ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާމެންދޫ އިން އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެ

ގއ. މާމެންދޫ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މާމެންދޫ ކައުންސިލް ރައީސް މުހައްމަދު ޒައީމް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެ ރަށުން މި ބައްޔަށް ޕޮޒިޓިވް ވި މީހާ އާއި އެއްގެއެއްގައި ދިރިއުޅުނު ދެ މީހުން ކަމަށެވެ.

ޒައީމް ވިދާޅުވީ މާމެންދޫއިން މި ބައްޔަށް ޕޮޒިޓިވް ތިން މީހުންނަކީވެސް މިމަހުގެ 13 ވަނަ ދުވަހު މާލެއިން އެރަށަށް އައި އެއްބަނޑު އެއްބަފާ ތިން ބެއިން ކަމަށާއި ތިން މީހުންވެސް ކަރަންޓީނުގައި ތިބީ އެއް ގެއެއްގައި ކަމަށެވެ. އަދި އެ ގޭގައި އިތުރު ބަޔަކު ދިރިނޫޅެ ކަމަށްވެސް ވިދާޅުވެވިއެވެ.

މިމަހުގެ 18 ވަނަ ދުވަހު މާމެންދޫއިން ޕޮޒިޓިވް ވި މީހާއާއި 40 މީހަކު ކޮންޓެކްޓްވެފައިވާ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ވަނި ބުނެފަ އެވެ. އެއީ އޭނާ އާއެކު އެއް ފްލައިޓެއްގައި ދަތުރުކުރި މީހުންނެވެ.

ޒައީމް ވިދާޅުވީ ތިން މީހުންނަށްވެސް ފަރުވާ ދެމުންދަނީ އެ ރަށުގައި ބައިތިއްބައިގެން ކަމަށާއި މިވަގުތު އެ ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ރަށުގެ އާންމު ހާލަތު ރަނގަޅުވި ނަމަވެސް ޒައީމް ވިދާޅުވީ ރަށު މީހުންނާއި ދޭތެރޭގައި އެ އަތޮޅު އެހެން ރަށްތަކުގެ މީހުން އަމަލު ކުރަމުންދާ ގޮތާމެދު ކަންބޮޑުވާ ކަމަށެވެ. އެގޮތުން އެ ރަށަކީ މިހާތަނަށް މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކަށް ނުވާއިރު ބޭސް ފަރުވާ އާއި އެހެނިހެން ކަންކަމަށް ތިނަދޫ އާއި ވިލިނގިއްޔަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފެރީ އަށް އެރުމުގެ ފުރުސަތުވެސް ނުދޭ ކަމަށެވެ. އަދި ރަށުގައި މިވަގުތުވެސް ޑަޔަލަސިސް ހަދަމުންދާ މީހުންވެސް ތިބިއިރު ރަށުން އެކަން ނުކުރެވޭތީ ތިނަދޫ އަށް ދިޔުމަށް ވަރަށް ބޮޑު ދަތިތަކާއި ދިމާވެފައިވާ ކަމަށެވެ.

"ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި އެއް ނެތް މިރަށް [މާމެންދޫ[ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ. އެކަމަކު އަތޮޅު ކައުންސިލްގެ އެންގުމަށް މި ރަށަށް ކުރާ ފެރީ ދަތުރުތައް މި ވަނީ ހުއްޓާލާފަ. އެހެން ކަމަށްވާނަމަ ކޮންމެހެން ކުރަންޖެހޭ ބޭސްފަރުވާ ކުރުމަށް ތިނަދޫ ނޫނީ ވިލިނގިއްޔަށް ދާން މިޖެހެނީ 5000 ރުފިޔާ ނޫނީ 6000 ރުފިޔާ ދީފަ ލޯންޗެއް ކުއްޔަށް ހިފައިގެން. މިއީ އާދައިގެ ރައްޔިތަކަށް އަށް ކުރެވޭނެ ކަމެއް ނޫން. އެހެންވެ މިރަށު ރައްޔިތުންނާއި ދޭތެރޭ ކަންތައް ކުރާގޮތުން ވަރަށް ކަންބޮޑުވޭ." އޭނާ ވިދާޅުވި އެވެ.

ޒައީމް އިތުރަށް ވިދާޅުވީ އެކަން އިދާރާތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.