ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބްރެޒިލް: ކޮވިޑުގެ އަދަދު ދެ މިލިއަނަށް، ހޮސްޕިޓަލުތައް ފުރިއްޖެ

Jul 18, 2020

ރިއޯ ޑި ޖެނޭރޯ (ޖުލައި 18) - ބްރެޒިލްގައި ހޮސްޕިޓަލުތަކަށް ނުކަތާ ވަރަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އިތުރު ވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ބްރެޒިލްގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ދެ މިލިއަން ހުރަސް ކޮށްފައި ވާއިރު، ދުވާލަކު ފެންނަ ކޭސްތައް ވެސް ރެކޯޑް އަދަދުތަކުން އިތުރުވެފަ އެވެ. އެގޮތުން، މިދިއަ ބުރާސްފަތި ދުވަހު، އަލަށް 45،000 އަށް ވުރެ ގިނަ މީހުނަށް އެ ބަލި ވަނީ ޖެހިފަ އެވެ.

ނަމަވެސް، ޓެސްޓު ކުރެވޭ މިންވަރު މަދުވުމުގެ ސަބަބުން އެ އަދަދުގެ ސައްހަ ކަމާމެދު ސިއްހީ މާހިރުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.

އަދި ކޮވިޑް-19 އިގެ ޝިކާރައަކަށްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 76،688 އަށް އަރައިފަ އެވެ.

ބްރެޒިލްގެ ބޮޑެތި ސިޓީތަކުގައި ބަލި ފެތުރޭ މިންވަރު ކޮންމެވެސް މިންވަރަކަށް ދަށަށްދާން ފަށާފައިވީ ނަމަވެސް، އެހެން ސަރަހައްދުތަކުން ބަލި ފެންނަ އަދަދު ވަނީ މަތިވެފަ އެވެ.

އެގޮތުން، ހޮސްޕިޓަލުގައި ހާއްސަކޮށް އައިސީޔޫ ބެޑުތައް ފުރިފައިވާ ކަމަށާއި، ގިނަ ތަންތަނުގައި މިހާރު އެ ބައްޔަށް ޓެސްޓު ކުރެވޭނެ ގާބިލުކަމެއް ވެސް ނެތް ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.

އެއާއެކު، ބައެއް ހޮސްޕިޓަލުތަކުގެ ބޭރުގައި ފަރުވާ ހޯދަން ގިނަ ބަޔަކު ކިޔޫގައި ޖެހެން މަޖުބޫރުވެފައިވާކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އަށް ދާދި ފަހުން، ޕޮސިޓިވްވި ބްރެޒިލްގެ ރައީސް ޖައިރު ބޮލްސެނާރޯގެ ސަރުކާރުން ބައްޔާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭކަމަށް ބުނެ އާއްމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖު ވެސް ކުރަމުންނެވެ.