ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގައި މިއަދު 15،000 ޕޮޒިޓިވް ކޭސް

Jun 21, 2020

ނިއު ދިއްލީ (ޖޫން 21) - އިންޑިއާގައި މިއަދު އެކަނި ރެކޯޑް އަދަދަކަށް ކޮވިޑް-19 ޖެހިފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

އިންޑިއާގައި އަދިވެސް މަޑުޖެހުމެއްނެތި އެ ބަލި ފެތުރެމުންދާއިރު، މިއަދު އެކަނި އިތުރު 15،413 މީހަކަށް އެ ބަލި ޖެހިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

އެގޮތުން، އިންޑިއާގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 410،461 ވަނީ އަރައިފަ އެވެ. އެއާއެކު، ރަޝިއާ، ބްރެޒިލް އަދި އެމެރިކާއަށްފަހު، މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ބަލި ޖެހުނު މީހުންގެ ގައުމުތަކުގެ ތެރެއިން އިންޑިއާ ވަނީ ހަތަރު ވަނަ އަށް އަރައިފަ އެވެ.

ރެކޯޑް އަދަދަކަށް ބަލި ޖެހުނު މީހުންގެ އިތުރުން، މިއަދު އިތުރު 306 ހަ މީހުން މަރުވެފައިވާއިރު، މަރުގެ ޖުމްލަ އަދަދު ވަނީ 13،254 އަށް އަރައިފަ އެވެ.

ނަމަވެސް، އެކަށީގެންވާ މިންވަރަށް ޓެސްޓު ނުކުރެވުމާއި، ރިޕޯޓުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ބަލި ޖެހުނު މީހުންގެ އަދަދާއި ބަލީގެ ޝިކާރައަކަށްވި މީހުންގެ އަދަދު އެއަށްވުރެވެސް އިތުރުވާނެކަމަށް ސިއްހީ މާހިރުން ލަފާކުރެ އެވެ.

ޖުމްލަ ކޭސްތަކުގެ ތެރެއިން 60 ޕަސަންޓް ހިއްސާކުރަނީ، ވެރިރަށް ނިއު ދިއްލީގެ އިތުރުން، ޓެމިލް ނާޑޫ އާއި މަހަރާޝްސްޓްރަ އިން ނެވެ.

މިއަދު ގައުމާ މުހާތަބު ކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޔޯގާ ފަދަ ކަސްރަތުތައް އިތުރުކޮށް، ހަށިގަނޑުގެ ދިފާއީ އަދި ނޭވާލާ ނިޒާމު ވަރުގަދަ ކުރުމަށް ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުމެންގެ ދިފާއީ ނިޒާމު ވަރުގަދަކުރެވިއްޖެނަމަ، މި ބަލިން ސަލާމަތްވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ،" މޯދީ ވިދާޅުވެފައިވެ އެވެ.