ދުނިޔެ

އިންޑިއާގެ ބޯޑަރު ސިފައިން ދިފާއުކުރާނެ: މޯދީ

Jun 20, 2020

ނިއު ދިއްލީ (ޖޫން 20) - އިންޑިއާ އާއި ޗައިނާ ސިފައިންނާމެދު އަންގާރަ ދުވަހުގެ ރޭ ހިނގި ކުރިމަތިލުމުގެ ތެރެއިން އިންޑިއާ ސިފައިންގެ 20 މީހަކު މަރުވެފައިވާއިރު، އިންޑިއާގެ ބޯޑަރު ދިފާއުކުރުމުގައި އަސްކަރިއްޔާ އިން ފަހަތަށް ނުޖެހޭނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ތިން މީހަކު މަރުވެފައިވާކަމަށް އިންޑިއާ އިން ބުނި ނަމަވެސް، އެ އަދަދު 20 އަށް އަރާފައިވާކަމަށް މިހާރު ވަނީ ބުނެފަ އެވެ. އަދި އޭގެ އިތުރު 76 ސިފައިން ޒަހަމްވެފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެ ކުރިމަތިލުން ހިނގާފައިވަނީ ލަޓި ބުރިއާ އާއި ގަލުން ކަމަށާއި، އެއްވެސް ފަރާތަކުން ބަޑިޖަހާފައި ނުވާކަމަށް ދެ ގައުމުން ވެސް ބުނެފައިވެ އެވެ.

ޗައިނާ އިން މަރުވި ސިފައިންގެ މީހުންގެ އަދަދު އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އިންޑިއާ އިން ބުނީ ގާތްގަނޑަކަށް 40 އަށް ޗައިނާ ސިފައިން އެ ކުރިމަތިލުމުގައި މަރުވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މޯދީ ވިދާޅުވީ، އިންޑިއާގެ ބޯޑަރު ހުރަސްކޮށް ބޭރުގެ ސިފައިން އެތެރެވެފައިވާނުވާ ކަމަށާއި، އަދި އިންޑިއާގެ އެއްވެސް ސަރަހައްދެއް ބޭރުގެ ގައުމެއްގެ އަތްދަށަށް ގޮސްފައިވާ ނުވާ ކަމަށެވެ.

އެ މައްސަލައަށް ކުރިއެރުމެއް ލިބިފައިވާއިރު، އެ ކުރިމަތިލުމުގައި ޗައިނާ ސިފައިން ބޭނުންކުރި ހަތިޔާރުތަކުގެ ފޮޓޯއެއް ދައުރުވާން ވަނީ ފަށައިފަ އެވެ.

ބޯޑަރުގެ ދެ ކިލޯމީޓަރުގައި ސަރަހައްދެއްގައި ބަޑި ބޭނުންނުކުރަން ދެ ގައުމުން 1996 ވަނަ އަހަރު އެއްބަސްވެފައިވާއިރު، މި ކުރިމަތިލުމުގައި ޗައިނާ އިން ބޭނުންކޮށްފައިވަނީ މޮހޮރު ޖަހާފައިވާ ދަނގަޑުބުރިތަކެއްކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ.

ނަމަވެސް، މިކަމާ ގުޅޭ ގޮތުންވެސް ދެ ގައުމުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިއްޔެ ޓީވީ މެދުވެރިކޮށް މޯދީ ވިދާޅުވީ، އިންޑިއާގެ ސަރަހައްދު ދިފާއުކުރަން އަސްކަރިއްޔާއަށް ކޮންމެ ފިޔަވަޅެއް އެޅުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ލިބިގެންވާ ކަމަށެވެ.

"ޗައިނާއިން އަމަލުކުރި ގޮތުން މުޅި އިންޑިއާ އޮތީ ދެރަވެ، ރުޅި ގަދަވެފައި. އިންޑިއާ އިން އަބަދުވެސް ރަހުމަތްތެރިކަމާއި ސުލްހަ ބޭނުންވޭ. އެކަމަކު އެންމެ މުހިއްމު ކަމަކީ އިންޑިއާގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުން،" މޯދީ ވިދާޅުވި އެވެ.

ކޯރުތަކާއި، ސްނޯކެޕުތަކުގެ ސަބަބުން، ދެ ފަރާތުން އެލްއޭސީގެ ގޮތުގައި ބަލާ ރޮނގު މޫސުންތަކާއެކު ބަދަލުވެ އެވެ. އެއާއެކު، 1962 ވަނަ އަހަރު ހަނގުރާމައެއް ވެސް ކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ދެ އަސްކަރިއްޔާ އާދެމެދު ދޭ ތެރެއަކުން ނުތަނަވަސްކަން އިތުރުވެ އެވެ.

އަސްކަރީ މާހިރުން ބުނީ، ގަލްވަން ސަރަހައްދުގައި އިންޑިއާ އިން ދާދި ފަހުން އިތުރުކޮށްފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ޗައިނާ އޮތީ ހިތްހަމަނުޖެހިފައި ކަމަށެވެ.

އެގޮތުން، ގަލްވަން ގައި މިދިޔަ އޮކްޓޯބަރު މަހު މަގުތައް ތަރައްގީކޮށް، އެ ސަރަހައްދުގައި އޮންނަ އިންޑިއާގެ އަސްކަރީ ވައިގެ ބަނދަރަކާ ވަނީ ގުޅާލައިފަ އެވެ. އެކަމުގެ ސަބަބުން، އިންޑިއާއިން ބޭނުންޖެހޭ ހާލަތެއްގައި އިތުރު ސިފައިންނާއި، ހަތިޔާރު އެ ސަރަހައްދަށް ފޮނުވުމުގެ ގާބިލުކަން އިތުރުވެފައިވާކަމަށް މާހިރުން ވަނީ ބުނެފަ އެވެ.