އެފްސީ ބާސެލޯނާ މެޗުން މޮޅުވާން ދަނިކޮށް، ފަހު ވަގުތު އިއާގޯ އެސްޕަސް ޖެހި ލަނޑާއެކު 2-2 ން ބާސާއާ ލްޓާ ވީގޯއިން މެޗު އެއްވަރު ކޮށްފި އެވެ.
މެޗުގައި ބާސާއިން ދެ ފަހަރު ލީޑް ނެގިިއިރުވެސް ސެލްޓައިން ނަތީޖާ ހަމަހަމަ ކުރި އެވެ. ބާސާގެ ދެ ލަނޑު ޖެހީވެސް ލުއިސް ސުއަރޭޒް އެވެ. އެ ދެ ލަނޑުވެސް އޭނާ ކާމިޔާބު ކުރީ ކެޕްޓަން ލިއޮނަލް މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ ފުރަަތަމަ ލަނޑު ސުއަރޭޒް ކާމިޔާބު ކުރީ 20 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި ފީޑޯ ސްމޮލޯވް ވަނީ ސެލްޓަ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
އޭގެ ފަހުން ސުއަރޭޒް އަނެއްކާވެސް ވަނީ ބާސާ އަށް ލިޑް ނަގައިދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމެން ދެ މިނެޓަށް ވެފައި ވަކިކޮށް އެސްޕަސް ވަނީ ސެލްޓައަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މިއީ ކޮރޯނާ ވައިރަސް އަށް ފަހު އަލުން ކުޅެން ފެށިފަހުން ބާސާ އެއް ވަރުވި ދެ ވަނަ މެޗެވެ. އަދި އޭގެ ފަހުން ކުޅުނު މެޗުތަކުގެ ތެރެއިން ބާސާ ކޮޅަށް ލަނޑު ޖެހި ހަމައެކަނި ޓީމަކީ ސެލްޓަ އެވެ. ބާސާ އަތުން ޕޮއިންޓެއް ހޯދި ސެލްޓަ އޮތީ ރަނގަޅު ފޯމެއްގަ އެވެ. ނޮވެމްބަރު މަހު އެ ޓީމުގެ ކޯޗް ކަމާ ހަވާލުވި އޮސްކާ ގާސިއާގެ ކޮންޓްރެކްޓް ވަނީ ދެ އަހަރަށް އިތުރު ކޮށްފަ އެވެ.
ބާސެލޯނާ ޔޫތު ސިސްޓަމްގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަަސައްކަތް ކުރި ގާސިއާ ސެލްޓަ އާ ހަވާލުވިއރު އެ ޓީމު އޮތީ ރެލިގޭޝަންގަ އެވެ. އޭރު ކޯޗަކަށް ހުރި ފްރާން އެސްކްރީބާ އާއެކު ނަތީޖާތައް ރަނގަޅު ނުވުމުން އޭނާ މަގާމުން ވަކި ކުރުމަށް ފަހު ސެލްޓައިން ގާސިއާ އާއެކު އެއްބަސް ވުން ހެދީ ޖޫންގެ ނިޔަލަށެވެ. ގާސިއާ ހަވާލުވެ ޓީމުގެ ނަތީޖާތައް ރަނގަޅު ކުރުމުން އޭނާ އާއެކު ދެ އަހަރުގެ އެއްބަސްވުމެއް އެ ޓީމުން ހެދީ ހުކުރު ދުވަހު އެވެ.