ވާހަކަ

ރީތީ ހީލީމާ

(ތިންވަނަ ބައި)

އެ ދުވަހުގެ ރެޔެއެވެ. އަހަރެން ދިޔައީ ޑިއުޓީ އަށެވެ. އަހަރެންގެ ވަޒީފާއަކީ ސަރުކާރުގެ އޮފީހެއްގެ ފޯރި މެރުމެވެ. ދަންވަރު ޑިއުޓީ ކުރަން ނެގީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހުގަ އެވެ. ފޯރިމަރަން ޖެހެނީ ސަރުކާރު އޮފީހެއްގައި ނަމަވެސް އަހަރެން މި އަދާކުރަނީ އަމިއްލަ ކުންފުންޏެއްގެ ވަޒީފާއެކެވެ. ލިބެނީ ކުޑަކުޑަ މުސާރައެކެވެ. ނަމަވެސް، ހާލަތު މަޖުބޫރު ކުރީ މިގޮތަށެވެ. ޝަކުވާއެއް ނެތި އެކަން ހިތުން ގަބޫލު ކުރީ މެވެ.

އެއްގޮތަކުން ވިސްނާނަމަ މިއީ ފަސޭހަ މަސައްކަތެކެވެ. ކުރާންޖެހޭ މާގިނަ ކަމެއް ނޯވެ އެވެ. ކުރަން ޖެހޭހާ ވެސް ކަމަކީ ގޮނޑިއަޅައިގެން އިނުމެވެ. ދޭތެރެއަކުން ހިނގާލުމެވެ. ޑިއުޓީއަށް އެރުމަށްފަހު އަހަންނަށް ކުރެވޭހާ ވެސް ކަމަކީ ވިސްނުމެވެ. ފިކުރު ކުރުމެވެ. ދިރިއުޅުމާ މެދު ޚިޔާލު ކުރުމެވެ. ދިރިއުޅުމަށް ކުރި އުއްމީދުތައް ބޮއްސުން ލަމުންދާތީ އެކަމާ ވިސްނުމެވެ.

ޑިއުޓީގައި އިންނަ އިރު އަހަރެންގެ މުނިފޫހި ފިލުވައިދޭ މިތުރަކީ ރޭޑިއޯ އެވެ. ރޭޑިއޯގެ ލަވަތަކެވެ. ލަވަތަކުން އުފާވެރި ޒަމާންތައް ސިފަ ކޮށްދެ އެވެ. އުފާވެރި މާޒީ ހަނދާން ކޮށްދެ އެވެ. އޭރުގެ އިހުސާސްތައް އާލާ ކޮށްދެ އެވެ.

އާދައިގެ މަތިން ގޮނޑީގައި ހަމަޖެހިލަމުން ރޭޑިއޯ ހުޅުވާލީމެވެ. ހިތުގައި ތަތްވީ، އިވެން ފެށި މިއުޒިކެވެ. އެއީ އެއް އިރެއްގައި އަހަންނަށް އެންމެ ގިނައިން ކިޔެމުން ދިޔަ ލަވައެވެ. އާއެކެވެ. ރީތީ ހީލީމާއެވެ. ލަވައިގެ ކޮންމެ ލަފުޒަކުން އަހަރެންގެ ހަނދާންތައް އާވެ އާލާވަމުން ދިޔަ އެވެ. ހިތުގެ ވިންދު އަވަސްވަމުން ދިޔަ އެވެ. މަންޒަރުތައް ކެހެމުން ދިޔައެވެ. މަޑުމަޑުން އަހަރެންގެ ލޯމަތިން އެ މަންޒަރުތައް ފެންނަން ފެށި ކަހަލަ އެވެ.

"ތިޔަ މަސްތީ ލޯ ފަރި ހުޅުވީމާ ލަދުރަކިވާހާ ވޭދޯ." އިވެމުން ދިޔަ ލަވައިގެ ރާގަށް އަތްހަމަކުރަމުން އަހަރެން ހިފައިލީ ނިޔާޒާގެ އަތުގަ އެވެ.

ނިޔާޒާގެ މޫނާއި އަހަރެންގެ މޫނު ކައިރިކޮށްލަމުންނެވެ. އޭނާގެ ނޭވާގެ އިހުސާސް ކުރެވޭހާ ކައިރިވަމުންނެވެ. މަޑުމަޑުން ނިޔާޒާގެ ކޯތާފަތުގައި އަހަރެންގެ ޝަހާދަތް އިނިގިލީގެ ނުފުށް ޖައްސައިލީމެވެ. އެ ރީތި ހިނިތުންވުމަށް ބަލައިލަމުންނެވެ. ނިޔާޒާ އަހަރެންގެ އަތުގައި ހިފައިލި އެވެ.

"މިސްބާހު. އަހަންނަށް މިސްބާހުގެ ބީހުމެއް އޮޅުވައެއް ނުލެވޭނެ. ލަވަ ކިޔަނީ ޝަރީފު." ނިޔާޒާ ލޯމަތީގައި އައްސާފައި އޮތް ފޮތިގަނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

އަހަރެން ގާތަށް އައީ ޒާތެއްގެ ހިންޏެކެވެ. ނިޔާޒާ މަޑުމަޑުން އަހަރެންގެ މޫނުގައި އަތް ޖައްސާލިއެވެ. އަހަރެންގެ ދެ ކޯތާފަތުގައި އޭނާ ފިރުމައިލިއެވެ. އޭނާގެ އިނގިލިތައް ގެނެސް އަހަރެންގެ ތިރީ ތުންފަތުގައި ޖައްސާލި އެވެ.

"ތިޔަ މަސްތީ ލޯ ހުރެ ހުޅުވީމާ ހަމަ ރަކިވާހާ ވޭދޯ." ނިޔާޒާގެ ހިމަ އަޑުން ލަވައިގެ ރާގު އަޅުވާލަމުން އަހަރެންގެ ތިރީ ތުންފަތުގައި އޭނާގެ ބޮޑުވާ އިނގިލި ޖައްސާލަމުން ފޭ ކޮށްލި އެވެ.

އަހަންނަށް ހުރެވުނީ އެވެ. ނިޔާޒާގެ ހަރަކާތްތަކަށް މަރުހަބާ ކިޔާށެވެ. އޭނާގެ ހިމަހިމަ އިނގިލަތަކުގެ ހަރަކާތްތަކުން އަހަރެންގެ ހަށިގަނޑުގައި އާދަޔާ ޚިލާފު ޖަޒުބާތެއް އުފައްދަމުން ދިޔައެވެ. ހީވަނީ ހަށިގަނޑަށް ޒާތެއްގެ ޝޮކެއް ލިބެމުންދާހެންނެވެ. ކަރަންޓު ދިނުމުން ވާކަހަލަ ގޮތްތަކެއް ވަނީއެވެ. އެ އިހުސާސް ކުރެވެނީއެވެ.

"ރީތީ ހީލީމާ. ރީތީ ހީލީމާ." ނިޔާޒާގެ ފަހަތުގައި މިސްބާހު ހުއްޓިލި އެވެ.

މިސްބާހާއެކު އަހަރުމެންގެ ގުރޫޕުގައި ތިބި ފަސް މީހުން ތެދުވެ އަތްޖަހަމުން ނިޔާޒާގެ ވަށައިގެން ހިނގަމުން ދިޔައެވެ. އެންމެންވ ެސް ބާރަށް އަތްޖަހަމުން ލަވަކިޔަމުން ދިޔައެވެ. ނިޔާޒާގެ ލޮލާއި ނޭފަތުގެ މަތީގައި އައްސާފައި އޮތް ފޮތިގަނޑު މޮހައިލިއެވެ. ނިޔާޒާ ލޯހުޅުވާލި އެވެ.

"އައްޗީޑި. ކަލޭ ތަ؟" ނިޔާޒާ ބާރުބާރަށް ހަޅޭއްލަވާ ގަތެވެ.

އަހަރުމެން ވަށައިގެން ތިބި އެންމެން ހެމުން އަތްޖަހުމުން ދިޔަ އެވެ. އެއްބަޔަކު އިނގިލި ދިމާކޮށް އަހަރެންނާ ދިމާ ކުރަން ފެށިއެވެ. ނިޔާޒާ ގާތަށް އައީ ފާޑެއްގެ ރުޅިއެކެވެ. އޭނާ ހީކުރި ގޮތާ ދިމާ އިދިކޮޅަށް ކަންތައް ވުމުންނެވެ.

"ވަރަށް ފޫހިވޭ. މަ ބޭނުމީ ރަށަށް ދާން. ހަމަ މިހާރު ރަށަށް ދާން ހިނގާ. އެންމެ ހިނދުކޮޅަކަށް ވެސް ހުންނާކަށް ބޭނުމެއް ނޫން." ނިޔާޒާ ތުންއަނބުރައިލަމުން ދުއްވައިގަތީ އެއްގަމަށް އަރުވާފައި އޮތް ޑިންގީއާ ދިމާއަށެވެ.

ނިޔާޒާގެ ފަހަތުން މިސްބާހު ވެސް ދުއްވާގަތެވެ. އަހަންނަށް މަންޒަރު ބަލަން ހުރެވުނީ އެވެ. ދެ ލޮލަށް ޖަމާވެ ގިނަވަމުން ދިޔަ ކަރުނަތައް އޮއްބައިލެވޭތޯ މަސައްކަތް ކުރީމެވެ. އޭރުވެސް އަހަރެންގެ ވަށައިގެން ތިބި އެންމެން ހެމުން ދިމާކުރަމުން ދިޔައެވެ.

"ކޮބާ ހީވޭ؟ އެންމެ ފަހުން ދަތުރު ވެސް ފަނިވީ ކަންނޭނގެ." މަންޒަރު ބަލަން ހުރެ އަނީސާ ބުނެލި އެވެ.
"ދެން މީހަކު ނައްޓާވަރު ކަމެއް ވެއްޖެތަ އަޅެ؟ ނިޔާޒާ ބޭނުން ވެގެންތާ މި ގޭމު ޖެއްސީ ވެސް. ފޯރި އަރުވާފައި އުޅޭނެ. އެކަމަކު ކަމަކަށް ނުވާކަން ކަމުގަ ހޭ ކުޑާވާނީ. މަ ވަރަށް ފޫހިވޭ." އަނީސާގެ ވާހަކައިގައި ބައިވެރިވީ މުނީޒާ އެވެ.
"ދެން އަން ކިޔައިފަ ފަހަތަށް ކޮންމެ އެއްޗެއް އަޔަސް ވާނީ ހަމަ އެވަރު. އެ ހެޔޮ އަންނާރަކަސް. ތި މީހުންގެ ހާލެއް ވެސް އެނގޭނީ ކަމަކާ ޖެހުނީމަ." އަލީ ދިމާކޮށްލީ އަނީސާ އަށެވެ.
"މި ޝަރީފު ދެކެ ނިޔާޒާ އެ އަންނަނީ އަމަށަކު ރުޅިއެއް ނޫނޭ ދޯ. ޝަރީފު އަނެއްކާ ނިޔާޒާއަށް ދޯކައިދިނީތަ؟ އަހަރުމެންނަށް ނޭނގުނަސް ގަނޑެއް ގަނެފަ އޮތީތަ؟" މުނީޒާ ބަލައިލީ ސީދާ އަހަންނާ ދިމާއަށެވެ.
"ނިޔާޒާގެ މަންމަ ބޭނުންވަނީ މި ސޮރޭ. އެޔޭ ވެގެން އުޅޭ ގޮތަކީ." އަލީ ހޭން ފެށި އެވެ.
"ދެން އެ މައްސަލައެއް ނޫނެއްނު ދޯ." މުނީޒާ ހީލި އެވެ.
"މަށަށް ހީވޭ އެންމެފަހުން ނިޔާޒާ އިންނާނީ ވެސް ޝަރީފާހެން." އަނީސާ އަހަރެންގެ މޫނަށް ބަލައިލަމުން ހީލި އެވެ.
ބަދަލުގައި އަހަރެން އެއްޗެއް ނުބުނަމެވެ. ބަލަހައްޓައިގެން ހުރީ އެވެ.
"އަނެއްކާ ޝަރީފު ލޯބިވަނީތަ؟" މުނީޒާ އަހައިލި އެވެ.
"އާން! އެޔެއްނު މައްސަލައަކީ." އަލީ ދިމާ ކުރުމުގެ ރާގުގައި ބުނެލި އެވެ.
"ދެން ޝަރީފު ވެސް އުޅޭ ވައްތަރު. ދެ ލޯބިވެރިން ދެމެދަށް ވަންނާކަށް ނުވާނެއްނު. މިސްބާހު ނުލާހިކު ލޯބިވޭ ނިޔާޒާ ދެކެ. ނިޔާޒާ ވެސް. ލޯބިވެރިންގެ ދެމެދަށް ވަންނާނީ ވަރަށް ގޮތެއް ނެތް މީހަކު." އަނީސާ ހިތްހަމަ ނުޖެހޭ ކަން މޫނުމަތިން ދައްކާލި އެވެ.
"ލޯބިވުމަކީ ކުށެއް ނޫން. އެއީ ގަސްތުގައިވާ އެއްޗެއް ވެސް ނޫން. ކިތައްމެ ބޭނުން ނުވާ މީހަކު ދެކެވެސް އަނެއްކާއަށް ލޯބިވެވިދާނެ،" އަލީ ކިޔައިލީ އަހަރެންގެ ހިތެވެ. "އަހަންނަށް މައްސަލައަކީ ނިޔާޒާ."
"އާން! ފިރިހެނުންނަށް އަބަދުވެސް ގޯސްވާނީ އަހަރުމެން އަންހެނުން. ފިރިހެނުން ހެޔޮ އެއްފަހަރާ ފަސް، ހަ ބިޓުން ނަގައިގެން އުޅުނަސް. ފަޅާ އެރީމަ ބުނާނީ އެއީ ސީރިއަސްކޮށް ކުރި ކަމެއް ނޫނޭ. ހަމަ ޓައިމު ޕާސްކޮށްލީއޭ، މި މީހުންގެ ލިސްޓު ދިގުވި ވަރެއް އެއީ ކާމިޔާބީ މިނާ މިންގަނޑަކީ. ނަންވާނީ އަހަރުމެން، އަންހެނުން. ލަގަބު ވެސް ލިބޭނީ އަހަރުމެންނަށް." އަނީސާގެ މޫނަށް ވައްތަރު ޖައްސާލި އެވެ.

އަހަރެން ހިނގައިގަތީ ރަށު ތެރެއަށެވެ. ލިބުނު މާޔޫސް ކަމާއި އިވުނު އަޑުތަކުން ހިތަށް ހަމަޖެހުމެއް ލިބޭތޯ އެވެ. ބޭނުންވީ އެކަނިވެލާށެވެ. އެންމެނާ ދުރަށް ޖެހިލާށެވެ. އަތުގައި އޮތް ދަނޑިކޮޅުން ހޭޅިފަށުގައި ހުރި މަގޫގަސްތަކުގައި ތަޅަމުން ރަށުގެ ހުޅަނގު ކޮޅަށް މިސްރާބު ޖެހީމެވެ. އެއީ ރީތި ގޮނޑުދޮށަކާއި ވިލުގައި ރީތި މޫދެއް ލިބިފައިވާ ފަޅު ރަށެކެވެ. އަހަރުމެންގެ ރަށުން ދިހަވަރަކަށް މިނެޓުން އާދެވޭހާ ކައިރީގައި އޮތް ކުޑަކުޑަ ރަށެކެވެ.

"ޝަރީފޫ!" އަންހެނަކު ގޮވައިލި އަޑު އިވުމުން އަހަރެން ފަސްއެނބުރި ބަލައިލީމެވެ.

އެއީ ފިނާއެވެ. ހުރިހާ އެންމެން އެކި ވާހަކަ ދެއްކި އިރު ފިނާ މަންޒަރު ބަލަން ހުއްޓެވެ. ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެކަން އަހަންނަށް ފާހަގަ ވެސް ވިއެވެ. މަޑު ފަސްގަނޑުގެ މަތީގައި ދުވަމުން ކަހަލަ ގޮތަކަށް ފިނާ އަހަންނާ ދިމާއަށް އަޔެވެ. އޭނާގެ ރަން އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔަ އެވެ.

"އޯކޭ ދޯ ފިނާ ދިޔަޔަސް؟" އަހަންނާ އަރާ ހަމަ ކުރަމުން ފިނާ ހުއްޓިލި އެވެ. "މި ބުނީ ޝަރީފުއާއެކު އަހަރެން ދިޔަޔަސް ހެޔޮ ހޭ؟"

އަހަރެން ބަލައިލީ ފިނާގެ މޫނަށެވެ. ފިނާގެ ދެ ކޮލުން އަޑިވަމުން ދިޔަ އަޑިކޮޅަށް ބަލާށެވެ. ވަޔާއެކު އޭނާގެ ތުންފަތާއި މޫނަށް މައްލަވަ ކުރަމުން ދިޔަ އިސްތަށިތަކުން ފާޅުވަމުން ދިޔަ ދިހުން ކުލައަށް ބަލާށެވެ. ފިނާ އަތުން އިސްތަށިގަނޑު ނަގައި ކަންފަތުގައި އަޅުވާލި އެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟" އަނެއްކާ ވެސް ފިނާ އަހައިލި އެވެ. "ހިތްހަމަ ނުޖެހުނީތަ؟ އަހަރެން ދެކެ ރުޅި އަންނަން ޖެހޭ ކަމެއް ކުރެވުނީތަ؟"

ބަދަލުގައި އަހަރެން ބޯ ހޫރައިލީމެވެ. ފިނާގެ މޫނަށް ބަލައިގެން ހުރެ އެވެ.

"މާނައަކީ އަހަރެން ހިނގައްޖެ ނަމަ ޝަރީފު ހިތްހަމަ ނުޖެހޭނޭ ދޯ." ފިނާ އަހަންނާ ގާތަށް ޖެހިލި އެވެ.
"އެކަނިވެލަން ބޭނުން ވަނީ." ލަސްލަހުން ބުނެލީ މެވެ.
"އަހަރެން ވެސް ބޭނުން ވަނީ އެކަނިވެލަން." ފިނާ ބަލައިލީ ސީދާ އަހަރެންގެ ލޮލަށެވެ.
"ތިޔަ މަސްތީލޯ ފަރި ހުޅުވީމާ ލަދުރަކިވާހާ ވޭ." ލަވައިގެ ރާގު އަޅުވާލަމުން ފިނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. "ރީތީ ހީލީމާ. ރީތީ ހީލީމާ."

އަހަންނަށް ބުނަން ނޭނގޭ ކަހަލަ އުނދަގޫތަކެއްވާން ފެށި އެވެ. ފިނާގެ އެ އޮމާން މޫނަށް ބެލުނީތީ ލަދު ގަންނަ ގޮތްވާން ފެށިއެވެ. ފާޑަކަށް ރަކިވެވުނެވެ. މަޑުމަޑުން ދުރަން ބަލައިލީމެވެ.

"ސޮރީ." ފިނާ އާ ދުރަށް ޖެހިލީމެވެ.
"ރުހުންދީ ދާނަންހޭ؟ މި ހިތުގައި ވާނަންހޭ؟ އެހީވާން ހިތްރޯތީ. އަހައިލަން ވީ ދާށޭ." އަހަރެންގެ އަތުގައި ހިފައިލަމުން ލަވައިގެ ރާގުގައި ފިނާގެ އިހުސާސްތައް ބަންޑުން ކޮށްލި އެވެ.
"ސޮރީ." އަހަރެން އަނެއްކާ ވެސް ދުރަށް ޖެހިލީމެވެ.

މަޑުމަޑުން ކުރިއަށް ހިނގައިގަތީމެވެ. އަހަރެން ހީކުރީ ފިނާ އަހަރެންގެ ފަހަތުން އަންނާނެ ކަމަށެވެ. ފަސްވަރަކަށް ފޫޓަށް ހިނގައިލުމަށްފަހު އިޝާރާތެއް ނުވުމުން ފަސްއެނބުރި ބަލައިލީމެވެ. ފިނާ ހުރީ ހުއްޓުން އަރާފައެވެ. ދެއަތް ޖޯޑު ކޮށްލައިގެންނެވެ. އަހަންނަށް އުނދަގޫ ގޮތްތަކެއް އިހުސާސް ކުރެވެން ފެށުނެވެ. ފިނާ ދޫކޮށްލައިފައި ދާން ހިތެއް ނޭދުނެވެ. މަޑުމަޑުން ފިނާއާ ދިމާއަށް ހިނގައިގަތީމެވެ.

"އުދުހިލަން އެކު އާދޭ. މިހިތް އަދުވާތީ. އަރާމޭ ވީ ހޯދަން." ފިނާއާ ކައިރިވެލަމުން އަހަރެން ދެއަތް ހުޅުވާލާ ރާގުގައި ކިޔައިލީމެވެ.

ފިނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ލުއި ހިނިތުންވުމަކާއެކު އަހަރެން އަންނާށޭ ބުނާ ފަދަ ގޮތަކަށް ފިނާއަށް ބަލައިލީމެވެ. އަހަންނާ ދިމާއަށް ފިނާ ދުއްވާގަތެވެ. އޭނާގެ ރަން އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ. ފިނާ އާ ގޮތަށް އައިސް އަހަރެންގެ މޭގައި ބޮނޑިވެލިއެވެ.

"ތޭންކްސް." އަސަރުން ފުރިގެންވާ ރާގެއްގައި ފިނާ ބުނެލިއެވެ. (ނުނިމޭ)