ވާހަކަ

ރީތީ ހީލީމާ

(ހަތަރުވަނަ ބައި)

ފިނާއަކީ ޗުއްޓީގައި ރަށަށް އައިސް އުޅުނު މާލޭ ކުއްޖެކެވެ. އޭނާގެ އާއިލާއަކީ ތަނަވަސް އާއިލާއެކެވެ. އަހަރުމެން ދަތުރު ދިޔައީ ވެސް ފިނާމެންގެ ޝަރަފުގަ އެވެ. އެމީހުންގެ އާއިލާއާއެކު ގައެވެ. ދަތުރުގައި ދެން ބައިވެރިވީ އަހަރުމެންގެ ގުރޫޕެވެ. އެކުވެރިންނެވެ. މިސްބާހުމެންނެވެ. ނިޔާޒާގެ ރައްޓެހިންނެވެ. ނިޔާޒާއާއި ފިނާއަކީ ސުކޫލު ދައުރުގެ ދެ ރަހުމަތްތެރިންނެވެ.

އަހަންނަށް މާކުރިން ވެސް ފާހަގަ ކުރެވޭ ކަމެއް އޮތެވެ. ފުރަތަމަ ފެނުނު ދުވަހު ވެސް ފިނާ އަހަންނާ ދިމާއަށް ފާޑަކަށް ބެލި ކަމެވެ. އާދަޔާ ޚިލާފު ގޮތަކަށް ބެލި ކަމެވެ. މޫނާއި ދެ ލޮލުން އަހަންނަށް އިޝާރާތް ތަކެއް ކުރި ކަމެވެ. ރަށަށް ފުރަތަމަ ލެފި ދުވަހު ލޯންޗުން ފައިބާ އަތުގައި އޮތް ކަރުދާސް ކޮތަޅު ކޮނޑާހަމައަށް ހިއްލައިލާ އަހަންނަށް ސިގުނަލެއް ދިން ކަމެވެ. އެ ހިތްގައިމު ބަލައިލުމެވެ. އެ ހިނިތުންވުމެވެ.

އަހަރެންގެ ހިތުގައި އެ ތަސްވީރު ވަނީ ބިންވަޅު ނެގިފަ އެވެ. ހިތްގައިމު އޮމާން ފަރި މޫނެވެ. ހީލިމުން އަޑިވަދެފައިވާ އަޑިކޮޅެވެ. އަޅި މުށިކުލައަކަށް ދާ ކަޅި ހިމެނޭ ސާފު ދެ ލޮލެވެ. ހުދަކަން ގަދަ ދަތްތަކެވެ. އެންމެ ބޮޑަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އޭނާގެ ރަން އިސްތަށިގަނޑެވެ.

"ވަރަށް ގިނަ މީހުން ހީކުރޭ އަހަރެން އިސްތަށިގަނޑުގައި ކުލަ ޖައްސަނީއޭ. އަހަރެން އެއްވެސް ބަދަލެއް ނުގެންނަން. އެކަމަކު މިކަން އެކަކު ވެސް ގަބޫލު ނުކުރާނެކަން ވެސް އެނގޭ." ފިނާ އަހަރެންގެ މޭގައި ބޯ އަޅައިގެން އިނދެ ބުނެލިއެވެ.

"އަހަރެން ގަބޫލު ކުރާނަން." އަހަރެން ފިނާގެ އެ ލޯބިލޯބި އިސްތަށި ގަނޑުގައި ފިރުމާލަމުން ވަޔަށް ދިއްކޮށްލީމެވެ.
"މީހުން ދެކޭ ގޮތް ވަރަށް ތަފާތު. އަހަންނަކީ ފިރިހެނުންނަށް ހިތި މީހަކަށް ވާނޭ ވެސް ކިޔާ. މަގުމަތިން އެކަނި ހިނގަން ވެސް އުނދަގޫ." ފިނާ މަޑުމަޑުން ބުނެލިއެވެ.
"އެ ކީއްވެ؟" އަހަރެންގެ ހިތުގައި ސުވާލުތަކެއް އުދުހިގަތެވެ.
"ނޭނގެ. އަހަރެންގެ ސިފައަކީ އަހަންނަށް ދެއްވި އެއްޗެއް. ބައެއް މީހުންނަށް ވިސްނޭ ގޮތް ގޯހީ،" ފިނާ އަހަރެންގެ މޫނަށް ބަލައިލި އެވެ. "ދުވަހަކު ވެސް އަހަރެން މީހަކާ އަދި ރައްޓެއްސެއް ނުވަން. ލޯތްބެއް ވެސް ނުވަން. އެކަހަލަ ވިސްނުމެއް ވެސް ނުހުރޭ."
"މިހާ ދުވަސްވީއިރު ވެސް؟" އަހަންނަށް ބުނެލެވުނެވެ.
"އާން! އުޅެން ޖެހުނު ގޮތުން ވިސްނާކަށް ވަގުތެއް ނުލިބުނު. މަންމައާއި ބައްޕަގެ އުއްމީދުތައް ބޮލަށް ލައިގެން އަހަންނަށް ޖެހުނީ ޔުނިވާސިޓީތަކުން ދުވެ ނަގަން. އެއް ކޯސް ނިމޭއިރު އަނެއް ކޯހެއް އޮންނަނީ ބޮލަށް މެހިފަ،" ފިނާ ހިނިތުންވެލި އެވެ. "މައިންބަފައިންގެ ބަސް އަހާ ގުރައެކޭ މި."
"އެހެންތަ؟" އަހަރެން ގާތަށް ވެސް ހިނި އައެވެ.

އޭރުވެސް އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ގިނަވެ ހިތް ބަންޑުންވާ ވަރުވިއެވެ. ހިތުގެ ވިންދު އަވަސްވެ މޭ ތެޅޭމިންވަރު އިތުރުވަމުން ދިޔައެވެ.

"ޝަރީ ވަރަށް ހާސްވެފަ އިންނަހެން ހީވަނީ،" ފިނާ އަހަރެންގެ މޭގައި އަތްޖައްސާލި އެވެ. "ހިތް ވެސް ތެޅޭލެއް އަވަސް. ކޮބާ މައްސަލައަކީ؟"
"ހީވާގޮތް ހަމަ." އަހަރެން ނޫން ކަމަށް ހެދުނީމެވެ.
"އަހަންނަށްތަ އޮޅުވާލަން ތިއުޅެނީ؟ ނޫނީ އަމިއްލަ ނަފުސަށް އޮޅުވާލަނީތަ؟" ފިނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
"ހިތަށް އަރަނީ؟" އަހަރެން ޖެހިލުންވާ ގޮތްވިއެވެ.

ފިނާ ހިތަށް އަރާފާނެ އެއްޗަކާ މެދު ވިސްނައިލެވުނެވެ. އަދި މިއުޅެނީ މާގިނަ އިރުތަކެއް ވެސް ނުވެއެވެ. އެކުވެރިކަމުގެ ނަން އެހެން ނަމަކަށް ބަދަލު ކުރެވުނީ ހިނދުކޮޅެއް ކުރިންނެވެ. އެ ހޫނުކަން އަދި ކެނޑޭހާ ނުވެއެވެ. ފައިން ލޮނުވެލި ނުފިލަނީސް ސުވާލު ގިނަ ކޮށްފިނަމަ ގޯހެއް ވެދާނޭ މީހުން ބުނެއެވެ.

"ކީއްވެ ހުއްޓައިލީ؟" ފިނާ އެނބުރިލަމުން، އަހަރެން ދެ ކޯތާފަތުގައި އޭނާގެ ހިމަ އިނގިލިތައް ޖައްސާލާ ސީދާ އޭނާއާ ދިމާއަށް މޫނު އަނބުރައިލި އެވެ.

އަހަންނަށް ބަލައިލެވުނީ ފިނާގެ މޫނަށެވެ. އޭނާގެ ދެ ލޮލަށެވެ. ފިނާ އިނީ ސީދާ އަހަރެންގެ ލޮލަށް ބަލާށެވެ. އެއާއެކު އަހަރެން ގަނޑުވި ކަހަލަ އެވެ. ކުޅަދުންވަންތަކަމޭ ހިތަށް އެރިއެވެ. ކުރިން ފިނާއަށް ބެލެނީ ދުރުންނެވެ. ވަގު ވަގަށެވެ. އެ ރީތި ދެ ކަޅީ ތޫނުކަމަށެވެ. ނަމަވެސް، މިއަދު އެއްވެސް ހުރަހެއް ނެތި މިއޮތީ އެ މަންޒަރު ފެންނާނެވެ. އެ ދެލޮލުގެ ފުން ކަމަށް ފީނޭށެވެ. އޭނާގެ ކަޅިރަވައިގެ ތޫނު ކަމުން އަހަރެންގެ ހިތް ކޮށެމުން ދިޔައެވެ.

"ބުނެބަލަ ކީކޭ ބުނަން ތިއުޅުނީ؟" ފިނާ ލަސް ލަހުން ބުނެލި އެވެ.
"އަހަންނާ ގުޅެން މަންމަމެން..." އަހަންނަށް ޖުމުލަ ފުރިހަމަ ނުކުރެވުނެވެ.

އަހަރެންގެ ތުންފަތާދިމާއަށް ފިނާގެ ޝަހާދަތް އިނގިލި ހުރަސް ކޮށްލި އެވެ.

"މަންމައަކީ އަހަރެންގެ ބެސްޓު ފުރެންޑު. ދެން ހުރީ ބައްޕަ، އަހަރެން ބޭނުން ކަމަކަށް ބައްޕަ ދެކޮޅެއް ނުހަދާނެ." ފިނާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
"ފިނާ ކަހަލަ ރީތި ފުރިހަމަ ކުއްޖަކާ އަހަންނާ ގުޅޭތަ؟ އަހަންނަކީ ބަލައިލަން ހުތުރު މީހެއް. ކަޅު މީހެއް." އަހަރެން ހިންދިރުވާލީމެވެ.
"ޝަރީ!" ރާގު އަޅުވާލަމުން އަކުރުތަކަށް ދަމައިލި އެވެ. "އެއްވެސް މީހަކީ ހުތުރު މީހެއްތަ؟ ސިފައަކީ އަމިއްލައަށް ހޯދާ ކަމެއްތަ؟"
"އެކަމަކު..." އަހަރެން ބުނަން އުޅުނު ވާހަކަ ނުބުނެ ހުއްޓައިލީމެވެ.
"އަހަންނަށް ޝަރީ ކަމުދިޔައީ ޝަރީ ތިޔަ ސިފައިގައި ހުއްޓާ. އަހަންނަށް ޝަރީ ދެކެ ލޯބި ވެވުނީ ވެސް ހަމަ ތި ގޮތުގައި ހުއްޓާ. އޭގެ މާނައަކީ އަހަންނަށް ޝަރީ ހުތުރެއް ވެސް، ހަޑިއެއް ވެސް ނޫނޭ. އަހަންނަށް ރީތީ ޝަރީގެ މިޒާޖު. ކިޔަމަންތެރިކަން. އޯގާތެރިކަން. ހަމުދަރުދީވުން. އެހެން މީހުންނާ މެދު ވިސްނާ ގޮތް. މި ޒަމާނުގައި މަދު ޒުވާނުންގެ ފަރާތުން ނޫނީ މި ކަމެއް ނުފެނޭ،" ފިނާ ސީދާ އަހަރެންގެ ލޮލަށް ބަލައިލިއެވެ. "މަންމައަށް ވެސް މިކަން އެނގޭނެ. މަންމައަށް ވެސް ޝަރީ ވަރަށް ކަމުދޭ. އެކަމަކު އަދި ބައްޕަ ގާތަކު ނުބުނަން."

އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަހަރެންގެ ހޫނު ނޭވާތައް ހުރަހެއް ނެތި ފިނާގެ މޫނަށް އެޅުނެވެ. އޭނާ މަޑުމަޑުން ލޯ މަރައިލި އެވެ. އަހަންނަށް އަނެއްކާ ވެސް ބެލުނީ އޭނާގެ ރީތި މޫނަށެވެ. އޭރުވެސް އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުދުހެމުން ދިޔައެވެ. ބައެއް ފަހަރު އަހަރެންގެ ހިތް އަހަންނަށް މަލާމަތްކުރާހެން ވެސް ހީވެއެވެ. ނަސީބު އަތުގައި ހިފުމުން ދުރަށް ދާން އުޅޭތީއެވެ. ފުރުސަތުގެ ބޭނުން ނުހިފާން އުޅޭތީ އެވެ.

"އޯކޭ. އެކަމަކު އަހަރެން ވަރަށް ޖެހިލުންވޭ. ފިނާއަށް ވެސް އެނގޭނެ މިއަދު ކަންތައް ވީގޮތް ވެސް." އަހަރެން ދެ ފިކުރެއްގައި އިނދެ ފެށީމެވެ.
"ދެން އެވާހަކަ ނުދައްކާ." ފިނާ ބޭނުންވީ އެ މައުލޫ ބަދަލު ކުރާށެވެ. "ނިޔާޒާއަކީ ކާކުކަން، އޭނާގެ މިޒާޖަކީ ކޮބައިކަން އެންމެ ރަނގަޅަށް އެނގޭނީ އަހަންނަށް."

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ފިނާއާއި އަހަރެންގެ ގުޅުން ބަދަހިވެ ކުރިލާ ހެދެމުން ދިޔަ އެވެ. ފިނާގެ މަންމައާއި ބައްޕަގެ ރުހުމާއެކު ކައިވެނީގެ ހުރިހާ ކަމެއް އަހަރުމެން ރާވަމުން ދިޔައީމެވެ. ކައިވެނީގެ ހަފުލާގެ މަންޒަރުތައް ސިފަ ކުރަމުން ބޭނުންވާނެ ކަންކަން ރާވަމުން ދިޔައީމެވެ. އެންމެ ފަހުން އަހަރެންގެ ވަޒީފާ ވެސް މާލެއަށް ބަދަލު ކުރީމެވެ. ކައިވެނީގެ ތާރީހު ވެސް ކަނޑައެޅުމަށްފަހުގަ އެވެ.

ހިޔާލުތަކުގެ ދުނިޔެއިން އަހަންނަށް ނުކުންނަށް މަޖުބޫރުވި އެވެ. ޖީބުގައި އޮތް ފޯނު ރަނގަބީލުވާ އަޑަށެވެ. ފޯނަށް ބަލައިލީމެވެ. ގުޅަނީ ނިޔާޒާ އެވެ. އަހަންނަށް ބަލައިލެވުނީ ފޯނުގެ އެއް ކަނުން ފެންނަ ގަޑިއަށެވެ. އޭރު މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. ދެ ފިކުރެއްގައި އިނދެ ފޯނު ނެގީމެވެ.

"ކިހިނެއްވީ؟" ލަސްލަހުން އަހަރެން ބުނެލީމެވެ.
"ކިހިނެއްވީހޯ! އަހަރެން ބަނޑުހައި ވެގެން ގައިގަ ވަރެއް ވެސް ނެތިގެން މި އުޅެނީ. ޝަރީފަށް ރަނގަޅަށް އެނގޭނެ އަހަރެން މެންދަމު ބަނޑުހައިވާނެކަން." ނިޔާޒާ ހިތްހަމަ ނުޖެހި ހުރެ ވާހަކަ ދައްކަމުން ދިޔަ އެވެ.
"އަހަރެން މި އުޅެނީ ޑިއުޓީގައޭ."
"ބަލަ ޑިއުޓީއަށް ދިޔުމުގެ ކުރިން ކާނެ އެއްޗެއް ހޯދަން ޖެހޭނެކަން ކޮންމެ ރެޔަކު މަ ހަނދާން ކޮށްދޭން ޖެހޭނެތަ؟" ނިޔާޒާ ޝަކުވާގެ ރާގުގައި ބުނެލި އެވެ.
"އަހަރެން އައީ، ދެ ބާގާ ތައްޔާރުކޮށްފަ. މޭޒުމަތީގައި ހުންނާނެ. ނެތްތަ؟"
"އާނ! ނެތޭ އެކައްޗެއް ވެސް ނެތީމައެއްނު މަ ގުޅާނީ. ހާދަ ބަނޑުހައޭ." ނިޔާޒާގެ ރާގު ބަދަލުވަމުން ދިޔައެވެ. "ޝަރީ ދެން އާދެބަލަ. ޝަރީއަށް ނޫނީ އެހާ މީރުކޮށް އެއްޗެއް ހަދާކަށް ނޭނގޭނެ."
"އަހަރެން މި ދަންވަރު ދިޔައީމަޔޯ! މި ގަޑީ ކާކު މިތަނުގައި ހުންނަން އަންނާނީ؟ އަހަރެން މިތަނުން ދާއިރަށް ކަމެއް ދިމާވެއްޖެ ނަމަ ދެން؟" އެއްފަހަރާ އެތައް ސުވާލެއް އަމުނައިލީމެވެ.
"ދެން އަހަރެން ބަނޑަށް މަރުވަންވީތަ؟" ނިޔާޒާ ރުޅި ގަދަވެގެން ފޯނު ކަނޑައިލި އެވެ.

އަހަރެން ދެތިން ފަހަރު ގުޅީމެވެ. ފޯނަށް ޖަވާބެއް ނުދެއެވެ. ބިޒީކޮށްލަނީ އެވެ. ހުއްޓާނުލައި އަނެއްކާ ވެސް ގުޅީމެވެ. ނުގުޅައިފި ނަމަ ދެން ވާނެ ގޮތް ވެސް އެނގޭތީ އެވެ. ހަމަ ފޯނު ބިޒީކޮށްލީ އެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މޫނުގައި ދެ އަތް އަޅައިގެން އިރުކޮޅެއް ވަންދެން އިނދެވުނެވެ. ފުންކޮށް ވިސްނާލާށެވެ.

ނިޔާޒާއާ މެދުގައެވެ. އޭނާގެ ހަރަކާތްތަކާ މެދުގައެވެ. އޭނާގެ އުޅުމާ ދޭތެރޭގައެވެ. ބޮއްސުންލަމުން ދިޔަ އަހަރެންގެ ދިރިއުޅުމާ މެދުގައެވެ. ދެ އަތުން މޫނަށް ބާރުކޮށްލީމެވެ. އިނގިލިތަކާއެކުގަ އެވެ. މަޑުމަޑުން އަތް މައްޗަށް ހިއްލައިލާ އިސްތަށިގަނޑުގައި ހިފައިލީމެވެ. އިސްތަށިތަކަށް ބާރުކޮށްލެވުނެވެ.

ނިޔާޒާއަށް ގުޅަންވީ ބާއޭ ހިތް ބުނެލި އެވެ. ނަމަވެސް، ހިޔާލު ބަދަލުވިއެވެ. ގުޅައިގެން ލިބޭނީ ހިތްދަތި ކަމެކޭ ހިތްބުނެލި އެވެ. އަނެއްކާ ވެސް ހިޔާލު ތަފާތުވިއެވެ. ސިކުނޑިއާ ހިތް އެއްގަލަކަށް ނާރައިގެން އުޅޭ ކަހަލައެވެ. އެންމެ ފަހުން ނިޔާޒާއަށް ގުޅީމެވެ.

"ކީއްކުރަންތަ ތި ގުޅަނީ؟ އަހަރެން މިއައީ އެ ކައިގެންނޭ." ނިޔާޒާ ފޯނު ނެގި ގޮތަށް ބުނެލި އެވެ.
"ދާންވީތަ؟" ލަސްލަހުން އަހަރެން ބުނެލީމެވެ.
"އެ ހުރީ މައިކުރޯވޭވަށްލީ ގޮތަށް ނުނަގާ! އަހަރެން އެ ނަގައިގެން ކައިފިން. މިހާރު މި އޮތީ ނިދަން. އަންނާނެ ކަމެއް ނެތް." ނިޔާޒާ ރާގުވަނީ ބަދަލުވެފަ އެވެ.
"ހިތްހަމަ ނުޖެހުނީތަ؟" އަހަރެން އަނެއްކާ ވެސް ބުނެލީމެވެ.
"ކަލޭއެކޭ ކުޑަ ކުއްޖެކޭ އެއްވަރެއްނު. މި ކިހާ ބޮޑު މުސީބާތެއްތަ؟ އެއް މުސީބާތުން ސަލާމަތްވާއިރު އަނެއް މުސީބާތެއް ކުރިމަތިވޭ ވިއްޔަ." ނިޔާޒާ ހިތްހަމަ ނުޖެހިގެން ފޯނު ކަނޑައިލި އެވެ.

އަހަންނަށް އިނދެވުނީއެވެ. ނިޔާޒާގެ ޖުމުލަތައް ކަންފަތް ތެރޭގައި ގުގުމަމުން ދިޔައެވެ. އެތައް ފަހަރަކު އެ އަޑުތަކުރާރުވަމުން ދިޔަހެން ހީވިއެވެ. އަކުރުތައް ވަކިވަކިންނެވެ. އެންމެ ފަހުން ބޮލަށް އުނދަގޫވާވަރު ވިއެވެ. ކަންފަތުގައި ދެ އަތް އަޅައިލެވުނެވެ.

"އަހަންނަކީ މުސީބާތެއްތަ؟" އަހަންނަށް މަޑުމަޑުން ބުނެލެވުނެވެ. (ނުނިމޭ)