އޮފްބީޓް

ވާހަކަ ނުދެއްކި ހުރެފައި ވާހަކަ ދެއްކުނުއިރު މުޅިން ތަފާތު ރާގުތަކެއް

ގޮތް ނޭނގޭ މައްސަލަތަކެއް ސިކުނޑިއަށް ދިމާވެގެން ސިކުނޑިއަށް ލިބުނު ގެއްލުންތަކެއްގައި އެއްގޮތަކަށް ވެސް ވާހަކަ ނުދެއްކި ދެ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ހުރި މީހަކަށް އަލުން ވާހަކަ ދައްކަން ފެށުނުއިރު ވަރަށް އާދަޔާހިލާފު ތަޖުރިބާތަކެއް ކުރެވިއްޖެ އެވެ.

އެމިލީ އީގަން، 31، ގެ ސިކުނޑިއަށް ލިބުނު ގެއްލުމުގެ ސަބަބުން އެންމެ ފުރަތަމަ އޭނާގެ އަޑު އެއްގޮތަކަށް ނުވެސް ނުނިކުތީ އެވެ. ނަމަވެސް މަޑުމަޑުން އޭނާގެ އަޑު އެނބުރި އައިއިރު އޭނާއަށް ވާހަކަ ދެއްކެވީ ތަފާތު ހަތަރު އެކްސެންޓަކުންނެވެ. ނުވަތަ ތަފާތު ހަތަރު ރާގަކަށެވެ.

އެމިލީ އާއްމުކޮށް ވާހަކަ ދައްކާ އުޅެނީ އެސެކްސް އެކްސެންޓުންނެވެ. ނަމަވެސް އޭނާއަށް ވާހަކަ ނުދެއްކި ހުރެފައި ވާހަކަ ދެއްކުނުއިރު އޭނާގެ ރާގުގައި އެއްގޮތަކަށް ވެސް ކުރީގައި ވާހަކަ ދެއްކި ގޮތެއް ނެތެވެ.

އިންގްލެންޑްގެ ސިޓީއެއް ކަމަށްވާ ބޯންމައުތުގައި ދިރިއުޅޭ އެމިލީއަށް މިހާރު ގިނައިން ވާހަކަ ދެއްކެނީ ޕޮލިޝް އެކްސެންޓަކުންނެވެ. އަދި ބައެއް ފަހަރު ބްރޯކަން އިންގްލިޝް އިން ވެސް ވާހަކަ ދެއްކެ އެވެ. އަދި މިހެން ވާހަކަ ދައްކަމުން ދަނިކޮށް ކުއްލިއަކަށް އޭނާގެ އެކްސެންޓް އިޓަލީ ނުވަތަ ފްރެންޗް މީހުން ވާހަކަ ދައްކާ އެކްސެންޓަށް ވެސް ބަދަލުވެ އެވެ.

އޭނާ މާ ބޮޑަށް ސްޓްރެސް ވެއްޖެނަމަ ވާހަކަ ދެއްކެނީ ރަޝިޔާ މީހުން ވާހަކަ ދައްކާ ބަހުރުވައިންނެވެ. އަދި މާ ބޮޑަށް ވަރުބަލިވެއްޖެނަމަ އެއްގޮތަކަށް ވެސް ވާހަކަ ނުދެއްކޭ ގޮތް ވެސް މެދުވެރިވެ އެވެ.

ޑޮކްޓަރުންނަށް ވެސް އެމިލީ އަށް މިކަން ދިމާވި ސަބަބެއް ނޭނގިގެން ވަރަށް ގިނަ ދުވަހު އޭނާގެ ބައްޔަކީ ކޮބައިކަން ދެނެގަންނަން މަސައްކަތް ކުރަން ޖެހުނެވެ. އެންމެ ފަހުން މިހާރު ޑޮކްޓަރުން ނިންމާފައިވަނީ އެމިލީގެ ބައްޔަކީ ފޮރިން އެކްސެންޓް ސިންޑްރޯމް ކަމަށެވެ. މިއީ ވަރަށް މަދުން ނޫނީ މީހުންނަށް ދިމާނުވާ ސްޕީޗް ޑިސްއޯޑާ އެކެވެ. މިކަން ދިމާވަނީ ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ.

އެމިލީ އަށް އެންމެ ފުރަތަމަ ވާން ފެށި ގޮތަކީ ވަރަށް ބޮޑަށް ބޮލުގައި ރިއްސުމެވެ. ދެ ހަފުތާ ވަންދެން ވަރަށް ގަދަޔަށް ބޮލުގަ ރިހުނެވެ. އަދި އޭނާގެ އަޑު މަޑުމަޑުން މަޑުވާން ފެށި އެވެ. ވާހަކަ ދެއްކުމުގެ ގާބިލްކަން ކެނޑެމުން ވާހަކަ ދެއްކޭލެއް ލަސްވާން ފެށި އެވެ. އޭނާ ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރުން ފުރަތަމަ ހީކުރީ ސްޓްރޯކެއް ޖެހެނީ ކަމަށެވެ. ނަމަވެސް ޓެސްޓްތަކުގެ ނަތީޖާއިން ސްޓްރޯކެއް ނޫންކަން އެނގުނެވެ. ނަމަވެސް އޭނާއަށް ވާގޮތެއް ނޭނގޭތީ ޑޮކްޓަރުން ދެ ހަފުތާ ވަންދެން އޭނާ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދިނެވެ. އެމިލީގެ އަޑު މުޅިން ދިޔައީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮއްވަ އެވެ.

އެމިލީގެ އަނގައިން އެއްވެސް އަޑެއް ނުލެއްވޭ ވަރުވީއިރުވެސް ޑޮކްޓަރުންނަށް އެމިލީ އަށް ވެގެން އުޅޭ ގޮތެއް ނޭނގުނެވެ. އެމީހުންނަށް ވެސް މި ކަން ވީ އަޖައިބުވި ކަމަކަށެވެ. ޑޮކްޓަރުންނަށް އެނގުނުހާ ވެސް އެއްޗަކީ މިހެން ދިމާވަނީ ސިކުނޑިއަށް ލިބޭ ގެއްލުމަކުން ކަމެވެ. އެ ގެއްލުން ވާން ދިމާވި ސަބަބެއް ނޭނގެ އެވެ.

އެމިލީ ބުނި ގޮތުގައި އޭނާއަށް އަލަށް ވާހަކަ ދެއްކެން ފެށިއިރު ބަދަލުވީ ހަމައެކަނި އޭނާ ވާޙަކަ ދައްކާ އެކްސެންޓް އެކަންޏެއް ނޫނެވެ. އޭނާ ކުރިން ވާހަކަ ދައްކާ އުޅުނު ގޮތަށް ވެސް ވަނީ ބަދަލު އައިސްފަ އެވެ. އަދި ޖުމްލަތައް އަތުރާލާކަށް ވެސް އޭނާއަކަށް މިހާރަކު ނޭނގެ އެވެ. އެހެންވެ އިނގިރޭސިން ވެސް އޭނާއަށް ވާހަކަ ދެއްކެނީ ކޮށަކޮށައިގެން ނުބައިކޮށެވެ.

"އަހަރެން މިހާރު ލިޔަނީ ވެސް ތަފާތުކޮށް. މުޅި ބަސްކޮށާރު ބަދަލުވެއްޖެ. އަހަރެންނަށް މިހާރު ރަނގަޅަށް އިނގިރޭސިން ވާހަކަ ދައްކާކަށް ނޭނގޭ،" އެމިލީ ބުންޏެވެ.

އެމިލީއަށް ދިމާވި މި މައްސަލައިގެ ސަބަބުން ޒީނޯފޯބިއާގެ ތަޖުރިބާ ވެސް އޭނާއަށް ކުރަން ޖެހިފައި ވެއެވެ. ނަތީޖާއަކަށް ވަނީ ނުވެސް ދަންނަ މީހުންގެ ފަރާތުން އޭނާއަށް ތަފާތު ފުރައްސާރަތައް ކުރިމަތިވުމެވެ. އެހެންވެ އޭނާ ގިނައިން ވާހަކަ މީހުންނާ ވާހަކަ ދައްކަނީ ފޯނަށް އަޅާފައިވާ އެޕަކުންނެވެ.

އެމިލީ ބުނި ގޮތުގައި ތަފާތު ރާގު ރާގަށް ވާހަކަ ދެއްކޭތީ އޭނާ އަށް ވާހަކަ ދައްކަން ވަރަށް އުނދަގޫވެ އެވެ. އަދި އޭނާއަކީ މުޅިން ތަފާތު މީހެއް ކަމުގެ އިހްސާސް ކުރެވެ އެވެ. އެމިލީއަށް މިހާޜު އިތުރު ނިއުރޮލޮޖިކަލް މައްސަލައެއް ވެސް ވަނީ ކުރިމަތިވެފަ އެވެ. އޭނާގެ ވާތުފަޔާއި އަތުން ވަނީ ވާގި ގޮސްފަ އެވެ. މިއީ ވެސް ސިކުނޑިއަށް ލިބުނު ގެއްލުމުގެ ނަތީޖާ އެވެ. ނަމަވެސް އޭނާގެ މި މައްސަލަ ހައްލުވެ އަލުން އަތާއި ފަޔަށް ވާގި ލިބޭނެި ކަމަށް ޑޮކްޓަރުން އުންމީދު ކުރެ އެވެ.