އިންޑިޔާގެ ރާޖަސްތާނުގެ ކޯޓާ ކިޔާ ރަށެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ކޮވިޑް-19 ޖެހި ހާލު ބޮޑު ވެގެން ވެންޓިލޭޓަރަށް ގުޅާފައި އޮތް މީހަކު ވެންޓިލޭޓަރުގެ ޕްލަގް އުފުރާލުމުގެ ސަބަބުން މަރުވެއްޖެ އެވެ.
އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި ވެންޓިލޭޓަރުގެ ޕްލަގް އުފުރާލީ ބަލިމީހާގެ އާއިލާގެ މީހުންނެވެ. އެމީހުން ޕްލަގް އުފުރާލީ ހޫނުވާ ވަރުން ކޫލަރެއްގެ ވާގަނޑު ޖެހުމަށެވެ.
މަހާރާއޯ ބީމްސިންގް ހޮސްޕިޓަލް (އެމްބީއެސް) ގެ ކޮވިޑް-19 މީހުން ބައިތިއްބާ އައިސޮލޭޝަން ވޯޑުގައި ގިނަ އަދަދެއްގެ މީހުން ތިބިއިރު އެތަނުގައި އެއާ ކޮންޑިޝަނާއެއް ނެތެވެ. އަދި ހުރި ފަންކާތަކާއި ކޫލަރުތައް އެއްގޮތަކަށް ވެސް މަސައްކަތް ނުކުރާ ކަމަށް ވެއެވެ. އެތަނުގައި ތިބި ބައެއް ބަލި މީހުން ގަދަ ހޫނުގެ ސަބަބުން ވެސް މަރުވާ ކަމަށް ވެއެވެ.
މި ވޯޑުގައި އޮތް ބަލި މީހެއްގެ އާއިލާއަށް ވެސް އެތަނުން އަރާ ހޫނަށް ކެތް ނުވީ އެވެ. އަދި ކޫލަރަކަށް ކަރަންޓް ދޭން ވެގެން ބަލިމީހާއަށް ގުޅާފައިވާ ވެންޓިލޭޓަރުގެ ވާގަނޑު އުފުރާލާފައި ކޫލަރުގެ ވާގަނޑު ޖެހި އެވެ.
ވެންޓިލޭޓަރު ކަނޑާލުމާއެކު ބަލިމީހާގެ ހާލު ގޯސްވާން ފެށުމުން އާއިލާގެ މީހުން ޑޮކްޓަރުންނަށް ގޮވާ ގެނަ އެވެ. ނަމަވެސް ޑޮކްޓަރުން ސީޕީއާރު ދީގެން ވެސް ބަލިމީހަގެ ފުރާނަ ސަލާމަތް ނުކުރެވި މަރުވީ އެވެ. އެ މީހާ މަރުވުމުން އާއިލާގެ މީހުން ރުޅިއައީ ފަރުވާ ދެމުންދިޔަ ޑޮކްޓަރުން ދެކެ އެވެ. އެމީހުންގެ ގަޔަށް ބޮލަށް އަރާ މަރާމާރީ ވެސް މި މީހުން ވަނީ ހިންގާފަ އެވެ.
މި ހާދިސާގެ ޚަބަރު ޓުވިޓާގައި ޝެއާކުރީ އެ ވަގުތު އެތާ ހުރި އާނަންތު ބާން ކިޔާ މީހެކެވެ. އޭނާ ބުނި ގޮތުގައި ހޫނުވާވަރުން ކެތް ނުވެގެން ވެންޓިލޭޓަރުގެ ޕްލަގް ނައްޓާލައި ކޫލަރުގެ ޕްލަގް ޖެހީ ބަލި މީހާގެ އާއިލާގެ މީހުންނެވެ.
ވެންޓީލޭޓަރުގެ ބެޓެރީ ހުސްވުމުން އޭގެ މަސައްކަތް ހުއްޓި ބަލިމީހާގެ ހާލު ބޮޑުވާން ފެށީ އެވެ. އަދި މަޑުމަޑުން ހާލު ދެރަވަމުން ގޮސް މަރުވީ އެވެ. ނަމަވެސް އެމީހުންގެ ކުށް ގަބޫލުކުރަން ބަލިމީހާގެ އާއިލާގެ މީހުން ބޭނުން ނުވެ އެތަނުގައި އެ ވަގުތު ބަލި މީހުންނަށް ފަރުވާ ދޭން ތިބި ޑޮކްޓަރުންނަށް ހަމަލާ ދިނީ އެވެ.
އެހެން މީހަކަށް މި މަންޒަރު ނުފެނުނު ނަމަ ބަލިމީހާގެ އާއިލާއިން މިކަމަށް އެއްބަސްވެސް ނުވީސް ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.