ރައީސް މުހައްމަދު ނަޝީދު

ތަހުގީގު ފުރިހަމަ ނުކުރެވޭނެ ކަމަށް މަރު ކޮމިޝަނުން އެންގި: ނަޝީދު

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ހުރަސްތަކެއް އެޅިފައިވާތީ ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ހާޒިރު ކުރުން އޮތެވެ. އޭނާއަށް ސުވާލު ކުރުމުގެ ވަގުތުގައި ހަރުކަށި ފިކުރުތަކުގެ ހަރަކާތްތައް މިސްކިތްތަކުގައި ރާވަމުން ދާތީ މިނިސްޓްރީއަށް އެކަން މޮނިޓާ ކުރެވޭތޯ މެންބަރަކު ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީއާ ހަމައަށް އެފަދަ މައްސަލައެއް އައުމުން، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މިނިސްޓަރުގެ ޖަވާބަށް ފަހު، އެހެން މެންބަރަކަށް ސުވާލު ކުރެއްވުމުގެ ފުރުސަތު ދިނުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ މަރުތަައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ސިޓީއެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި ބުނާ ގޮތުން އެ ކޮމިޝަނަށް ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަން އަންގާފައިވާ ކަމަށެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މިހާރު މަޖިލީހަށް ސިޓީއަކުން އަންގާފައިވޭ، އެ ބޭފުޅުންނަށް ދެން އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެއޭ. އަޅުގަނޑަށް ޔަގީން ކޮމިޝަންގެ ސިޓީ ލިބިވަޑައިގަތީމަ ސާފުވާނެ. ކޮމިޝަނުން ދެކޭ ގޮތުގައި އެ ބޭފުޅުންނަށް ދެން އިތުރު ހެއްކެއް ލިބެން ނެތް ކަމަށް ވަނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މަރު ކޮމިޝަނުގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވަނީ، އެ ކޮމިޝަންގެ މަސައްކަތްތައް ލަސްވާތީ އެ މަސައްކަތްތައް ގޮސްފައިވާ ހިސާބެއް ދެނެގަތުމުގެ މަސައްކަތް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ފަށާފައި ވަނިކޮށެވެ.

ކޮމިޝަންގެ ސިޓީއާ ހަވާލާދީ ރައީސް ނަޝީދު ވިދާޅުވީ، ކޮމިޝަނަށް މިހާތަނަށް ތަހުގީގު ކުރެވިފައި ވަނީ ހަމައެކަނި އަމަލީ ގޮތުން އެކަމުގައި ބައިވެރިވި ފަރާތަށް ދައުވާ ކުރެވޭ މިންވަރަށެވެ. އެ ކަން އިންތިޒާމު ކުރުމުގައި އުޅުނު ފަރާތްތަކާއި އެ ކަމަށް ހަރަދު ކުރި ފަރާތްތަކާއި އެ ކަން ސިއްރު ކުރި ފަރާތްތަކަށް ދައުވާ ކުރެވޭ ވަރަށް ހެކި ހޯދިފައި ނުވާ ކަމަށެވެ.

"މި މަޖިލީހުން އަބަދުވެސް ފާހަގަ ކުރަމުން އައި އެއް ކަމަކީ އެ ޑްރާފްޓް މި ތަނަށް ލިބުނުއިރު ހުރި މިންވަރަށް ދައުވާ ނުކުރެވުނީ ކީއްވެގެންތޯ؟ ކޮމިޝަނުން ވިދާޅުވަނީ ޑްރާފްޓް ކޮޕީ ނުކުތީމައި ތަހުގީގަށް ހުރަސް އެޅުނީ ކަމަށް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މުއުޖިޒާތެއް ފަދަ ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ތަހުގީގު ގޮސްފައިވާ ހިސާބުން ދައުވާ ކުރެވެން އޮތް ފަރާތްތަކަށް ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ރިޔާސީ ކޮމިޝަނުން ކުރާ ތަހުގީގާއި އޭގެ ކަންކަން ހާމަކުރުމާއި ޖިނާއީ ތަހުގީގާއި ދައުވާ އުފުލުމާއި ސީދާ ގުޅުމެއް އޮންނަ ގޮތަށް އެމަނިކުފާނު ދަންނަ ގައުމުތަކުގައި އަމަލު ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަންކަން މި ހިނގާ ގޮތުގައި ވަރަށް ގިނަ ފަހަރަށް އަޑުއިވޭ، ތަހުގީގެއް ހިންގާތާ އަހަރު ދެ އަހަރުވާއިރު ވެސް، އެ ކަމާ ގުޅޭ ފަރާތްތަކަށް ހެކި ފޮރުވާފައި ބެހެއްޓުން، އެ މީހުންގެ އަމިއްލަ ޒަމީރަށް ބުރައަކަށް ވާތީވެ އެބަ ހެކި ނެރޭ. އެހެން ނަމަވެސް އެ އޮތް މިންވަރަށް، އޮތް ހިސާބަށް ދައުވާ ކުރެވުނު ތަނެއް ނުފެނޭ." ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު، ފުރަތަމަ ޑްރާފްޓް ކޮޕީ އެކުލަވާލައި ރައީސް ސޯލިހަށާއި މަޖިލީހަށް ފޮނުވާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާއި މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައަށެވެ. އެ ބޮޑު ދެ މަރު ގުޅިފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ.

ނަމަވެސް އަފްރާޝީމް އަލީގެ ރިޕޯޓް އޭނާގެ އާއިލާއިން ވެސް ބަލައިގެންފައިނުވާއިރު އެ މަރުގެ ތަހުގީގު ފުރިހަމަ ކުރެވިފައނުވާ ކަމަށް ބުނެ ގިނަ ފާޑުކިއުންތައް ކޮމިޝަނަށް އަމާޒުވެސް ވެފައިވެ އެވެ. މި މަރުތަކަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ވެސް މެ އެވެ.