ހަބަރު

ފޮނަދޫ މަގު ހެދުމުގެ ބޮޑު ބައި ނިމިއްޖެ

ޒަމާނީ ފެންވަރަށް ލ. ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 56 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ފޮނަދޫގެ 12 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މި މަޝްރޫއުގެ ދަށުން 23،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މަގު ހެދުމުގެ މަޝްރޫއު ނިމޭއިރު ފޮނަދޫ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސްޓޯމް ވޯޓާ މެނޭޖުމެންޓް ސިސްޓަމެއް ގާއިމް ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އަދި މަގު ބައްތި ޖެހުމާއި އެކި ނިޝާންތައް ފާހަގަކޮށް ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މަގުހެދުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ޖުމްލަ 390 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ހަވާލު ކުރުމަށެވެ.