ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ ފަރިތަރުންތައް މިއަދު އައްޑޫގައި ފަށަނީ

Sep 28, 2015
2

ގައުމީ ޓީމަށް އަލަށް ހަމަޖެއްސި ނިއުޒީލޭންޑްގެ ކޯޗާއެކު ވޯލްޑް ކަޕް ކޮލިފައިންގައި ބޫޓާނާއި ގަތަރާ ދެކޮޅަށް ކުޅެންޖެހޭ މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް އައްޑޫގައި މިއަދު ފަށަން ނިންމައިފި އެވެ.

އައްޑޫ ސިޓީގެ ރަސްމީ ދަނޑުގައި ޕްރެކްޓިސް ފަށަން ނިންމީ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަށް ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުން މިވަގުތު އައްޑޫގައިތިބުމުންނެވެ. ނަމަވެސް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކުޅޭ މުބާރާތުގެ ފައިނަލަށް ހޮވިފައިވާ ނިއުރޭޑިއަންޓާއި މާޒިޔާއިން ގައުމީ ސްކޮޑަށް ނަގާފައިވާ ކުޅުންތެރިން މާދަމާގެ ޕްރެކްޓިހުގައި ބައިވެރިވާނެކަމެއް ޔަގީނެއްނޫނެވެ.

މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފައިވަނީ ބޮޑު ފައިނަލަށް ކުރިއަށް އޮއްވައި ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރުމަކީ ފަސޭހަކަމެއްނޫން ކަމަށެވެ. އަދި އެވާހަކަ އޭނާ އެފްއޭއެމުގައި ވެސް ބުނާނެ ކަމަށެވެ.

ގައުމީ ޓީމު ފަރިތަކުރުންތައް ފަށާއިރު ގައުމުން ބޭރުގައި ކުޅޭ ދެ ކުޅުންތެރިންކަމަށްވާ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ވެސް ބައިވެރިނުވާނެ އެވެ. މި ދެ ކުޅުންތެރިން ޓީމާ ގުޅޭނީ ފަހުންނެވެ. މީގެ ތެރެއިން ދަގަނޑޭ އަކީ އެއްވެސް ސަބަބަކާ ނުލައި ގައުމީ ޓީމު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށް ނުދިޔަ ކުޅުންތެރިއެކެވެ.

ބޫޓާނާއެކު ރާއްޖެ ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ އަށެއްގަ އެވެ. އަދި ގަތަރާ ދެކޮޅަށް ކުޅޭނީ އަންނަ މަހުގެ 13ގަ އެވެ. މި ދެ މެޗު ކުޅޭނީ ގައުމުން ބޭރުގަ އެވެ. ޓީމު މި ދެ މެޗަށް ފުރާނީ މާލެނައިސް އައްޑޫއިންނެވެ.