ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ޕީޕީއެމްގެ އެޑްވައިޒަރަކަށް ރައީސް ވަހީދު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެޑްވައިޒަރުގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސައިފި އެވެ.

ރައީސް ވަހީދު، ޕީޕީއެމްގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވަނީ މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މ. ދިމްޔާތުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިިކުފާނުގެ ތަސައްވުރަކީ ވަރުގަދަ ހަރަކާތްތެރި ސިޔާސީ ޕާޓީތަކެއް ރާއްޖޭގައި އޮތުން ކަމަށެވެ. ޕީޕީއެމް ވެގެންދާނީ އެފަދަ ޕާޓީއަކަށް ކަމަށާ ޕީޕީއެމްއަކީ ހުރިހާ ގިންތިއެއްގެ މީހުންނަށްވެސް ފުރުސަތު އޮތް ޕާޓީއަކަށް ވެގެން ދިއުމަކީ އުންމީދެއް ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާ އެހެން ކަމުން އެމަނިކުފާނަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވާނީވެސް ރައީސް ޔާމީނަށް އިންސާފު ހޯދާ ދެއްވުމަށް ކަމަށް ވިދާޅުވިއެވެ. ބޭރު ދުނިޔޭގެ ސަމާލުކަމަށް ރައީސް ޔާމީންގެ މައްސަލަ ގެންނެވުމަށްވެސް އިތުރު މަސައްކަތްތައް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަން އެބަހުރިތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އިންތިހާބު އޮތީ ވަރަށް ދުރުގައި ކަމަށާ ފޯކަސް އޮތީ ޕީޕީއެމްއަށް ހިދުމަތް ކުރުމަށް ކަމަށެވެ. އަދި ޕީޕީއެމްއަކީ ވަރަށް ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާ ޕާޓީގެ ކޮންމެ މަގާމަކަށްވެސް ވަޑައިގަތުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށްވެސް އޮންނާނެ ކަމަށެވެ.

ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން މިހާރު ހުންނެވީ ޖަލުގަ އެވެ. އެމަނިކުފާނު ޖަލުގައި ހުންނެވުމުން ޕާޓީގެ ލީޑަޝިޕްގައި އެހާ ވަރުގަދަ ބޭފުޅެއް ނެތް ކަމުގެ ޝަކުވާ އެ ޕާޓީގެ އާންމު މެންބަރުން ކުރެ އެވެ. ނަމަވެސް ޖަލަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޔާމީން ވަނީ ޕާޓީއަށް މިނިކާ ބާޒުތައް އަރައިގަތުމަށް ޖާގަ ނުދިނުމަށް އެދިވަޑައިގެންފަ އެވެ.