ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބްރެޒިލުގެ މަރުގެ އަދަދު ބައި ލައްކައަށްވުރެ މައްޗަށް

Jun 22, 2020

ރިއޯ ޑި ޖެނޭރޯ (ޖޫން 22) - ބްރެޒިލްގައި ކޮވިޑް-19 މަޑުޖެހުމެއްނެތި ފެތުރެމުންދާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު 50،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

އެއާއެކު އެމެރިކާއަށްފަހު މުޅި ދުނިޔެއިންވެސް ދެވަނަ އަށް އެންމެ ގިނަ މީހުން އެ ބަލީގެ ޝިކާރައަކަށްވި ގައުމަކަށް ބްރެޒިލް ވަނީ ވެފަ އެވެ.

ބައްޔާ ދެކޮޅަށް ބްރެޒިލްގެ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށްބުނެ، އާއްމުން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށާފައިވާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ ވަނީ އެއް މިލިއަން ހުރަސްކޮށްފަ އެވެ.

ނަމަވެސް، ޓެސްޓު ކުރެވޭ މިންވަރު އަދިވެސް އެކަށީގެންނުވާތީ، އެ އަދަދުތައް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ ސިއްހީ މާހިރުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި ބްރެޒިލްގައި އެ ބަލި ޕީކަށް އަރަންވެސް އިތުރު ދެ ތިން ހަފްތާއެއް ނަގާނެކަމަށްވެސް މާހިރުން އިތުރަށް ބުނެފައިވެ އެވެ.

ބްރެޒިލްގެ އިތުރުން ލެޓިން އެމެރިކާ ބައްރުގެ ގިނަ ގައުމުތަކުގައި އެ ބަލީގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފަ އެވެ. އެގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ބަލި ޖެހުނު މީހުން ރެކޯޑް އަދަދަކަށް އިތުރުވެފައިވާ ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން އިތުރަށް ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ދުނިޔެއިން 183،000 އާ ކޭސް ރިޕޯޓުކޮށްފައިވާއިރު، އޭގެ 60 ޕަސަންޓް ހިއްސާކުރަނީ އުތުރު އަދި ދެކުނު އެމެރިކާ ކަމަށެވެ.

ބަލި ފެތުރޭ މިންވަރު ހަލުވިވަމުންދިޔަ ނަމަވެސް، ރައީސް ޖާއިރު ބޮލްސެނާރޯގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގެ ބައިވެރިން ވަނީ އިތުރުވެފަ އެވެ. އެގޮތުން، ބޮލްސެނާރޯ މަގާމުން ދުރުކުރުމަށް އެމީހުން ގޮވާލަމުންދާއިރު، އޭގެ އަނެއް ކޮޅުން ރައީސްގެ ސަޕޯޓަރުންވެސް ވަނީ ސަރުކާރަށް ތާއީދުއޮތް ކަން ހާމަކުރަން މަގުތަކަށް ނުކުމެފަ އެވެ.

އެ ބަލި ބްރެޒިލްގައި ފެތުރެން ފެށުނު ފަހުން، ބޮލްސެނާރޯ ގެންދަވަނީ އެ ބަލީގެ ނުރައްކާތެރިކަން ކުޑަކަމަށް ވިދާޅުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފާޅުގައި ގޮންޖައްސަވައި، ހުރަސް އަޅުއްވަމުންކަމަށް ބުނެ، ގިނަ ބައެއްގެ ފާޑިކިޔުން ވަނީ އަމާޒުވެފަ އެވެ.