ހަބަރު

ތަފާސްހިސާބު ބަލަހައްޓަން މިނިވަން މުއައްސަސާއެއް އުފައްދަން ބިލެއް

ރާއްޖޭގެ ރަސްމީ ތަފާސްހިސާބުތައް އެއް ކުރުމާއި، އެއް ކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ބޭނުން ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ކަނޑައަޅައި، އެ ކަންކަން ހިންގައި ބެލެހެއްޓުމަށް ޓަކައި މިނިވަން މުއައްސަސާއެއް އުފެއްދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހުށަހެޅުއްވި ބިލުގައި ބުނާ ގޮތުން އެ ބިލު ގާނޫނަކަށްވެ އަަމަލު ކުރަން ފެށުމާއެކު "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" ގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފެދުނީ އެވެ.

މިހާރު ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި ބޭނުން ކުރަމުން ގެންދިޔަ މުދަލާއި، ވަސީލަތްތަކާއި، މަޖިލީހުން އެ ތަނަށް ކަނޑައަޅާފައިވާ ބަޖެޓުގެ ފައިސާއާާއި، ބިއުރޯގައި ތިބި މުވައްޒަފުން، ބިލުގެ ދަށުން އުފައްދާ އާ މުއައްސަސާއަށް ބަދަލު ވެގެން ދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި ބުނާ ގޮތުން ތަފާސްހިސާބުގެ މިނިވަން ބިއުރޯގެ އިސް ފަރާތުގެ ގޮތުގައި ޗީފް ސްޓެޓިސްޓީޝަންގެ ނަމުގައި މަގާމެއް އުދައްދަން ޖެހޭނެ އެވެ. އެ މަގާމަށް މީހަކު އައްޔަން ކުރާނީ މިހާރު ހުރި މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރާ އުސޫލުންނެވެ. އެއީ ރައީސް ފޮނުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުންދޭ މީހަކު އައްޔަން ކުރުމެވެ. އަދި އެ މަގާމުގެ މުސާރަ ވެސް ކަނޑައަޅާނީ މަޖިލީހުން ކަމަށް ބިލުގައި ބުނެ އެވެ.

އާ ބިއުރޯގެ ތެރޭގައި ސްޓެޓިސްޓިކަލް ކައުންސިލެއް

ބިއުރޯގެ ތެރޭގައި ސްޓެޓިސްޓިކަލް ކައުންސިލެއް އުފައްދަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އެ ކައުންސިލްގައި ތިބޭނީ ޗީފް ސްޓެޓިސްޓީޝަންގެ އިތުރުން ގައުމީ ޔުނިވަސިޓީ ތަމްސީލު ކުރާނެ ފަރާތަކާއި، ތަފާސްހިސާބު އުފައްދާ ދައުލަތުގެ އިދާރާތަކުގެ ތެރެއިން ހަތަރު ފަރާތަކާއި، އެހެން އިދާރާތަކުގެ ތެރެއިން ހަތަރު ފަރާތެކެވެ.

ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާތާ މަސް ދުވަސް ތެރޭގައި ޗީފް ސްޓެޓިސްޓީޝަން ހިމެނޭ ގޮތަށް އެ ކައުންސިލަށް އައްޔަން ކުރަން ޖެހޭ ހުރިހާ މެންބަރުން އައްޔަންކޮށް އެ ކައުންސިލް އެކުލަވާ ނިންމަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

ކައުންސިލްގެ މެންބަރުންގެ ތެރެއިން ޗީފް ސްޓެޓިސްޓީޝަންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށް ބިލުގައި ބުނެފައިވެ އެވެ. ބިލުގައި ބުނާ ގޮތުން، އެހެން މެންބަރުންގެ ދައުރުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ.

ސްޓެޓިސްޓިކަލް ކައުންސިލްގެ ރިޔާސަތު ބެލެހެއްޓުމަށް ޓަކައި ކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރަކު ކައުންސިލްގެ ރައީސަކަށް ހަމަޖައްސަން ޖެހޭނެ އެވެ. ކައުންސިލްގެ ރައީސަކަށް ވާން ވާނީ ޗީފް ސްޓެޓިސްޓީޝަނާއި ދައުލަތުގެ އިދާރާއެއް ތަމްސީލު ކުރާ މެންބަރުން ފިޔަވައި އެހެން މެންބަރެއް ކަމަށް ބިލުގައި ބުނެ އެވެ.

އެ ކައުންސިލްގެ މެންބަރަކަށް ވެވޭނީ އުމުރުން 25 އަހަރުވެ، ހިޔާނާތާއި ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވާ މީހަކަށް ވާން ޖެހެ އެވެ. އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ވެސް ނުވާނެ އެވެ. ސަރުކާރު ނުވަތަ އަމިއްލަ ކުންފުންޏެއް ހިންގުމާ ހަވާލުވެ ނުވަތަ ކުންފުންޏެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ.

މި ބިލްގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ވަނީ މަޖިލީހުގެ މިއަަދުގެ ޖަލްސާގައި ފަށައިފަ އެވެ. ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން އިތުރު މިނިވަން މުއައްސަސާއެއް އުފައްދަން ތާއީދެއް ނުކުރެއްވި އެވެ. އެ މެންބަރުން ވިދާޅުވި ގޮތުގައި އެއީ ދައުލަތުގެ ހަރަދު އިތުރަށް ބޮޑުވެގެން ދާނެ ކަމެކެވެ.