ހޮލީވުޑް

އަންނަ މަހު ނުކުންނަ ބޮޑު ފިލްމުތަކަކީ ކޮބާ؟

ހޮލީވުޑްގެ އެންމެ ވަރުގަދަ ފިލްމުތައް ނުކުންނާނީ ޖޫން ޖުލައިގަ އެވެ. ނަމަވެސް އަހަރުގެ ފަހުކޮޅު ނެރޭ ފިލްމުތަކީ ހުރިހާ ގޮތަކުން ބެލިޔަސް ޖޫން ޖުލައިގެ ބުލޮކްބަސްޓާ ފިލްމުތަކަށް ވުރެ މޮޅު ފިލްމުތަކެކެވެ.

އެގޮތުން ބަލާއިރު އަންނަ އޮކްޓޯބަރު މަހަކީ ޔަގީނަށް ވެސް ކޮންމެހެން ބަލަން ޖެހޭ ފެންވަރުގެ ފިލްމުތަކެއް ހޮލީވުޑުން ނެރޭނެ މަހެކެވެ.

މިއީ މާސް އަށް ގެއްލޭ ނާސާގެ އެސްޓްރޮނޯޓެއްގެ ވާހަކަ އެވެ. ފިލްމުގައި އެސްޓްރޮނޯޓް މާކް ވެޓްނީގެ ރޯލު ކުޅެފައި ވަނީ އިތުރު ތައާރަފަކަށް ބޭނުން ނުވާ މެޓް ޑޭމަން އެވެ. އޭނާގެ މި ރޯލަކީ ކްރިސްޓޮފާ ނޯލަންގެ "އިންޓާސްޓެލާ" އިން ވެސް ޑޭމަން ފެނިގެން ދިޔަ ފަދަ ރޯލެކެވެ.

އެކަމަކު މިފަހަރު އޭނާ ގެއްލެނީ އިންސާނުން އެ ޕްލެނެޓަކަށް އެންމެ ބޮޑަށް ހިތްކިޔައިގެން އުޅޭ މާސް އަށެވެ. ނާސާގެ މިޝަންއެއް ފެއިލްވެގެން އެސްޓްރޮނޯޓް މާކް ވެޓްނީ މާސް އަށް ގެއްލޭއިރު ދެން ފިލްމުގައި ދައްކުވައި ދެނީ ދިރުމެއް ނެތް އެ ޕްލެނެޓުގައި ސަލާމަތްވުމަށް އޭނާ ކުރާ މަސައްކަތާއި އޭނާ އެ ޕްލެނެޓުން ސަލާމަތްކުރުމަށް ނާސާ އިން ހިންގާ ހާއްސަ މިޝަންއެކެވެ.

މި ފިލްމުގެ ކާސްޓް ވެސް ވަރަށް ވަރުގަދަ އެވެ. ޑޭމަންއާ އެކު ފެނިގެންދާ އެހެން ތަރިންގެ ތެރޭގައި ޖެސިކާ ޗެސްޓެއިން އާއި ޗްވެޓެލް އެޖިފޯ ޖެފް ޑެނިއެލްސް ފާހަގަކޮށްލެވެ އެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ސައިންސް ފިކްޝަން ފިލްމުތައް ގެނެސްދިނުމުގައި މަޝްހޫރުކަން ހޯދާފައިވާ އެކްލެއިމްޑް ޑައިރެކްޓަރު ރިޑްލީ ސްކޮޓެވެ.

މި ފިލްމު ޕްރިމިއާކުރާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.

ކުރިން ވެސް ބުނި ފަދައިން ހޮލީވުޑްގެ އެވޯޑް ހަފުލާތައް ފަޅުފިލުވައިދޭ ފެންވަރުގެ މޮޅު ފިލްމުތައް ނެރޭނީ އަބަދުވެސް އަހަރުގެ ފަހުކޮޅު އެވެ.

"ބްރިޖު އޮފް ސްޕައިސް" އަކީ ވެސް ޔަގީނަށް ގިނަ އެވޯޑްތަކަށް ނޮމިނޭޓްވާނެ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ ސްޓީވެން ސްޕީލްބާގް އެވެ. ލީޑް ރޯލު ކުޅެފައި ވަނީ ޓޮމް ހޭންކްސް އެވެ.

މި ފިލްމަކީ ސްޕީލްބާގް އާއި ޓޮމް ހޭންކްސް މީގެ އަހަރުތަކެއް ކުރިން އެކުގައި މަސައްކަތްކުރި މަޝްހޫރު ފިލްމު "ސޭވިން ޕްރައިވެޓް ރަޔާން" އާ ވަރަށް އެއްގޮތް ފިލްމެކެވެ. އެ ފިލްމުގައި ދައްކުވައި ދިނީ ސިފައިންގެ މީހަކު ސަލާމަތްކުރުމަށް ޕްލެޓޫނަކުން ހިންގާ ހަރަކާތެކެވެ.

މި ފިލްމުގައި ދައްކުވައި ދެނީ ސޯވިއެޓް ޔޫނިއަން ދައުލަތުގެ އަށްދަށުވާ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓެއްގެ ޕައިލެޓަކު ސަލާމަތްކުރުމަށް ކުރިއަށް ގެންދާ ސުލްހައިގެ މަޝްވަރާ ވާހަކަތަކެކެވެ. ހޭންކްސް ކުޅެފައި ވަނީ ވަކީލެއްގެ ރޯލެވެ.

މި ފިލްމުގެ ޝޯތައް ފަށާނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.

ފަހަރެއްގައި މި އަހަރުގެ އޮސްކާ އެވޯޑްސް ހަފުލާ އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާއިރު އެންމެ މޮޅު ފިލްމާއި އެކްޓަރުންގެ އެވޯޑްތަކަށް ވާދަކުރާނީ މި އޮކްޓޯބަރު މަހު ނެރެން ހަމަޖެހިފައިވާ ފިލްމުތަކުގެ ތަރިންނާއި ޑައިރެކްޓަރުންނެވެ.

މި ފިލްމަކީ ވެސް ބުނެވޭ ގޮތުގައި އޮސްކާ އަށް ވާދަކުރާ ފެންވަރުގެ ފިލްމެކެވެ. ފިލްމުގައި ލީޑް ރޯލު ކުޅެފައި ވަނީ އިދްރީސް އަލްބާ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އެޗްބީއޯގެ "ޓްރޫ ޑިޓެކްޓިވް" ގެ ފުރަތަމަ ސީޒަންގެ ޑައިރެކްޓަރު ކެރީ ޖޯޖީ ފުކޫނާގާ އެވެ. އޭނާގެ މި ފިލްމުގައި ދައްކުވައި ދެނީ އެފްރިކާގެ ގައުމެއްގެ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ދަމައިގެން ގޮސް ޗައިލްޑް ސޯލްޖާއަކަށް ބަދަލުވާ ކުޑަކުއްޖެގެ ހަޔާތުގެ ވާހަކަ އެވެ.

މި ފިލްމަކީ ނެޓްފްލިކްސްގެ ފުރަތަމަ ފީޗާ ފިލްމެވެ. ނެރޭނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

މިކައިލް ފަސްބެންޑާ އަކީ އަބަދުވެސް އެވޯޑް ކޮލިޓީގެ އެކްޓަރެކެވެ. އޭނާއާ އެކު މި ފިލްމުން ފެނިގެންދާ ފްރެންޗް އެކްޓްރެސް މާރިއޮން ކޯޓިލާޑް އަކީ އޮސްކާގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ހާސިލުކޮށްފައިވާ ފަރާތެކެވެ.

އެހެންވީމަ ފަސްބެންޑާ އާއި ކޯޓިލާޑް ވިލިއަމް ޝެކްސްޕިއާގެ މަޝްހޫރު ވާހަކައަކާ އެކު ބޮޑު ސްކްރީނަށް އައީމަ ދެން ކުރަން އޮންނާނީ ކޮން ޝަކުވާއެއް ހެއްޔެވެ؟ މި ފިލްމަކީ ޝެކްސްޕިއާގެ މަޝްހޫރު "ދަ ޓްރެޖެޑީ އޮފް މެކްބެތު" ގެ އަސްލަށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމު ޕްރިމިއާކުރާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.

މިއީ ޖޭމްސް ބޮންޑް ސިލްސިލާގެ އާ ފިލްމެވެ. ޖޭމްސް ބޮންޑްގެ ރޯލަށް ޑެނިއަލް ކްރެއިގް އެނބުރި އަންނައިރު އެންމެ ފަހުން މި ސިލްސިލާ އިން ނެރުނު "ސްކައިފޯލް" ގެ ޑައިރެކްޓަރު ސޭމް މެންޑޭޒް އަކީ މި ފިލްމުގެ ވެސް ޑައިރެކްޓަރެވެ.

މިފަހަރުގެ ފިލްމުގައި ދައްކުވައި ދެނީ ދުނިޔެ ކޮންޓްރޯލްކުރަން މަސައްކަތްކުރާ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ނައްތާލުމަށް ޖޭމްސް ބޮންޑް ހިންގާ މިޝަނެކެވެ. މި ފިލްމުގައި ވިލަންގެ ރޯލު ކުޅެފައި ވަނީ ނުބައިބައި ރޯލަށް އެންމެ ކުޅަދާނަ އެއް އެކްޓަރު ކަމުގައިވާ ކްރިސްޓޮފް ވޯލްޓްޒް އެވެ.

މި ފިލްމު ޕްރިމިއާކުރާނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ.

މިއީ މިކައެލް ފަސްބެންޑާގެ ފޭނުންނަށް ބޮޑު މަހެކެވެ. "މެކްބެތު" އަށް ފަހު އޭނާ ފެނިގެންދާ އަނެއް ބޮޑު ފިލްމަކީ މިއީ އެވެ. މި ފިލްމުގައި އޭނާ ކުޅެފައި ވަނީ އެތައް ހާސް ބައެއްގެ ހިތް ފަތަހަކޮށްފައިވާ އެޕަލްގެ އެއް ބާނީ ކަމުގައިވާ ސްޓީވް ޖޮބްސްގެ ރޯލެވެ. މިއީ ޖޮބްސްގެ ހަޔާތުގެ މައްޗަށް ވޯލްޓާ އިސާކްސަން ލިޔުނު ރަސްމީ ބަޔޮގްރަފީގެ އަސްލަށް އެރޮން ސޯކިން ލިޔެފައިވާ ސްކްރިޕްޓަކަށް ޑެނީ ބޮޔޭލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި އެންމެންނަކީ ވެސް އޮސްކާ އެވޯޑް ލިބި ނުވަތަ އެތައް ފަހަރެއްގެ މަތިން އޮސްކާ އަށް ނޮމިނޭޓްވެފައިވާ ކުޅަދާނަ މީހުންނެވެ. މި ފިލްމުގެ ޕްރި ސްކްރީނިން އަކަށް ފަހު އެޕަލްގެ އަނެއް ކޯ ފައުންޑާ ވޮޒް ބުނެފައި ވަނީ މިއީ ސްޓީވް ޖޮބްސް އިހްސާސްކޮށްލެވުނު ފިލްމެއް ކަމަށާއި ހުރިހާ ވެސް ޝުކުރެއް ފިލްމުގެ ތަރިންނާއި އޭގެ ފަންނާނުންނަށް ކަމަށެވެ.

މި ފިލްމު ނެރޭނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.