ޖެޓު ޖެއްސުމުގެ ހުއްދައަށް އެދެފި

ދ. ކުޑަހުވަދޫ އެއާޕޯޓަށް ޖެޓު ޖެއްސުމުގެ ހުއްދައަށް އެދިފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ ދ. ކުޑަހުވަދޫ އެއާޕޯޓަށް ޕްރައިވެޓް ޖެޓު ޖެއްސުމުގެ ހުއްދައަށް އެދިފައިވާ ކަމަށެވެ. އަދި އެ ހުއްދަދީ އިންޓަނޭޝަނަލް އޮޕަރޭޝަނަށް ހުއްދަ ދޭނީ އެއާ އޮޕަރޭޓާސް ސެޓްފިކެޓް ލިބުމަށްފަހު ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ކުންފުނި ވިލާ އެއާއިން އދ. މާމިގިލީގައި ހަދާފައިވާ ވައިގެ ބަދަރު އިންޓަނޭޝަނަލް ކުރަން ހުށައަޅާ ޕްރައިވެޓް ޖެޓްތައް އޮޕަރޭޓްކުރަން ހުއްދައަށް އެދިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެ ހުއްދަވެސް ދޭނީ އެއާ އޮޕަރޭޓާސް ސެޓްފިކެޓް ލިބުމަށްފަހު ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމުން ކަމަށް ވަނީ ބުނެފައެވެ.

މާމިގިލީ އެއާޕޯޓް 2013 ވަނަ އަހަރު ވެސް އިންޓަނޭޝަނަލް ކުރި އެވެ. ނަމަވެސް ރައީސް ވަހީދުގެ ސަރުކާރުން ނިންމި އެ ނިންމުން ރައީސް ޔާމީންގެ ސަރުކާރުގައި ބަދަލުކޮށް އެ އެއާޕޯޓް ވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލު ކޮށްފައެވެ. އެއީ 2015 ގައެވެ.

ދާދިފަހުން އޮތް ރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ހާލަތުގައި ގިނަ އެއާޕޯޓްތަކެއް އިންޓަނޭޝަނަލް ކުރުމަކީ ގިނަ ފަސޭހަތަކެއް ލިބި، ރާއްޖޭގެ އިގްތިސޯދަށް ވެސް އޭގެ ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.

ފިރިކަލުން ގާސިމް އިބްރާހިމްގެ ވިލާ އެއާއިން ހިންގާ މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް ހުށައަޅާފައިވާ ކަމަށާ އެކަމާއި ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުން ގެންދާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ. ނަހުލާ ވިދާޅުވީ މާމިގިލި އެއާޕޯޓް ކުރިން އިންޓަނޭޝަނަލް ކުރި ނަމަވެސް އަލުން އެކަމަށް އެދިފައި ވަނީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ބޭނުން ކުރުމަށް ފަހުގައި ކަމަށެވެ. އެހެންވުމުން މި ހާލަތުގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ.

ނަހުލާ ވިދާޅުވީ ގައިޑްލައިންނާ އެއްގޮތަށް ފޮލޯކުރަން ޖެހޭ ކަންކަން ބެލުމަށްފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފެށޭއިރު އެ ހުއްދަ ދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"މި ގައިޑްލައިންގެ ތެރެއިން ފޮލޯކުރަން ޖެހޭ ކަންކަން ނިމުމުން ޓޫރިޒަމް ފެށިގެން ދާއިރު މިގޮތަށް އެދިފައިވާ އެއާޕޯޓްތަކުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި ދަންނަވަން." ނަހުލާ ވިދާޅުވި އެވެ.