(21 ޖޫން 2020 އާ ގުޅޭ)
"އަހަރެން ހަމައަސްލައް ވެސް މޮޔަވެއްޖެ" ހެމުންހެމުން އައިސް ކެންޒާ އެނދުގައި އޮށޯތެވެ. ލަދުރަކި ހިނިތުންވުން ވެރިވެފައިވާ ތުންފަތުގައި ކާނާއަތުގެ އިނގިލިތައް ކެންޒާ ޖައްސާލިއެވެ. އަދިވެސް އެތުންފަތުގައި ވިންދު އަވަސްވެފައިވާ ހެން ހީވިއެވެ.
* * * * *
"އަހަރެމެންގެ މިފޫ ވަރަށް ބަދަލުވެއްޖެ ދޯ މާކޮށް. މާލެ ގޮސް ދެ މަސްވީ، އެންމެ ދެމަސް ތެރޭ މީހާއަށް ތިހާ ބޮޑު ބަދަލެއް އާދޭތަ؟." މާހާ ގެނެސްދިން ކޮފީ ޖޯޑުގައި ހިފަމުން މުރާދު ބުންޏެވެ.
"މާލެއިން ކުއްޖަކު ފެނުނީ. އެހެންވެ އައިސްގެން އުޅޭ ބަދަލެކޭ ބުނީމެންނު." ބޭބެގެ ވާހަކައާ މާހާ އެއްބައިވެލިއެވެ.
"ސިސް!... އެންމެން ކައިރީ އެހެން ކިޔަމުން ދުވާތި އިނގޭ" މިފްރާހު ބުންޏެވެ.
"ބައްޕަ އިހަށްދުވަހު ދެއްކި ވާހަކައެއް. މާބެގެ ކަމެއްވިއްޔާ މިފޫއަށް މިހާރު ނޭނގިއެއް ނޯންނާނެ" މާހާގެ ފިރިމީހާ ޔާސިރު ވާހަކަދެއްކިއެވެ.
"އާން، އަހަރެން ވެސް ހުރިން ބައްޕަ އެވާހަކަދެއްކިއިރު... އެއީ ތެދެއްތަ؟. މުބީން، މަނީ ލޯންޑާ ވެސް ކުރޭތަ؟." މުރާދު އެއްސެވެ.
"މާބެގެ ވާހަކަނުދައްކަމާ. ސަނައްތައަށް އަޑުއިވިއްޖެއްޔާ ދެރަވާނެ..." މުބީންގެ އަންހެނުން ސަނާގެ ނަން މިފްރާހު ހާމަކުރީ މުބީންގެ ވާހަކަ ދައްކަން ބޭނުންނުވާތީއެވެ.
"އަނބިމީހާއާއި ދަރީންނާ ދުރުގައި މުބީނަށް ކެތްވާކަން" މުރާދުގެ ފައިގައި އަތްއަޅުވާލައިގެން އިން ނޫރާ ބުންޏެވެ.
މަންމައާއި ބައްޕަ ނޫން އެހެން ހުރިހާ މެންބަރުން ތިބީ ގޭގެ ސިޓިންރޫމުގައެވެ. ސޯފާތަކުގައި ކޮފީބޯން ތިބިއިރު އަލިފާން އެންދުމަށް ޚާއްޞަކުރެވިފައި ހުރިތަނުގައި ރޯކޮށްފައި ހުރި އަލިފާންގަނޑުން ތަނަށް ހޫނުކަން ވެރިވެފައި ވެއެވެ. ބާރުވެފައިވާ ވައިރޯޅިތަކާއި ބޯވެފައިވާ ދުންފިނީގެ އަސަރެއް ގޭތެރެއަކަށް ނުފޯރައެވެ. އެހެންވިޔަސް ބައެއް މެންބަރުން ސޯފާތަކުގައި ތިބީ ކުދި ރަޖާތަކުން ހަށިގަނޑުގެ ބައެއް ފޮރުވާލައިގެންނެވެ.
މުބީންގެ ވާހަކަ ކުރިއަށް ނުދިއުމުން، ދެން ފެށީ ޢާއިލާގެ ވިޔަފާރީގެ ތެރެއަށް މިފްރާހު ގުޅޭނެ ދުވަހެއް ދުށުމަށް އެންމެން ވެސް އެދޭ ވާހަކައެކެވެ. އެވާހަކައާ ވެސް މިފްރާހު ގަޔާވާ ގޮތެއްނުވިއެވެ. އެހެންނަމަވެސް އޭނާއަށް އެ ޚިޔާލު ގޯހެއްނޫނެވެ. ޢާއިލާގެ ގާތަށް އެނބުރި އަންނަން އޭނާ ވިސްނާއިރު މުސްތަޤުބަލުގައި މަސައްކަތެއް ނުކޮށް ދިރިއުޅުމާ ކުރިމައްޗެއް ނުލެވޭނެކަން މިފްރާހަށް ވިސްނެއެވެ. އަމިއްލަ ނަފްސަށް އޭނާއަށް ހީނލެވުނީ ކެންޒާގެ މަތިން ހިތަށް އަރާފައެވެ.
"އާވާރާ ދިރިއުޅުމެއް އޭނާއަށް ކަމަކުނުދާނެ، އަހަރެން މަސައްކަތެއް ނުކުރަންޏާ ކާއެތިކޮޅު ވެސް ނުދޭނެކަންނޭނގެ" ޚިޔާލުތަކުގައި އިން މިފްރާހަށް، ކެންޒާގެ ރުންކުރު ބަސްތައް އަންނާނޭ ގޮތް ސިފަކުރެވި ތަންކޮޅެއް ބާރަށް ހީނލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ މި ޢަމަލު އެތަނުގައި ތިބި އެންމެނަށް ފާހަގަވިއެވެ.
"ކޮންކަމަކާ ތިހެނީ؟. މުރާދުބެ ޖޯކެއް ކީހެން ހީވީތަ؟" މާހާ ބުނެލިއެވެ. މިފްރާހު ދެފަރާތަށް ބޯހޫރާލިއެވެ.
"އަހަރެން ވެސް މަސައްކަތެއްނުކޮށް ނުހުންނާނެއެއްނު. އެކަމަކު އަދިއެއްނޫން. ދުވަސްކޮޅެއް ފަހުން. އޭރުން ފަހަރެއްގައި ފެމެލީ ބިޒްނަސްއާ ގުޅެން ވެސް ޖެހިދާނެ، ނޫނީ އަހަރެން އަމިއްލަ މަސައްކަތެއް ވެސް ފަށާފާނަން. އަދި ނޭނގެ އެއްޗެއް ބުނާކަށް. ދިރިއުޅުން މާލެއަށް ވެސް ބަދަލުކޮށްފާނަން. އެންމެންނާއެއްކޮށް މެލްބޯންގަ ވެސް އުޅެފާނަން." މިފްރާހު ބުންޏެވެ. އޭނާގެ ދިރިއުޅުން ފެށޭނީ ޒަވާޖީ ހަޔާތާ ހިސާބުންކަން މިފްރާހު ޤަބޫލުކުރެއެވެ. އަވަހަށް ކައިވެންޏެއް ކުރުމަކީ އޭނާގެ އެޖެންޑާގައި މީގެ ކުރިން ލިޔެފައި އޮތްކަމެއް ނޫނެވެ. ހުރިހާކަމަކަށްފަހު އެންމެ ފަހުން ކުރަން އޮތް ކަންތައްކަމުގައި މިފްރާހު ނިންމީ ކައިވެންޏެވެ. ނަމަވެސް އެ ޚިޔާލު ބަދަލުވިލެއް ކިހާ އަވަސްހެއްޔެވެ. ޚުދު އޭނާއަށް ވެސް މިހެންވާނޭކަން ކުރިއަކުން ނޭނގެއެވެ. އެކަމަކު މިހާރު އޭނާއަށް ކައިވެނި ވަރަށް މުހިންމުވެއްޖެއެވެ. ދިރިއުޅުމެއް ފަށަންވީ ވަގުތު ޖެހިއްޖެއެވެ. މުސްތަޤުބަލު ބައްޓަން ކުރާނޭ ގޮތާމެދު މިފްރާހަށް ވިސްނެން ފެށިއްޖެއެވެ. އެ ހުރިހާ ޚިޔާލަކާއި ވިސްނުމެއްގައި އޭނާއާއެކު ވަނީ ކެންޒާއެވެ. އެ އަންހެންކުއްޖާއަށް ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް ދޭން މިފްރާހު ބޭނުމެވެ.
"ދެން އަހަރެމެންނަށް ވެސް ދައްކަންވީނު ދޯ ތިކުއްޖަކު" މާހާ ބުނެލިއެވެ.
"އަދި ފެންނާނެ" މިފްރާހު ކުއްލިއަކަށް ބުނެލިއެވެ. އެންމެން އެންމެނަށް ވަގުތުން ބަލާލެވުނެވެ.
"ކޮބާ، މަ ބުނީމެންނު. ތިމީހުންނަށް ވެސް އަޑުއިވިއްޖެ ދޯ. މިފަހަރު ނުބުންޏެއްނު ނޫނެކޭ. އަޅެ ދެންމެ މަންމަ ހުރިނަމައެއްނު. ވެޑިންއަށް ރެޑީވާންވީ ދޯ." މާހާއަށް އުފަލުން ދެއަތްޖަހާލެވުނެވެ. އެއަޑުގައިވި ހިތްއަވަސްވުން މިފްރާހުގެ ތުންފަތަށް ހިނިތުންވުން ވެރިކުރުވިއެވެ. އެންމެންނަށްވުރެ ކުރީން އަބަދުވެސް އެ ދައްތަ އޭނާގެ އިޙްސާސްތައް ދެނެގަތުގައި ކުރި ހޯދާކަމީ އާކަމެއްނޫނެވެ.
"ޔަގީން ފޮޓޯ ވެސް ހުންނާނެ." ޔާސިރުގެ ގާތުން ތެދުވަމުން މާހާ ބުންޏެވެ. އޭނާ ތެދުވިތަން ފެނި މިފްރާހު ވަގުތުން ތެދުވިއެވެ. އެ އަންނަނީ މިފްރާހުގެ ފޯނު އަތުލަންކަން އޭނާ ދެނަގަތީއެވެ. ދައްތަ އައިސް އަރައިގަނެއްޖެއްޔާ ސަލާމަތެއްނުވާނޭކަން މިފްރާހަށް އެނގެއެވެ. ދެންތިބި އެންމެން ވެސް ތިބޭނީ މާހާއާ އެއްކޮޅަށެވެ. ގޮނޑީގެ ބިއްދޮށުން އަޅައި އެތެރެއަށް މިފްރާހު ދުއްވައިގަތެވެ. މުރާދު އެއްލި އަތުގައި ވެސް އޭނާ ނުޖެހުނެވެ.
"ފޯނު ބޭއްވުން ލަސްވާނެ. ކަނޑުވާލާނަން" މާހާ ގޮވާލީ ތަންކޮޅެއް ބާރަށެވެ. ފަސްމަހުގެ ބަނޑުގައި އަތްއަޅާލައިގެން ބާރަށް ހޭން ނޫރާ އިނެވެ.
"މާހާ!... ބޭބީ ކަމް ވިތް މީ" ޔާސިރު ގޮވާލިއެވެ. އަނބިމީހާގެ ޅަގޮތްގަނޑު ފެނި ޔާސިރުގެ ހިތް އަވަސްވެއްޖެއެވެ.
"ހޫމް! ހޫމް!... ކޮޓަރިއަށް ދޯ" ޔާސިރު ގޮސް މާހާގެ އުނަގަނޑުގައި ހިފާލި ގޮތް ފެނި ނޫރާ ދިމާކޮށްލިއެވެ. އަނބިމީހާގެ އަނގައިގަ މުރާދު އަތްއެޅިއެވެ.
"ކަމެއްނުވެ ދޯ ބަނޑެއް ނުކުތީ" މާހާ ގޮވައިގެން ހިނގައިގަންނަމުން ޔާސިރު ގޮވާލިއެވެ. އެންމެންނަށް ސިއްރުނުވާ މާހާގެ ބާރު ހުނުމުގެ އަޑު ގުގުމާލިއެވެ.
"ކެން. ޔޫ ވެއިޓް... އެންމެން ވެސް ވަރަށް ލޯބިވާނެ ކެންދެކެ. ހަމަ ޔަގީން. އެކަމަކު އަހަންނަށްވުރެ ބޮޑަކަށްނޫން." އަޑުފަށްގަނޑު ހިމޭންވެލުމުން ބިއްދޮށް ފަރާތު ދޮރުން ނުކުން މިފްރާހުގެ ހިތުގައި ވިއެވެ. އޭނާ ފަހަތް ބަލާލުމަށްފަހު ސިނގިރޭޓެއް ރޯކޮށްލިއެވެ. ހަށިފުރާލީ ނޭވާއާއެކު ދުންތައް ބޭރުކޮށްލިއެވެ.
* * * * *
މޫނުމައްޗަށް ހުރަސްކޮށްލި އަތް ދުރަށް ލަމުން ކެންޒާ ރަނގަޅަށް ބަލާލިއެވެ. އޭނާގެ ލޮލަށް އަލި އެޅުނީ އިމާރާތުގެ މަތިންނެވެ. މީހަކު ހުރިހެން ހީވި ނަމަވެސް މިހާރު އެކަކުވެސް ފެންނާކަށް ނެތެވެ. އެތެރެއަށް ވަދެގެން އައިއިރު ކުޑަކުޑަ ބަގީޗާގައި ހުރި ގޮނޑިތަކުން ގޮނޑިއެއް ޔާދިން އިންތަން ފެނުނެވެ. ހެނދުނުގެ ސަލާމް އޭނާ ކުރުމުން ކެންޒާ ޖަވާބު ދިނެވެ.
"ވަޓް ހެޕެން ޓު ޔޫ" ޔާދިންގެ މޫނު ފެނި ކެންޒާއަށް އަހާލެވުނެވެ.
"ސަމްވަން ގޮޓް ޖެލަސް" ޔާދިން ބުނެލިއެވެ. ކެންޒާއަށް ދޭހަނުވީތީ އޭނާ ދެފަރާތަ ބޯހޫރާލާފައި ވެސް އަޅައެއްނުލިއެވެ.
"ހޭ... ކެން..." ޔާދިން ފަސްދީ ކެންޒާ ދާން ފެށުމުން ވަގުތުން ހުއްޓުވިއެވެ.
"ވާހަކަދައްކާލެވިދާނެތަ؟" ޔާދިން ބުނެލިއެވެ.
"ކަމެއްނުކޮށް ވާހަކަދައްކާލަން އިންނާނީ ކިހިނެއް؟. ބަދިގެއަށް އަންނަންވީނު. އެކަމަކު އަހަރެން ކައްކަންފެށީމަ ވަސްދުވާނެ" ކެންޒާ ބުންޏެވެ.
"އެތާ އޭނަ އެބަހުރި. އަހަރެމެން އެކަނި ވާހަކައެއް ނުދެއްކޭނެތަ؟" ޔާދިން ބުންޏެވެ. އޭނާ އިޝާރާތް އެކުރީ ލައިތަށްކަން ކެންޒާއަށް އެނގުނެވެ.
"އެކަނި... މުހިންމު ވާހަކައެއްތަ؟" ދެޚިޔާލެއްގައި ހުރެ ކެންޒާ އަހާލިއެވެ.
"އޭނާ ހީވަނީ ކެންއަށް ފާރަލައިގެން ހުންނަހެން. އަނެއްކާ ތިދެމީހުންގެ ގުޅުމެއް އޮތީތަ؟. އަހަންނާ ވާހަކަނުދައްކަން އޭނާ ބުނެފަ ދޯ އޮތީ" ޔާދިން ހުރީ ކެންޒާގެ މޫނުންފާޅުވާނޭ އަސަރަކަށް ބަލަބަލައެވެ.
"ކީއްވެ ޔާދިން ތިހެން ވާހަކަދައްކަނީ. ތީ ބްރަދާސްއެއްނު... އެއްފެމެލީއެއް." ކެންޒާ ހުރީ ސުވާލު އުފެދިފައެވެ. ޔާދިންއާއި ލައިތު އެކަކުއަނެކަކު ދެކެ ރުޅިއަންނަހެން ދެމީހުން އެކުގައި ފެންނަ މީހަކަށް ހީވާނެކަން ޔަގީނެވެ.
"ކެންއަށް އަދި ތިއުޅެނީ އޭނާގެ ގޮތް ނޭނގިގެން. ލޭގެ ގުޅުން އޮންނަ އެންމެންނަކީ ޢާއިލާއެއްނޫން. އެއީ މީހަކު ރެސްޕެކްޓް ކުރާވަރުގެ އިންސާނެއްނޫން. ހީ އިޒް އެން އެނިމަލް." ޔާދިންގެ އަޑުގައިވި ފިނިކަން ކެންޒާއަށް އިޙްސާސް ކުރެވުނެވެ.
"ޔާދިން..." ހައިރާންކަމާއެކު ކެންޒާއަށް ބުނެލެވުނެވެ.
"އަހަރެން ކެންއާ ވާހަކަދައްކަފާނެތީ އޭނާ ހާސްވާނެކަން އެނގޭ. އޭނާގެ ހަޤީޤަތް އެނގޭ އެއްވެސް އަންހެންކުއްޖަކު އޭނާއަށް ބަލައެއްނުލާނެ." ޔާދިން ބުންޏެވެ.
"ކެންޒާ..." ލައިތުގެ ބާރު އަޑު އިވުނެވެ. ޔާދިންގެ ގާތުގައި ހުރެފައި ކެންޒާއަށް އެނބުރިލެވުނީ ކުއްލިއަކަށެވެ. ބިއްދޮށްފަރާތު ދޮރުމަތީ ލައިތު މަޑުކޮށްލައިގެން ހުއްޓެވެ. އެހިނދު ކެންޒާގެ އަތުގައި ޔާދިން ހިފިއެވެ.
"އަހަރެން ބުނީމެންނު އޭނާ ބަލާނެއޭ ކެން އަހަންނާ ވާހަކަދައްކާތޯ. އޭނާ ދައްކާ ވާހަކަ ޤަބޫލުކުރާނަމަ ފަހުން ދެރަވާންޖެހޭނެ." ކަމަކަށް ސަމާލުވާން ދޭ އިންޒާރެއްގެ އަސަރު ޔާދިންގެ އަޑުގައިވިއެވެ. އޭނާ ކެންޒާގެ އަތުން ދޫކޮށްލި ގޮތަށް ލައިގެން ހުރި ޖޮގިން ޕޭންޓްސްގެ އަރިމަތި ޖީބަށް ދެއަތްކޮށްޕާލިއެވެ. އަދި ހަށިގަނޑު ސީދާކޮށްލައިގެން ހުރެ ލައިތުއާ ނަޒަރު ސީދާކޮށްލިއެވެ.
ކެންޒާ އެތެރެއަށް ވަނުމުން އިރުކޮޅަކު ހުރެފައި ލައިތު ހިނގައިގަތެވެ. އޭނާ އައިސް ބަދިގެއަށް ވަންއިރު ކެންޒާ ހުރީ ކަމެއްނުކޮށް މަޑުކޮށްލައިގެންނެވެ. ހީވީ ލައިތު އަންނަންދެން ހުރީ ހެންނެވެ.
"ޔާދިން އެއްޗެކޭ ބުނީތަ؟" ފަރުވާތެރިކަމާއެކު ކެންޒާއަށް ބާލާލަމުން ލައިތު ވާހަކަދެއްކިއެވެ.
"ތި ދެމީހުންގެ ދެމެދުގައި ހިނގީ ކޮންކަމެއް؟" ކެންޒާ އަހާލިއެވެ.
"ކުންފުނީގެ ބޮޑަކަށް ރޫމާންއަސަދު، އަހަރެންގެ ނަން ހުށަހެޅީމަ އޭނާއަށް ހަޖަމްނުވީ" ލައިތު ބުނެލިއެވެ. އޭނާގެ އަނގައިން ބަސްތައް ނުނިމެނީސް ކޮނޑުގައި ކެންޒާ ބޮނޑިއެއް އެޅިއެވެ. ހައިރާންކަމާއެކު ލައިތަށް ބަލާލެވުނެވެ.
"ބައްޕައަށް ނަމުން ކިޔާތަ؟" ކެންޒާ ބުނެލިއެވެ. ލައިތުއަށް ހީނލެވުނެވެ.
"ޔޯ ފޭސް... ޕެންޑާ. ޔޫ ލުކް ސޯ ކިއުޓް" ކެންޒާ ލޯ އަޅާލައިގެން ބަލަން ހުރި ގޮތް ފެނި ލައިތު ބުނެލިއެވެ.
"އެ ވާހަކަ ބަދަލުކޮށްލީނު." ލައިތުއާ ދުރަށް ހިނގައިގަންނަމުން ކެންޒާ ބުންޏެވެ.
ކަސްތޫރީ އައިސް ބަދިގެއަށް ވަނީ އެވަގުތެވެ. ހިނިތުންވެލައިގެން ހުރި ލައިތުގެ ހަރަކާތްތައް ހުއްޓި ކުއްލިއަކަށް ހިލައިގެ ބުދަކަށް އޭނާ ބަދަލުވި ކަހަލައެވެ. މާމާއޭ ގޮވާލުމާއެކު އޭނާ ގޮސް ކޮފީ މެޝިނު ކައިރީ ހުއްޓުނެވެ. އެތެރެއަށް ހުނުންގަނޑު ހިފަހައްޓާލައިގެން ކެންޒާ ހުރީ ހިނިތުންވެލައިގެންނެވެ. ކަސްތޫރީ އައިސް ކެންޒާއާ ވާހަކަދައްކަން ފެށިއެވެ. އެކަމާ ގަޔާނުވެ ކޮފީ މެޝިނު ކައިރީ ހުރެ ލައިތު ޖައްސަމުންދިޔަ ވައްތަރު ކެންޒާ ދުށްޓެވެ. އައިލެންޑް ދޮށުގައި އިށީން ކަސްތޫރީއަށް އޭނާގެ ފަހަތުގައި ހުރި ލައިތު ޖައްސާ ވައްތަރުތަކެއް ނުފެނެއެވެ. ބަދިގެއަށް ވަންނަން އައި އަސަދަށް ފިރިހެން ދަރިފުޅު ފެނުނީ އެވަގުތެވެ. ކެންޒާ ލޮލުން އަސަދު ހުރިކަން ދައްކަން މަސައްކަތް ކުރިއެވެ. ލައިތު ސިހުނީ ބައްޕަގެ ކަރުކެހިލުމުގެ އަޑި ދޮރުކައިރިން އިވިގެނެވެ. އިސްޖެހުމާއެކު އެނބުރިލި ލައިތު ވިދުވަރެއް ފަދައިން ބަދިގެއިން ނުކުމެން ދިޔަތަން ފެނި އަސަދުއަށް ނުހީ ނުހުރެވުނެވެ. އޭނާގެ ލައިތު ސަމާސާ ކުރާތީ ފުރަތަމަ ވެސް އަސަދު ދުށީ ކާފަދަރިފުޅު އިލިޔާނާއާއެވެ. އެކަމަކު ދެންމެ ފެނުނު މަންޒަރުން އޭނާއަށް ޒުވާން ދަރިފުޅުގެ ނުފެންނަ ސިފައެއް ދުށުމުގެ ނަސީބު ލިބުނު ފަދައެވެ. އަސަދުގެ ހިތަށް ތަފާތު އުފާވެރިކަމެއް ވެރިވެއްޖެއެވެ. ކުއްލިއަކަށް ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް މަތިން އަސަދު ހަނދާންވިއެވެ.
"އެ އަންހެންކުއްޖާ އެހާ ޚާއްޞަތަ؟. އެކަމަކު... އެކަމަކު އެއީ މިގެއަށް މަސައްކަތްކުރަން އަންނަ ކުއްޖެއް. ކީއްވެ އޭނަ؟." އަސަދުގެ ނަޒަރު ހުރީ ކަސްތޫރީއާ ވާހަކަދައްކަން ހުރި ކެންޒާއަށް ހުއްޓިފައެވެ. އެ އަންހެންކުއްޖާގެ ގޮތް އެނގެން އަސަދު ޝައުގުވެރި ކުރުވީ ލައިތެވެ. އެ ދަރިފުޅުގެ ފުށުން ފެނުނު އަސަރުތަކެވެ. ކަސްތޫރީގެ ކައިރީ ހުރި ގޮނޑީގައި އަސަދު އައިސް އިށީނެވެ. ކެންޒާއަށް ގޮވާލައި ހެނދުނުގެ ސަލާމްކޮށްލިއެވެ. ވާހަކަދެއްކުމުގައި ހުންނަ ގާތްކަމާއި އިރުއިރުކޮޅުން ހީނލާއިރު އެ ހިނުތުންވުމުގައި ޚާއްޞަ ގޮތެއް ހުންނަކަން އަސަދަށް ފާހަގަވިއެވެ. އެކަމަކު އެއީ ސާދާ ވިސްނުމެއްގެ ވެރިއަކަށް ނޫނީ ކަމުދާނޭ މަންޒަރެއްނޫންކަން ވެސް އޭނާއަށް އެނގެއެވެ. ރީތިކަމުން ގޮސް ފަތްމިނިންހާ ރީތި އަންހެނުން ލައިތުއަށް ހުންނާނީ ފެނިފައިކަން އަސަދަށް އެނގެއެވެ. އެހެންވިޔަސް އޭނާގެ ދަރީންގެ ތެރެއިން ލައިތު ފާހަގަކުރެވެނީ ސަބަބެއްނެތިއެއްނޫނެވެ. އޭނާއާ އެތައް ގޮތަކުން އެ ދަރިފުޅު އެއްގޮތެވެ. ދަރީންގެ މެދުގައި ތަފާތު ނުކުރި ނަމަވެސް، އަބަދުވެސް އަސަދުގެ ހިތުން ލައިތަށް ޚާއްޞަ ޖާގައެއް ދެވިފައި ވެއެވެ.
"ލައިތަކީ އަހަރެންގެ ދަރިއެއްކަން ޔަގީން." އަސަދު ހިނިތުންވެލިއެވެ.
ކެންޒާއާ މެދު ލައިތު ޝައުގުވެރިވާނަމަ އެ ދެމެދަށް ވަނުމުގެ ޚިޔާލެއް އަސަދުގެ ނެތެވެ. އޭނާ ބޭނުންވަނީ ކޮންމެ ދަރިއަކު ވެސް އެކުއްޖަކު ލޯބިވާ ބައިވެރިއަކު ޚިޔާރުކުރާށެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅޭށެވެ. އޭނާގެ ބައްޕަ ޤާލިބު ފަދަ މީހަކަށް ނުވާން އަސަދު ނިންމި ނިންމުގައި އަބަދަށް ހިފަހައްޓާނެއެވެ. އޭނާއަށް ނުލިބުނު މިނިވަންކަން ދަރީންނަށް އަސަދު ދޭނެއެވެ. ސަރަފީނާގެ ޢާއިލާއިން ލައިރާގެ ކައިވެންޏަށް އެދިގެން އައުމުން، ދަރިފުޅުގެ އިޒްނަ ހޯދަން އަސަދު އަވަސްވީ އެހެންވެއެވެ. އެ ދަރިފުޅުގެ ރުހުންނުވާ އެއްވެސް ކަމެއް އޭނާ ކުރަން ނޭދޭތީއެވެ.
"ބައްޕަ ބަލީތަ މަސައްކަތެއްނުކުރަނީ؟" ކަސްތޫރީގެ ސުވާލަށް އަސަދުގެ ސަމާލުކަން ވެސް ހުއްޓުނެވެ. ކެންޒާ ކޮންމެވެސް ކަމަކާ ހާސްވިކަން އެ މޫނުން އަސަދު ދެނެގަތެވެ. ޢާއިލާގެ ވާހަކަދައްކަން ކެންޒާ ޖެހިލުންވާންވީ ކީއްވެކަމާމެދު އަސަދު ސުވާލު އުފެދުނެވެ.
"މަންމާ. ކެންޒާ މަސައްކަތްކުރަން ފުރުޞަތު ދީފައި އަޅުގަނޑުމެން ދާންވީހެން ހީވަނީ." ކަސްތޫރީގެ އަތުގައި އަސަދުގެ އަތް ބާއްވާލިއެވެ.
"ކެން ކަމެއް ބޭނުމިއްޔާ ބުނައްޗޭ." އަސަދުގެ އެދުމަށް ތެދުވެ ދާން ހިނގައިގަންނަމުން ކަސްތޫރީ ބުންޏެވެ. ކެންޒާ ނިކަން އަވަހަށް ބޯޖަހާލިއެވެ.
"މަންމާ. ކެންޒާ ކުލާހަށް ދިއުމުގެ ކުރީން އަޅުގަނޑުމެންނާއެކު ނާސްތާގައި ބައިވެރިވުން ކިހިނެއްވާނެ." އަސަދުގެ ސިކުނޑީގައި ޚިޔާލެއް ރޭވިފައި ވިއެވެ.
"އަޅުގަނޑު ސައިބޮއެގެން އަންނަނީ" ކެންޒާ އަވަސްއަވަހަށް ބުނެލިއެވެ.
"އަސަދު އެހެންބުނީ ކެންޒާ ސައިނުބޯނެ ކަމަކަށްނޫން. ރަނގަޅަށް ކައިގެން ކިޔަވަން ދާންވާނީ. އޭރުން ރަނގަޅަށް ވިސްނޭނީ. ކެންޒާ މޮޅު މީހަކަށްވީމަ އަހަރެން ވެސް ވަރަށް އުފާވާނެ، ކަންކަމަށް ފާޑުކިޔަން ތިބޭނީ އަސަދުއާއި ކުދީން. މަންމަގެ މައްސަލައެއްނެތް" ކަސްތޫރީ ހިނިތުންވުމެއް ކެންޒާއަށް ބަދަލުކޮށްލިއެވެ.
"އެކަމަކު އަޅުގަނޑު..." އެ ޢާއިލާ ތެރޭގައި އެއްމޭޒުދޮށަށް އަރަން ނުކެރޭނެއޭ ބުނަން ކެންޒާ ބޭނުންވިއެވެ. އެހެންނަމަވެސް އޭނާގެ އަޑު ނާހާ އަސަދު ވާހަކަދެއްކީއެވެ. ހެނދުނުގެ ނާސްތާގައި އޭނާ ބައިވެރިވާންވާނެކަން ނިންމީއެވެ. އޭނާއަށް އަސަދު އިންތިޒާރުކުރާނޭކަން ވެސް ބުނީއެވެ. އިތުރު ހައިރާންކަމެއްގައި ކެންޒާވިއެވެ.
ޚާދިމުންގެ ކޮޓަރިތައް ހުރި ފަންގިފިލާއަށް ކެންޒާއަށް އެރީ އަސަދުގެ ނިންމުމާމެދު ވިސްނަމުންނެވެ. މަޑު ހިނގުމުގައި އައިސް އޭނާއަށް ޚާއްޞަކުރެވިފައި ހުރި ކޮޓަރި ހުޅުވާލައި އެތެރެއަށް ވަދެވުމާއެކު ކެންޒާއަށް ހުއްޓެވުނެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމުގެ ކުރީން އޭނާގެ އަތުގައި ހިފައި އެތެރެއަށް ވެއްދުމާއެކު ދޮރުލައްޕައިފިއެވެ.
(ނުނިމޭ)