ކޮރޯނާ ވައިރަސް ޕެންޑަމިކް ނުވަތަ މި ބަލާއާފާތުގެ ސަބަބުން އާމްދަނީ ދަށް ވާނެ ކަމަށް ސަރުކާރުން ވެސް އަންދާޒާ ކުރި އެވެ. ނަމަވެސް ކުރިން އޮތީ ލަފައެކެވެ. އެ ލަފާގެ ހަގީގީ މަންޒަރު މިހާރު މިވަނީ ފެންނަން ފަށާފަ އެވެ. ރާއްޖެ ލޮކްޑައުން ކުރިތާ، ތިން މަހަށް ފަހު މިދިޔަ މެއި މަހު އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ބަލާއިރު ޖުމްލަ އާމްދަނީން ދެ ބިލިއަން ރުފިޔާ ވަނީ މަދުވެފަ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން މެއި މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނީ ފަސް ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 7.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ ޖުމްލަ އާމްދަނީ އިން 43 ޕަސެންޓުގެ މަދު ވުމެކެވެ.
މި އަހަރުގެ ޖެނުއަރީ މަހުން މެއި މަހުގެ ނިޔަލަށް ބަލާނަމަ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގަ އެވެ. މި ޓެކުހުން މި އަހަރު ހަތަރު ބިލިއަން ރުފިޔާ ލިބުނު އިރު، މިދިޔަ އަހަރު ލިބިފައި ވަނީ 2.4 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާނަމަ ދެ ބިލިއަން ރުފިޔާގެ ޖީއެސްޓީ އާމްދަނީ މަދުވުމެކެވެ. އަދި ޕަސެންޓޭޖުން އަޅާ ކިޔާނަމަ މިއީ 59 ޕަސެންޓުގެ ވެއްޓުމެކެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ބަލާއިރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް، އިންކަމް ޓެކުހުގެ ގޮތުގަ އެވެ. ކުރިން ނެގި ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި ވިތުހޯލްޑިން ޓެކްސްގެ އާމްދަނީއެއްކޮށް ހިސާބު ކުރާ އިންކަމް ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނީ 1.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރަށް ބަލާނަމަ ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ. ޕަސެންޓޭޖުން ބަލާނަމަ މިއީ ހަތް ޕަސެންޓް ދަށްވުމެކެވެ.
ރާއްޖޭގެ އާމްދަނީއަށް އެންމެ ބޮޑު އަސަރެއް ކުރީ ޓޫރިޒަމް ދަށްވުމުގެ ސަބަބުންނެވެ. ޓޫރިޒަމް ހުއްޓުމުގެ ސަބަބުން ގްރީން ޓެކުހުން ލިބޭ އާމްދަނީ ލިބުން ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. މި އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 279 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ގްރީން ޓެކުހުގެ އާމްދަނީގެ ގޮތުގައި 402 މިލިއަން ރުފިޔާ ލިބުނެވެ. ގްރީން ޓެކުހުގެ އާމްދަނީ ވަނީ 43 ޕަސެންޓް ދަށްވެފަ އެވެ.
ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ރިސޯޓު ބިމު ކުލި ހިއްސާ ކުރެ އެވެ. މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ލިބިފައިވަނީ 319 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު 461 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ މިއީ 44 ޕަސެންޓުގެ ދަށްވުމެކެވެ.
އާމްދަނީ ބަދަލު ޕަސެންޓޭޖުން
- ޖުމްލަ އާމްދަނީ 43 ޕަސެންޓް ދަށް (ދެ ބިލިއަން ރުފިޔާ މަދު)
- ޖީއެސްޓީގެ އާމްދަނީ 59 ޕަސެންޓް ދަށް
- އިންކަމް ޓެކްސް ހަތް ޕަސެންޓް ދަށް
- ގްރީން ޓެކްސް 43 ޕަސެންޓް ދަށް
- ރިސޯޓު ކުލި 44 ޕަސެންޓް ދަށް
ސަރުކާރުން ދަނީ ރާއްޖޭގެ އިގްތިސޯދު ޖުލައި މަހު ހުޅުވާލަން ތައްޔާރު ވަމުންނެވެ. މިގޮތަށް ހުޅުވާލި ނަމަވެސް، ޓޫރިޒަމް ސިނާއަތު ދަށްވުމުގެ ސަަބަބުން ދައުލަތުގެ މާލިއްޔާ އަށް ބޮޑު ގެއްލުމެއް ވެގެންދާނެ އެވެ.
މި އަހަރު ފާސް ކޮށްފައިވާ ބަޖެޓުގައި ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އޭގެ ތެރެއިން ޓެކުހުގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައި އޮތްއިރު، ޓެކްސް ނޫން ގޮތްގޮތުން 8.4 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓު ކުރި އެވެ. ނަމަވެސް މީގެ ތެރެ އިން ބޮޑު އަދަދެއް މި އަހަރު ނުލިބޭނެ އެވެ.
ސަރުކާރުން އިގްތިސޯދު ހުޅުވާލަން މިހާރު އެ މަސައްކަތް ކުރާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ މި އަހަރު ޓެކުހުގެ ގޮތުގައި ލިބޭނީ 9.5 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން ތިން ބިލިއަން ރުފިޔާ ލިބޭއިރު، ހިލޭ އެހީގެ ގޮތުގައި އެންމެ ގިނައިން ވެސް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 2.9 ބިލިއަން ރުފިޔާ އެވެ. އެހެންވެ މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 15.2 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން މި އަހަރު ދައުލަތުގެ އާމްދަނީ އިން 14.6 ބިލިއަން ރުފިޔާ މަދު ވެގެންދާނެ އެވެ.