ދުނިޔެ

މޯދީގެ އެމެރިކާ ދަތުރުފުޅުގައި ސިލިކަން ވެލީ އަށް

Sep 28, 2015

އދ. ގެ ބައްދަލުވުންތަކަށް އެމެރިކާއަށް ވަޑައިގެން އުޅުއްވާ އިންޑިޔާގެ ބޮޑު ވަޒީރުގެ ދަތުރުގައި، ސިލިކަން ވެލީގައި ވަރަށް ފާހަގަ ކޮއްލެވޭ ބައްދަލުވުންތައް ވަނީ ބާއްވަވާފައެވެ. މިގޮތުން ފޭސްބުކް، ގޫގްލް އަދި އެޕަލް އަށް މޯދީ ކުރެއްވި ޒިޔާރަތް ފާހަގަ ކުރެވެއެވެ.

ކެލިފޯނިޔާގެ ސިލިކަން ވެލީ އަކީ އެމެރިކަން ޓެކްނޮލޮޖީގެ މައި ހަބަށް ކިޔާ ވަނަމެކެވެ. މި ހިސާބުގަނޑު ހާއްސަވަނީ ދުނިޔޭގެ އެންމެ ބޮޑެތި ޓެކް ކުންފުނިތަކާއި އަލަށް ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރައަށް ނުކުންނަ ކުންފުނި ތަކަށެވެ.

ސިލިކަން ވެލީއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި މޯދީ ވަނީ ބޮޑެތި ޓެކް ކުންފުނި ތަކުގެ ވެރިންނާ އެކު މަޝްވަރާ ކުރައްވައި އެއްބަސްވުން ތަކުގައި ސޮއި ކުރައްވާފައެވެ.

މިގޮތުން އިންޑިޔާގެ ފަސްސަތޭކަ ރޭލު ސްޓޭޝަނެއްގައި ހިލޭ ވައިފައި ދޫ ކުރުމުގެ ޕްރޮޖެކްޓުގައި ގޫގްލް އާއި އެކު މޯދީ ސޮއި ކުރެއްވިއެވެ. އަދި މައިކްރޯސޮފްޓުން ވަނީ އިންޑިޔާގެ ފަސް ލައްކަ ވިލެޖަކުން އަގު ހެޔޮ ބްރޯޑްބޭންޑް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ބޮޑުވަޒީރަށް ދަންނަވާފައެވެ.

މޯދީއަށް އެމެރިކާގެ ޓެކް އަވަށުން ލިބުނު ކާމިޔާބީ ޗައިނާގެ ބޮޑުވަޒީރަށް ވުރެ ކުލަ ގަދަ ކަމަށް ފެނެއެވެ. ޗައިނާއިން ޓެކް ކުންފުނި ތަކާއެކު ބޭއްވި ވަށް މޭޒު ޖަލްސާގައި ގޫގްލް އާއި ޓްވިޓާ ބައިވެރިއެއް ނުކުރެއެވެ. އެއީ ޗައިނާގައި މަނާ ދެ ހިދުމަތް ކަމަށް ވާތީއެވެ.

ފޭސްބުކްގެ ހެޑް ކުއާޓާގައި މޯދީ ތައާރަފް ކުރެއްވުމައްފަހު ޒަކަބާގް ވިދާޅުވީ މިއަދު ދުނިޔޭގައި ލިބެން އޮތް އެންމެ ބޮޑު ފުރުސަތަކީ އެންމެން އިންޓަނެޓާއި ގުޅާލުން ކަމަށެވެ. މި ޒިޔާރަތުގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ އޭނާ އިންޑިޔާ ސަރުކާރާ ހަވާލުވިއިރު، ވެރިންނާއި އާންމުންނާއި ދެމެދު ބޮޑު ހުސްކަމެއް އޮތް ކަމަށެވެ. އެކަމަކު ސޯޝަލް މީޑިއާ އެ ހުސްކަން ނައްތާލާ ދެ ފަރާތް ގުޅުވައިދިން ކަމަށެވެ. ފޭސްބުކް ފަދަ ވަސީލަތްތަކުން އާންމުންގެ ހިޔާލު ހުރި ނެތް ގޮތް ފެންނަ މިންވަރަށް މިސާލު ޖައްސަވަމުން މޯދީ ވިދާޅުވީ ކުރިން އިންތިހާބު އޮންނަނީ ފަސް އަހަރުން ފަސް އަހަރުން ކަމަށާއި މިހާރު ކޮންމެ ފަސް މިނެޓަކުން ކަމަށެވެ. އަދި މިއީ ޑިމޮކްރަސީ އަށް ލިބުނު ބޮޑު ބާރެއް ކަމަށް ވެސް މޯދީ ސިފަ ކުރެއްވިއެވެ. މޯދީ ވަނީ އެހެން ގައުމު ތަކުގެ ވެރިންވެސް ސޯޝަލް މީޑިޔާއާއެކު މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

މިއީ ވޭތުވެ ދިޔަ ތިރީސް އަހަރުގެ ތެރޭގައި އިންޑިޔާގެ ބޮޑު ވަޒީރަކު ސިލިކަން ވެލީ އަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.

މޯދީ ވަނީ އިންޑިޔާގައި ފެކްޓްރީތައް ހެދުމުގެ ދައުވަތު ޓެކް ކުންފުނިތަކަށް ދެއްވާފައެވެ. އެގޮތުން އެޕަލް ގެ އުފެއްދުންތައް އިންޑިޔާގައި އުފެއްދުމަށް އެޕަލް ސީއީއޯ ޓިމް ކުކް އަށް މޯދީ ވަނީ ދައުވަތު ދެއްވާފައެވެ.

ސިލިކަން ވެލީގެ ބައްދަލުވުންތަކަށްފަހު މޯދީ ވަޑައިގެންނެވީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އިތުރުން ބައެއް އެހެން ގައުމު ތަކުގެ އިސް ވެރިންނާ ބައްދަލު ކުރެއްވުމަށް ވޮޝިންޓަނަށެވެ.

ޓެކްނޮލޮޖީގައި ކުރިއެރުމަށް އިންޑިޔާ ދޭ ސަމާލު ކަމާއި "ޑިޖިޓަލް އިންޑިޔާ" އިނީޝިއޭޓިވް އަށް އެ ގައުމުން ދޭ އަހަންމިއްޔަތު މޯދީ ގެ މި ދަތުރުން ވަރަށް ރަނގަޅަށް ދައްކައިދިނެވެ.

އިންޑިޔާ އަށް ޓެކް ކުންފުނިތަކުން ދެ ސަމާލުކަން އަންނަނީ އިތުރު ވަމުންނެވެ. އިންޑިޔާގައި ނެޓު ބޭނުން ކުރާ މީހުންގެ އަދަދު މިދިޔަ އަހަރު އެކަނިވެސް ސަތޭކަ މިލިއަން އިތުރުވެފައިވާއިރު، އަދި ވެސް އިންޓަނެޓް ނުލިބޭ މީހުންގެ އަދަދު ބިލިއަނަކާކައިރި ކުރެއެވެ.