ސެލްޓަ ވީގޯ

ސެލްޓަވީގޯ ރެލިގޭޓް ނުވެ ސަލާމަތް ވެއްޖެ

ލީގްގެ އެންމެ ފަހު ދުވަހުގައި ޗެމްޕިއަން ރެއާލް މެޑްރިޑްގެ މައްޗަށް ލެގަނޭޒްއަށް މޮޅު ނުވެވުމުން، އެސްޕަންޔޯލް އާ ދެކޮޅަށް ޕޮއިންޓެއް ހޯދި ރާއްޖޭގެ ފަތުރުވެރިކަމުގެ ބުރޭންޑް "ވިޒިޓް މޯލްޑިވްސް" ގެ ޕާޓްނާ ސެލްޓަ ވީގޯ ރެލިގޭޓް ނުވެ ސަލާމަތް ވެއްޖެ އެވެ.

ރެއާލް މެޑްރިޑާއި ލެގަނޭޒްގެ މެޗު ނިމުނީ އެއް ވަރުވެގެންނެވެ. ލީގްގެ 17 ވަނައިގައި އޮތް ލެގަނޭޒް އާއި 16 ވަނައިގައި އޮތް ސެލްޓަވީގޯ އާ ދެމެދު ހުރީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. އެ ޕޮއިންޓް ސެލްޓައިން ހޯދީ ރޭ އެސްޕަންޔޯލް އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކޮށްގެންނެވެ. ރެއާލް އާ ދެކޮޅަށް ކުޅުނު ލެގަނޭޒް ވަނީ ރެއާލްއިން ދެ ފަހަރު ލީޑް ނެގުމުން ވެސް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި މެޗުން މޮޅުވުމާ ވަރަށް ކައިރިއަށް އެ ޓީމު ދިޔަ އެވެ.

ހަނިގޮތަކަށް ސެލްޓަވީގޯ ސަލާމަތްވީ، ޖަނަވަރީ ޓްރާންސްފާ އާއި ޓްރާންސްފާގެ ބޭރުން ގެނައި ބަދަލުތަކުންނެވެ. އެ ޓީމުގެ ކޯޗަކަށް ހުރި ފްރާން އެސްކްރީބާ އާއެކު ނަތީޖާ ރަނގަޅު ނުވުމުން ނޮވެމްބަރު މަހު އޭނާ ވަކި ކުރުމަށް ފަހު، ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ބާސެލޯނާ ޔޫތު ސިސްޓަމްގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަަސައްކަތް ކުރި އޮސްކާ ގާސިއާ އެވެ. ސީޒަން ނިމެންދެން އޭނާ އާއެކު ހެދި އެއްބަސްވުން ސެލްޓައިން އާ ކުރީ އޭނާ އާއެކު ޓީމު ކުރިއެރުން ހޯދުމުންނެވެ. ސެލްޓައިން ވަނީ އިތުރު ދެ އަހަރަށް ގާސިއާ ޓީމުގައި ބަހައްޓަން ސޮއި ކުރުވާފަ އެވެ.

ދެ ވަނަ ޑިވިޝަން ނުވަތަ ލަލީގާ ސްމާޓްބޭންކަށް ރެލިގޭޓް ވެފައި ވަނީ ލެގަނޭޒް އާއި އެސްޕަންޔޯލް އަދި ރެއާލް މަޔޯކާ އެވެ. ކާޑިޒް އާއި ހުއެސްކާ ވަނީ އަންނަ ސީޒަންގެ ލަލީގާއިން ފުރުސަތު ހޯދާފަ އެވެ. ޕްރަމޯޝަންގެ ކޮލިފައިންގައި ވާދަ ކުރާނީ އަލްމީރިއާ، ޖިރޯނާ، ރެއާލް ޒަރަގޯޒާ އަދި ފުއެންލަބްރާޑާ އެވެ.

ލެގަނޭޒް އާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ވަނީ ރެކޯޑެއް ހަދާފަ އެވެ. އޭނާ ރޭ ކާމިޔާބު ކުރި ލަނޑާއެކު އޭނާ ވަނީ މި ގަރުނުގައި އެންމެ ގިނަ ގޯލް ޖެހި ޑިފެންޑަރުގެ ރެކޯޑް ހާދާފަ އެވެ. އަދީ ރޭ އޭނާ ކާމިޔާބު ކުރި ލަނޑަކީ އޭނާގެ ކުލަބު ކެރިއާގައި ޖެހި 100 ވަނަ ލަނޑެވެ.