ދުނިޔެ

ރެފިއުޖީންނަށް މާކް ޒަކަބާގް ދެނީ ފޭސްބުކް

Sep 28, 2015

އދ. ގެ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ސީއީއޯ ވިދާޅުވީ މިހެން ހެދިއްޖެނަމަ ރެފިއުޖީންނަށް އެހީއަށް އެދެން ފަސޭހަވެ އާއިލާ އާއި ގުޅުން ބޭއްވޭނެ ކަމަށެވެ.

އދ. އިން ދުނިޔޭގެ ކުރިއެރުމަށް ކަނޑައަޅާފައިވާ ގޯލްތައް ހާސިލްކޮށް މީހުން ފަގީރު ކަމުން ސަލާމަތް ކުރުމުގައި އިންޓަނެޓަށް ބޮޑު ރޯލެއް އަދާކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޒަކަބާގް ވިދާޅުވީ ފަސް އަހަރުތެރޭ މުޅި ދުނިޔޭގެ ހުރިހާ ރައްޔިތުންނަށް އިންޓަނެޓް ފޯރުކޮއްދިނުމަށް ކުރަމުންދާ 'ކަނެކްޓިވިޓީ ކެންޕޭނުގައި' ފޭސްބުކް ވެސް ބައިވެރި ވާ ކަމަށެވެ. މި ކަމަށް ކެންޕޭނުކުރާ މަޝްހޫރު ފަރާތް ތަކުގެ ތެރޭގައި ބިލް ގޭޓްސްއާއި، ރިޗާޑް ބްރެންސަންއާއި، ވިކިޕީޑިޔާގެ ޖިމީ ވޭލްސްއާއި ޔޫޓޫގެ ބޯނޯ ހިމެނެއެވެ.

އަދި އދ. ގެ ރެފިއުޖީންގެ ކަންކަމާ ގުޅޭ އިދާރާއާއި އެކު، އެ އިދާރާއަށް އެހީތެރިވުމަށް ފޭސްބުކް ކުންފުނި އޮންނާނެ ކަމަށް ވެސް ޒަކަބާގް ވިދާޅުވިއެވެ.

ދުނިޔޭގެ އާބާދީގެ ތިން ބިލިއަން މީހުންނަށް މިހާރު އިންޓަނެޓް ލިބެއެވެ. ކަނެކްޓިވިޓީ ކެންޕޭނުގެ ބޭނުމަކީ ބާކީ ތިބި ހަތަރު ބިލިއަން މީހުންނަށް ވެސް އިންޓަނެޓް ކަނެކްޝަނެއް ލިބޭނެގޮތް ހެދުމެވެ.

އިންޓަނެޓް ޓެކްނޮލޮޖީ އާއި ގުޅުން ހުރި ކަންކަމުގައި ފޭސްބުކް އަދި މާކް ޒަކަބާގް ގެ ބަސް ގައުމު ތަކުގެ ވެރިންގެ މެދުގައި ވެސް ވިކެއެވެ. މަދުވެގެން މަހަކު އެއްފަހަރު ލޮގިން ވާ 1.5 ބިލިއަން ޔޫޒާސް ފޭސްބުކްގައި އެބަ ތިބި ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިދިޔަ މަހު ފުރަތަމަ ފަހަރަށް ސައުވީސް ގަޑިއިރު ތެރޭ އެއް ބިލިއަން މީހުން ފޭސްބުކް ބޭނުން ކުރިއެވެ.