ޑިޕޯޓިވޯ އަލަވޭޒް ކޮޅަށް ހަ ލަނޑު ޖަހައި ސެލްޓަ ވީގޯއިން ތާވަލުގެ 16 ވަނަ އަށް ޖެހިލައިފި އެވެ.
ސެލްޓަގެ އަމިއްލަ ދަނޑު އަބަންކާ ބެލައިޑޯސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސެލްޓަގެ ހަ ލަނޑުގެ ތެރެއިން ރަފީނާ ވަނީ އެއް މިނެޓްތެރޭ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ހާފު ސެލްޓައިން ނިންމާލީ ހަތަރު ލަނޑުގެ ލީޑަކާ އެކު އެވެ.
ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓްގައި ޖޭސުން މުރީޔޯ ކާމިޔާބު ކުރީ ޑެނިސް ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭގެ ހަ މިނެޓްފަހުން ލިބުނު ޕެނަލްޓީ އަކުން އިއާގޯ އެސްޕަސް ވަނީ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ރަފީނާގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ 40 ވަނަ މިނެޓްގަ އެވެ. ގާތްގަނޑަކަށް އެއް މިނެޓްތެރޭ އޭނާ ވަނީ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް ނަތީޖާ 4-0 ން ބަދަލު ކޮށްފަ އެވެ. ދެ ވަނަ ހާފުގައި ރަފީނާގެ ބަދަލުގައި ކުޅެން ނުކުތީ މިދިޔަ ހަފުތާގައި ސެލްޓައަށް ސޮއި ކުރި ނޮލީޓޯ އެވެ. ކުރިންވެސް ސެލްޓައަށް ކުޅުނު ނޮލީޓޯ ޓްރާންސްފާ ޕީރިއަޑްގެ ބޭރުން ސެލްޓައާ ގުޅުނީ ސްޕެއިންގައި އޮންނަ ޑޮމެސްޓިކް ޓްރާންސްފާގެ ގަވާއިދުގެ ތެރެއިންނެވެ. ސީޒަންގެ ވަކި ހިސާބަކުން ކުޅުންތެރިޔަކަށް ބޮޑު އަނިޔާއެއް ވެއްޖެނަމަ އެ ކުޅުންތެރިޔާގެ ބަދަލުގައި ޓްރާންސްފާ ޕީރިއަޑްގެ ބޭރުން ކުޅުންތެރިޔަކު ގެނައުމުގެ އިހްތިޔާރު ސްޕެއިންގައި ކުލަބުތަކަށް ދެއެވެ.
ސެވިއްޔާގެ ކޮންޓްރެކްޓްގައި ހުއްޓައި ސެލްޓައިން ނޮލީޓޯ އަލުން އަނބުރައި އެ ޓީމަށް ގެނައީ ސެލްޓަގެ ކީޕަރު ސާޖިއޯ އަލްވަރޭޒް އަށް ބޮޑު އަނިޔާއެއް ލިބިފައި ވުމުން، އެ ފުރުސަތުގެ ތެރެއިންނެވެ. އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ރޭ ނޮލީޓޯ ވަނީ ސެލްޓައަށް ލަނޑު ކާމިޔާބު ކޮށްދީ އިތުރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.
ސެލްޓަގެ ފަސް ވަނަ ލަނޑު 78 ވަނަ މިނެޓްގައި ނޮލީޓޯ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޓީމުގެ ހަ ވަނަ ލަނޑު ޖެހުމަށް ސެންތީއާގޯ މީނާ އަށް ފުރުސަތު ތަނަވަސް ކޮށްދިނީ ނޮލީޓޯ އެވެ.