ދިވެހި ރާއްޖެ އަލުން ހުޅުވާލުން

އިގްތިސޯދު ހުޅުވާނެ ތާރީހު ހޯދަ ހޯދާ ނުފެނުނު!

ކޮވިޑް "މައިތިރި" ކޮށް ގައުމުތައް އާ ފެށުމަށް ދެވޭތޯ ސަރުކާރުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ދިވެހި ސަރުކާރުން ވެސް ގައުމުގެ އެތެރޭ އިގްތިސޯދު ވަނީ ހުޅުވާލާފަ އެވެ. އާއްމުންނަށް ދިން ލުއިތަކާއެކު، ފިހާރަތަކަށް ގޮސް މަސައްކަތް ފަށައިފި އެވެ. އެކަމަކު އިގްތިސޯދުގެ މައި ދޮރާށީގައި އެޅުވި ތަޅު އަދި ވެސް އޮތީ އެގޮތުގަ އެވެ. ޓޫރިޒަމް ހުޅުވާލަން ސަރުކާރުން ކިޔަނީ ޖުލައި މަހު އެވެ.

ނަމަވެސް ޖުލައި މަހުގައި 30 ދުވަސް އޮންނައިރު، ހުޅުވާލާނީ ކޮން ދުވަހެއް ކަމެއް ސަރުކާރުން އަދި ނުބުނެ އެވެ. ފުރަތަމަ ބުނީ ހުޅުވާނީ އެކެއްގަ އެވެ. ދެން އަޑު ފެތުރުނީ ހުޅުވާލަނީ 10 ގައެވެ. އެއީ މުޖައްރިބު ތާރީހެއްގެ ގޮތުގައި އަޑު ފެތުރިފައި ވަނިކޮށް މިހާރު އެ ތާރީހު ވެސް ބަދަލު ވެއްޖެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ، މިކަން ވަނީ ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިވެރިންނަށް ކަންބޮޑު ވުމަކަށެވެ.

ސަބަބަކީ ހުޅުވާލާ ތާރީހެއް އެނގިގެން ނޫން ގޮތަކަށް ޓޫރިސްޓުުން ގެންނަން ފެށުމުގެ އެއްވެސް ކަމެއް ކުރަން ފެށެން ނެތުމެވެ. އެހެންވެ، ސިނާއަތުގެ ގިނަ ބަޔަކު އުފައްދާ ސުވާލަކީ އިގްތިސޯދު ހުޅުވާނެ ތާރީހެއް ފައިނަލް ނުވެ ލަސް ވަނީ ކީއް ވެގެން ހެއްޔެވެ؟

"މުހިންމީ ޖުލައި މަހު ހުޅުވުމެއް ނޫން. އޯގަސްޓް މަހު ހުޅުވިއަސް ހުޅުވާނެ ސީދާ ތާރީހެއް ދުރާލާ އެނގުން. އޭރުން ތާ ހުޅުވަން ތައްޔާރު ވާން އެނގޭނީ. ހުޅުވާނަމަ ރިސޯޓުތަކާއި އެއާލައިންތަކާ ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން ވެސް ވަރަށް މަސައްކަތް ކުރަން ޖެހޭ. ހުޅުވާނެ ސީދާ ތާރީހެއް ފައިނަލް ނުވާތީ ވަރަށް ގިނަ ކްލައިންޓުން ގުޅާ،" ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ހިދުމަތްދޭ، މަންޓާ އެއާގެ ސީއީއޯ، މުހައްމަދު ހަލީލް ވިދާޅުވި އެވެ.

ޓޫރިޒަމް ހުޅުވުމަކީ އިގްތިސޯދު ހުޅުވުމެވެ. ޓޫރިޒަމް ނުހުޅުވާނަމަ އިގްތިސޯދު ހުޅުވާލުމަކަށް އަދި ނުވާނެ އެވެ. މައި އެއާޕޯޓް ހުޅުވިގެން ނޫނީ އިގްތިސޯދުގެ ސޯބުތައް ބަރާބަރަށް އެނބުރޭކަށް ނުފަށާނެ އެވެ. ގައުމުގެ އެތެރެ ހުޅުވި ނަމަވެސް ރާއްޖެއަކީ އެތެރެއިން މާކަބޮޑު އިގްތިސޯދީ ހަރަކާތް ތަކެއް ހިންގެން އޮތް ގައުމެއް ނޫނެވެ.

އިންޑިއާ ކަހަލަ ގައުމުތަކުގެ އެތެރެ ހުޅުވައިގެން އެތެރޭގެ ޓޫރިޒަމް ޖެއްސިދާނެ އެވެ. އެކަމަކު ދިވެހިންގެ އަތްމަތި ތަނަވަސްކަން ހުރި ގޮތާއި އެކަމަށް ހަރަދު ކުރަން ތިބި މީހުން މަދުވުމުން "ޑޮމެސްޓިކް ޓޫރިޒަމް" ހުޅުވާލި ނަމަވެސް އެކަމެއް ވައިގައެއް ނުހިފާނެ އެވެ. އަދި ކޮރޯނާވައިރަސްގެ ސަބަބުން ވިޔަފާރިތައް ދައްވެފައިވުމުން މާލީ ތަނަވަސްކަން ހުރި މެދުފަންތީގެ މީހުންވެސް ތިބީ މަޑުކޮށްލައިގެން އިގްތިސޯދު ހުޅުވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

އެހެންވެ، އިގްތިސޯދު މަޑުމަޑުން ނަމަވެސް ހުޅުވައިގެން ނޫނީ އާމްދަނީ އިތުރުވާނެ ގޮތެއް ނެތެވެ. އަދި ދައުލަތުގެ ފައިނޭންޝަލް ގެޕް ކުޑަ ކުޑަ ކުރެވެންވެސް އޮތީ މިގޮތަށެވެ.

އިގްތިސޯދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި މިހާރުގެ އަންދާޒާއަކީ ބަޖެޓަށް އިތުރު 12 ބިލިއަން ރުފިޔާ ހޯދަން ޖެހުމެވެ. އެހެންވެ އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރާން ޖެހެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ބޭރުގައި "ސަލާން ޖަހައިގެން" ކުރަމުންދާ މަސައްކަތްތަކުން މިހާތަނަށް ލިބޭނެ ކަމަށް ޔަގީންވެފައިވަނީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ) އެވެ. އެހެންވެ ބާކީ އޮތް ބަޔައިގެ ބޮޑު ބަޔަކީ ޓޫރިޒަމް ހުޅުވިގެން ލިބެން އޮތް އެއްޗެކެވެ.

ސަރުކާރުން ބުނެފައި ވަނީ މި އަހަރު ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރި 30 ބިލިއަން ރުފިޔާގެ ތެރެ އިން މިހާރު ލިބޭނެ ކަމަށް ބެލެވެނީ 15 ބިލިއަން ރުފިޔާ އެވެ. ހަގީގީ މައްސަލަތައް ފެށިގެން އަންނާނީ އިގްތިސޯދު ނުހުޅުވި ނުވަތަ ހުޅުވާނެ ތާރީހެއް ނޭނގި ލަސްވާ ލަސްވުމުންނެވެ. މީގެ ސަބަބުން އާއްމުން ނަށް ސަރުކާރުން ދޭ ހިދުމަތްތައް ދޭން ދަތިވެ، އަމިއްލަ ގިނަ ވިޔަފާރި ތަކެއް ހީނަރު ވެގެންދާނެ އެވެ.

އިގްތިސޯދު ހުޅުވުމާ ހަމައަށް އާދެވެން އަންނަން އޮތީ އެކަމަށް ޕްލޭން ތަކެއް ހެދިގެނެވެ. ރާއްޖޭގެ ޓޫރިޒަމަކީ ދުނިޔޭގައި އެންމެ ވިކޭ ބްރޭންޑެވެ. އެހެންްވެ، ޓޫރިޒަމް ހުޅުވާލާނަމަ އެކަމަށް ހާއްސަކޮށްފައިވާ ގައިޑްލައިންތައް ހުންނަން ޖެހެ އެވެ. މި ގައިޑްލައިން ފައިނަލްކޮށް އެއާލައިންތަކަށް އެ ބޭނުންވާނެ އެވެ. ޓްރެވަލް އެޖެންޓުން އެ ބޭނުންވާނެއެވެ. ޓްރާންސްޕޯޓުގެ ހިދުމަތް ދޭ މީހުން އެއަށް އަހުލުވާން ވަގުތު ބޭނުންވާނެ އެވެ. އެ މަސައްކަތް ސަރުކާރަށް އަދި ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ޓޫރިޒަމްގެ ގައިޑްލައިން ފައިނަލް ކުރުމުގެ މަސައްކަތް އަދި ދަނީ ހަމަ ކުރަމުންނެވެ. ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތް ތަކުން ގަބޫލު ކުރާ ގޮތުގައި ގައިޑްލައިން ވަރަށް އަވަހަށް ފައިނަލް ކުރަން އެބަ ޖެހެ އެވެ.

ދިވެހި ޓްރެވަލް ކުންފުންޏެއް ކަމަށްވާ، ލެޓްސްގޯ މޯލްޑިވްސްގެ ވެރިޔާ، މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި ޓޫރިޒަމް ހުޅުވާލަން ގައިޑްލައިން އަވަހަށް ފައިނަލްކޮށް ނިންމަން ޖެހެ އެވެ.

"ކުރިއާލާ ޑޭޓެއް އެނގުން ވަރަށް މުހިންމު. ރާއްޖެ އުފެދިފައި އޮންނަ ގޮތުން 15 ދުވަސް ކުރިން ބުންޏަސް ނާދެވޭނެ. ރާއްޖެ އަށް އަންނަ މީހުންގެ 99 ޕަސެންޓް މި އަންނަނީ ވައިގެ މަގުން. އެހެންވީމަ އަންނަން ތިބި މީހުންނަށް ދުރާލާ އެނގިގެން އާދެވޭނީ. އެހެންނޫނީ ހައްތަހާ ލަސްވެގެން ދާނީ. ތައްޔާރެއް ނުވެވޭނެ،" ރިޔާޒު ވިދާޅުވި އެވެ.

އެއް ފަހަރާ ހުޅުވާލުމުގެ ހިޔާލު

ރާއްޖޭގެ ޓޫރިޒަމްގެ އެނދުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ މިދިޔަ ހަތް އަހަރު ތެރޭގަ އެވެ. ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގިނަ ރިސޯޓުތަކެއް އެއް ފަހަރާ މާކެޓަށް ނެރުމުން މާކެޓް އޮތީ "ފްލަޑް" ވެފަ އެވެ. އެނދުގެ އަދަދު ބައިލައްކަ އަށް މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އައިއިރު އެރި އެވެ. އަދި މިދިޔަ އަހަރު 1.7 މިލިއަން މީހުން އައި ނަމަވެސް ރާއްޖެއަށް ޓޫރިޒަމް ސިނާއަތުން ލިބުނު އާމްދަނީ ނިސްބަތުން އިތުރެއް ނުވެ އެވެ. އެއް ސަބަބަކީ ރާއްޖެ މާކެޓުކޮށް ޝައުގުވެރިކަން އުފެއްދިފައި ނެތުމެވެ. މިހެންވެ، އެނދު އިތުރުވީ ނަމަވެސް ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތު އިތުރުވެފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2011 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި އެވްރެޖު ގޮތެއްގައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރަނީ 7.1 ރެ އެވެ. ނަމަވެސް ނުވަ އަހަރު ފަހުން މިހާރު ރާއްޖޭގައި ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ހޭދަކުރަނީ 6.3 ރެ އެވެ. މާނައަކީ ރާއްޖެއަށް އޮތް ޝައުގުވެރިކަން ކުޑަ ވުމެވެ. ނޫނީ ރާއްޖޭގެ އެނދު އިތުރު ވެގެން އައި ވަރަށް މާކެޓު ކުރަމުން ނުދިއުމެވެ. މި ސަރުކާރުން މާކެޓުން ރަނހަޅު ކުރަން ގާތްގަނޑަކަށް 10 މިލިއަން ޑޮލަރުގެ ބަޖެޓަކުން މަސައްކަތް ފެށިނަމަވެސް އަދި މާއެދެވޭ މަސައްކަތެއް ނުކުރެވެ އެވެ. މިހެން އޮއްވައި ކޮވިޑް-19 އައިސް ޓޫރިޒަމް މިވަނީ ހުއްޓިފަ އެވެ. އެހެންވެ ޓޫރިޒަމް އަލުން ހުޅުވާއިރު، އެއް ފަހަރާ ހުޅުވުން މިއީ ބުއްދިވެރި ކަމެއް ނޫން ކަމަށް ބައެއް ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ނުރެއްވި، ހާރިސް މުހައްމަދު ވިދާޅުވި ގޮތުގައި އެއް ފަހަރާ ހުރިހާ ޓޫރިޒަމް ޕްރޮޕަޓީ ތަކެއް ހުޅުވުވައިފިނަމަ ގެއްލުންވާނެ ކަމަށެވެ.

"އަވަސް އަރުވާލައިގެން ހުޅުވުމުގެ ބަދަލުގައި ތައްޔާރު ވެގެން ހުޅުވުމުން މުހިންމު. އެކަމަކު ހުޅުވާނެ ތާރީހެއް އެނގެން ޖެހޭ. މިގޮތަށް ހުޅުވާއިރު ވެސް އެއް ފަހަރާ ހުރިހާތަނެއް ހުޅުވައިފިނަމަ ދަތިވާނެ. ހުޅުވާއިރު ބަލަން ޖެހޭ ބޭރު ގައުމުތައް އޮތް ގޮތްވެސް. މިވަގުތު ރިސޯޓު އޯނަރުން ބޭނުމެއް ނުވޭ ހުޅުވާކަން އެއީ، މިހާރު ހުޅުވައިގެން އިތުރު ހަރަދުތަކެއް ދާނެތީ. އެކަމާ އުޅެނީ ޓްރެވަލް ކުންފުނިތައް،" ހާރިސް ވިދާޅުވި އެވެ.

ޓްރެވަލް ކުންފުންޏެއް ކަމަށްވާ ރިއޯލޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ ހަލީލު ވިދާޅުވި ގޮތުގައި "ޓެކްސް ހޮލިޑޭ" ތަކެއް ދީގެންނަމަވެސް ފިޔަވަހި ތަކަށް ބަހާލައިގެން ރާއްޖެ ހުޅުވަން ވިސްނުން ރަނގަޅު ކަމަށެވެ.

"ދައުލަތަށް ލިބޭ އާމްދަނީ ވެސް އިތުރު ވެގެންދާނެ، ފިޔަވަހި ތަކަށް ބަހާލައިގެން ހުޅުވައިގެން، މިހުރިހާ ކަމެއްގައި ވަށައި ޖެހޭ ހިޔާލެއް އެބަ ގެންގުޅެން ޖެހޭ،" ހަލީލް ވިދާޅުވި އެވެ.

ހުޅުވަން ޖެހެ އެވެ. ހުޅުވިގެން ނޫނީ އާންދަނީ އިތުރުވާނެ ގޮތެއް ނެތެވެ. ހުޅުވުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ތާރީހެއް ދުރާލާ އެނގުމެވެ. އެ ތާރީހަށް ދަތުރު ކުރަން އެނގޭނީ އޭރުންނެވެ. ފުރަތަމަ ކުރަން ޖެހޭ ކަމަކީ ތާރީހެއް ހޯދުމެވެ. ސުވާލަކީ އެ ތާރީހު އެނގޭނީ ކޮން އިރަކުން ބާ އެވެ؟