ވިޔަފާރި

ކަނޑިންމަ ޓޫރިސްޓުންނަށް ރައްކާތެރިކަމުގެ ހާއްސަ މިންގަނޑެއް

Jun 24, 2020
1

ކަނޑިންމަ މޯލްޑިވްސް ރިސޯޓަށް ދާ ގެސްޓުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ހާއްސަ ފިޔަވަޅު ތަކެއް އަޅައި، ސިއްހީ މިންގަނޑު ތަކެއް އެކުލަވާލައިފި އެވެ.

ކޮވިޑް-19 އަށްފަހު ރިސޯޓު ހުޅުވަން ތައްޔާރުވާ ކަނޑިންމަ މޯލްޑިވްސް އިން ތައާރަފުކޮށްފައިވާ "ކޭ އޮން ގާޑް ޕްރޮގްރާމް" އެކުލަވާލާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތައް އަސްލަކަށް ބަލައިގެންނެވެ.

"ކޭ އޮން ގާޑް ޕްރޮގްރާމް" ތަންފީޒު ކުރާނީ ސިއްހީ ދާއިރާއިން ފުރަތަމަ އަށް ތަމްރީން ވެފައިވާ ހެލްތް އެންޑް ސޭފްޓީ މެނޭޖަރެއްގެ ބެލުމުގެ ދަށުން ކަނޑިންމަ ޓީމުންނެވެ. މި ޕްރޮގްރާމުގެ ދަށުން އެ ރިސޯޓަށް އަންނަ ޓޫރިސްޓުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ފިޔަވަޅުތަކެއް އަޅާނެ އެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ޓޫރިސްޓުންނާއި މުވައްޒަފުން ބޭނުން ކުރާ ހުރިހާ ހިދުމަތްތަކާއި ތަންތަން ގަވާއިދުން ސާފުކޮށް ބަލަހައްޓާނެ އެވެ. އަދި އެ ރިސޯޓުގައި ޔޫރަޕުގެ ޑޮކްޓަރުންނާއި ޕްރޮފެޝަނަލް މެޑިކަލް ޓީމެއް ވެސް ބޭނުންވާ ސާމާނާއެކު ހަރަކާތްތެރި ވާނެ އެވެ.

ކަނޑިންމަ މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމުގެ ދަށުން ޓޫރިސްޓުން ރަށަށް އަރައި ފައިބާއިރު ގަވާއިދުން ޓެމްޕްރޭޗާ ޗެކް ކުރާނެ އެވެ. އަދި ކޮޓަރިތަކާއި ބޭނުން ކުރާ ހުރިހާ އެއްޗެއް ގަވާއިދުން ޑިސްއިންފެކްޓްކޮށް ބަހައްޓާނެ އެވެ. އާއްމުކޮށް ބޭނުންކޮށް ހަދާ ރިސޯޓުގެ ސަރަހައްދުތައް ދުވާލަކު ތިން އިރު ސާފުކޮށް ބަލަހައްޓައި އެ ތަންތަނުގައި ޓޫރިސްޓުންނަށް ބޭނުން ކުރެވޭ ގޮތަށް ހޭންޑް ސެނެޓައިޒާ ހުންނާނެ އެވެ.

އެ ރިސޯޓުން ވަނީ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޓޫރިސްޓުން އާއްމުކޮށް ގޮސް އުޅޭ ބީޗްތަކާއި ރެސްޓޯރެންޓުގައި ސޯޝަލް ޑިސްޓެންސިން ބެހެއްޓޭ ގޮތަށް ބަދަލު ގެނެސްފަ އެވެ. އަދި މުވައްޒަފުންނާ ބައްދަލުވުން މަދު ކުރުމުގެ ގޮތުން "ކަނޑިންމަ އެޕް" މެދުވެރިކޮށް ޗެކިން ވެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. އަދި މި އެޕު މެދުވެރިކޮށް މުވައްޒަފުންނާ ކޮންމެ ވަގުތެއްގައި ވެސް ވާހަކަ ދައްކާ ލެވޭނެ އެވެ. އަދި އެޕް މެދުވެރިކޮށް ރޫމް ސާވިސް ހޯދޭނެ އެވެ.

ކަނޑިންމަ ރިސޯޓުން ވަނީ މުވައްޒަފުންގެ ރައްކާތެރިކަމަށް ވެސް މުހިންމު ފިޔަވަޅު ތަކެއް އަޅާފަ އެވެ. މިގޮތުން ދުވާލަކު ދެ ފަހަރު ގަވާއިދުން މުވައްޒަފުންގެ ޓެމްޕަރޭޗަރު ޗެކް ކުރުމާއި މުވައްޒަފުން އަތް ސާފު ކުރަން ސެނެޓަރިޒާ ފޯރުކޮށް ދިނުން ހިމެނެ އެވެ.

ކަނޑިންމަ މޯލްޑިވްސް އަކީ އެންމެ މަތީ ފެންވަރަށް ތަރައްގީކޮށްފައިވާ ރިސޯޓެވެ. އެ ރިސޯޓުގައި 11 ކެޓަގަރީއެއްގެ 247 ކޮޓަރި ހުރެ އެވެ.

ރާއްޖޭން އަންނަ މަހުގެ 15 ވަނަ ދުވަހު ޓޫރިޒަމް ހުޅުވާލަން ދަނީ މަސައްކަތް ކުރަމުންނެވެ. ޓޫރިޒަމް ހުޅުވާލާއިރު ރިސޯޓުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ އެވެ.