އިންޑިޔާގެ ކެރެލާގެ 11 އަހަރު ކުއްޖެއް ދީލަތިކަމާއި އޯގާތެރިކަމުން ނަމޫނާ ދައްކައިފި އެވެ. އޮންލައިންކޮށް ކިޔަވަން ބޭނުންވާ ފަގީރު ކުދިންތަކަކަށް މި ކުއްޖާ ވަނީ އޭނާގެ އުފަން ދުވަހުގެ ހަދިޔާއިން ޓީވީ އާއި ކޮމްޕިއުޓަރު ފަދަ ތަކެތި ގަނެދީފަ އެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުން ބަންދުވެފައި އޮންނަތާ ގިނަ ދުވަސް ތަކަކަށްފަހު އިންޑިޔާގައި ވެސް މިހާރު ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށާފަ އެވެ. ނަމަވެސް ފަގީރު ހިސާބުތަކުގައި އުޅޭ ގިނަ ކުދިންނަށް އިންޓަނެޓު ލިބޭނެ ގޮތެއް ނުވެ އަދި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީ ނުލިބި ކިޔެވުން މަހްރޫމްވެފައި ވެއެވެ.
އިންޑިއާގެ ނިއު އެކްޕްރެސްގައިވާ މި ރިޕޯޓުގައިވާ ގޮތުން 11 އަހަރުގެ މުހައްމަދު އަލީއަކީ ފޯޓް ކޯޗީގެ ސްކޫލެއްގައި ކިޔަވާ ކުއްޖެކެވެ. އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި މި ކުއްޖާ ބޭނުންވީ ޕްލޭ ސްޓޭޝަނެކެވެ. އެހެންވެ އޭނާއަށް ޕްލޭ ސްޓޭޝަނެއް ހޯދައި ދިނުމަށް ކުއްޖާގެ ބައްޕަ އޭނާގެ ނަމުގައި ބެންކްގައި އެކައުންޓެއް ހުޅުވައި ކޮންމެ މަހަކު ވެސް އެ އެކައުންޓަށް ފައިސާ ޖަމާ ކުރާތާ އެތައް މަހެއް ވެއްޖެ އެވެ. ނަމަވެސް ޕްލޭ ސްޓޭޝަން ގަތުމުގެ ކުރިން މި ކުއްޖާގެ ޚިޔާލު ބަދަލުވީ އެވެ.
މުހައްމަދު އަލީގެ ބައްޕަ އަންސިފް އަޝްރަފް އަކީ ވެސް ނިކަމެތި ފަގީރުންނަށް އެހީވުމަށް ތަފާތު ކަންކަން ކުރަމުން އަންނަ މީހެކެވެ. އޭނާ ދިރިއުޅޭ ސަރަހައްދުގައި ލޮކްޑައުންގެ ސަބަބުން ފަގީރުންގެ ހާލަތު އެންމެ ގޯސްވީ ރޯދަ މަހުގެ މެދެއްހާ ހިސާބުގަ އެވެ. އެހެންވެ ފަގީރުންނަށް އެހީވުމުގެ މަސައްކަތް އޭނާ އެ ދުވަސްވަރު ވަރަށް ބޮޑަށް އިތުރުކުރި އެވެ. އަލީ އަށް ބައްޕަ ކުރާ މަސައްކަތް ފެނި އެ މަސައްކަތްކުރަނީ ކީއްވެތޯ ސުވާލު ކުރި އެވެ.
ޗުއްލިކަލް ކިޔާ އަވަށުގައި ވިޔަފާރިކުރާ އަލީގެ ބައްޕަ ދަރިފުޅުގެ ސުވާލަށް ވަރަށް ފުރިހަމައަށް ޖަވާބު ދިނެވެ. ފައިސާ ނެތިގެން ކާން ބޯން ނުލިބިފައިވާ އެތައް ބަޔަކު ފަގީރު ހާލުގައި އެބައުޅޭކަން އޭނާ ދަރިފުޅަށް ވިސްނައިދިނެވެ. ބައްޕަ ދެއްކި ވާހަކަތަކުން ކުޑަ ކުޑަ އަލީގެ ހިތަށް ވަރަށް އަސަރުކުރި އެވެ. އަދި ފަގީރުންނަށް އެހީ ފޯރުކޮށްދީ ތަފާތު ދައްކަން އޭނާ ވެސް އަޒުމު ކަނޑައެޅި އެވެ.
އެގޮތުން އޭނާއަށް ލިބިފައި ހުރި ހުރިހާ ފައިސާ އޮންލައިންކޮށް ކިޔަވަން ބޭނުންވެ އެ ފުރުސަތު ނުލިބިފައި ތިބި ފަގީރު ކުދިންނަށް އެހީވުމަށް ފޭސްބުކްގައި ފަށާފައިވާ "އެމްޕީ ހިބީ އެޑެންސް ޗެލެންޖް" އަށް ހަދިޔާ ކުރި އެވެ. މި ޓެބްލެޓް ޗެލެންޖް"ގެ މަގްސަދަކީ އޮންލައިންކޮށް ކިޔަވަން ބޭނުންވީ ނަމަވެސް ފަގީރުކަމުން ޓެބްލެޓް، ލެޕްޓޮޕް ނުވަތަ ޑެސްކްޓޮޕް ގަނެވޭނެ ފަދަ ނެތް ކުދިންނަށް މިފަދަ އެއްޗެތި ގަނެދިނުމެވެ.
ޕްލޭ ސްޓޭޝަނެއްގެ ހުވަފެން އަލި ދެކެމުންދާތާ ކިތަންމެ ދުވަހެއް ވީނަމަވެސް އޭނާގެ މިއަހަރުގެ އުފަން ދުވަސްކަމަށްވާ ޖޫން 8 ވަނަ ދުވަހު އޭނާ ޕްލޭ ސްޓޭޝަނެއް ނުގަނެ އެވެ. ފަގީރު ކުދިންތަކަކަށް އޭނާ ގަނެދިނީ ދެ ޓީވީ އާއި އެއް ޓެބްލެޓެވެ. އަދި އިތުރު ޓީވީ ސެޓެއް އޭނާ ފަގީރު ކުދިން ބަލަހައްޓާ މީހަކަށް ހަދިޔާ ކުރި އެވެ.
އޮންލައިންކޮށް ކިޔަވައިދޭން ފަށާފައިވާއިރު އިންޑިޔާގެ އާބާދީގެ ނިސްބަތުން ކޮމްޕިއުޓަރު ހުންނަނީ އެންމެ 10.7 ޕަސެންޓް ގޭގަ އެވެ. އަދި ރަށްފުށު ހިސާބާއި ތަރައްގީ ވެފައިވާ ހިސާބުގައި ވެސް ލެޕްޓޮޕް ފަދަ ގެޖެޓް ގެންގުޅޭ އެވްރެޖް ތަފާތެވެ. ރަށްފުށުގައި އެވްރެޖްކޮށް މިފަދަ އެއްޗެތި ހުންނަނީ އެންމެ 4.4 ޕަސެންޓް ގޭގަ އެވެ. އާބަން އޭރިޔާ ތަކުގައި 23.4 ޕަސެންޓް ގޭގައި މިފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ހުރެ އެވެ.
އަލީގެ މި އިޚްލާސްތެރި މަސައްކަތުން ކޮންމެވެސް ކުދިބަޔަކަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބުނީތީ އޭނާ އުފާ ކުރެ އެވެ.