ވިޔަފާރި

އެސްޓީއޯ އިން ޑިވިޑެންޓް ލިބޭނީ 30 ގެ ކުރިން ހިއްސާ މުއާމަލާތް ކުރުމުން

އެސްޓީއޯގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ނުވަތަ ޑިވިޑެންޑް ލިބޭނީ މިމަހު 30 ގެ ކުރިން ހިއްސާގެ މުއާމަލާތް ކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން ދަނީ އޭޖީއެމް ބާއްވަން ތައްޔާރު ވަމުންނެވެ. ނަމަވެސް އޭޖީއެމް ބާއްވާނެ ތާރީހެއް އެ ކުންފުނިން އިއުލާނެއް ނުކުރެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އޭޖީއެމްގައި ބައިވެރިވެވޭނީ އަދި މިދިޔަ އަހަރުގެ ޑިވިޑެންޑް ލިބޭނީ މިމަހުގެ 30 ގެ ކުރިން ހިއްސާގެ މުއާމަލާތެއް ކޮށްފައިވާ ހިއްސާދާރުންނަށް ކަމަށެވެ.

އެސްޓީއޯ އިން ހަރަދު ކުޑަ ކުރަން އެޅި ފިޔަޅުތަކާއެކު މިދިޔަ އަހަރު ބޮޑު ފައިދާއެއް ވެފައިވެ އެވެ. މިދިޔަ އަހަރު ޓެކްހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 422 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 63 ޕަސެންޓް އިތުރު ވުމެކެވެ.