ހައްޖުގެ އަޅުކަން

ހައްޖުގެ ފުރުސަތު ސައުދީއަށް އެކަނި

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި ތިބި މީހުންނަށް އެކަނި ކަމަށް އެ ގައުމުން އިއުލާނުކޮށްފި އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދެވިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ. އެހެން ކަމުން އެ ގައުމުގެ ހައްޖާއި އުމްރާގެ ކަންތައްތައް ބަލަހައްޓާ އޮފީހުން މިރޭ ވަނީ ގޮތްތަކެއް ނިންމާ އެކަން އިއުލާނުކޮށްފައެވެ.

އެގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި ތިބި މީހުންނަށް އެކަނި ކަމަށާ ނަމަވެސް ފުރުސަތު ލިބޭނީ ކަނޑައަޅާ ވަކި މިންވަރަކަށް ކަމަށް ވަނީ ބުނެފައެވެ. ހައްޖުވުމުގެ ފުރުސަތު ސައުދީގައި މިވަގުތު ތިބި އެކި ގައުމުތަކުގެ މީހުންނަށް ފަހިކޮށްދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް އެއީ ސައުދީން އެކި ގައުމުތަކަށް ކަނޑައަޅާ ވަކި އަދަދަ ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަަށް ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގައިދުރުކަމަށް އިސްކަންދީގެންނެވެ.

ސައުދީންވެސް ގިނަ ބަޔަކަށް ވަނީ ކޮވިޑް ޖެހިފައެވެ. މިހާތަނަށް 1،61،005 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އެ ބަލީގައި 1،307 މީހުން ވަނީ މަރުވެފައެވެ.