ދުނިޔެ

ސައުދީން ހަމަލާ ދިނީ ކައިވެނި ޕާޓީއަކަށް! 38 މަރު!

Sep 29, 2015

ޔަމަނުގެ ވަހީޖާ އަވަށުގައި އޮތް މި ކައިވެނި ޕާޓީއަށް އެރި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި މަދުވެގެން އަށް ކުޑަކުއްޖަކު ހިމެނެއެވެ. މި ކައިވެނި ޕާޓީ އަކީ ހޫތީ ގުރޫޕާ ގުޅުން އޮންނަ ފިރިހެނެއްގެ ކައިވެނި ޕާޓީއެއް ކަމަށް ހަބަރު ލިބެއެވެ. 

ޔަމަނު ސަރުކާރު ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވެފައި ވަނީ މިއީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށެވެ. ޔަމަނުގެ އާންމު ފަރާތްތަކާއި ހަބަރު ފަތުރާ އޭޖެންސީ ތަކުން ވެސް ބުނަމުން ދަނީ މިއީ ޔަމަންގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ މަގުން ހަމަލާ ދެމުން އަންނަ ސައުދީ ކޯލިޝަނަށް އޮޅިގެން ދެވުނު ހަމަލާއެއް ކަމަށެވެ.

މި ހަމަލާއެއްގެ ވާހަކަ މިގޮތަށް ދެކެވުނަސް ސައޫދީ ކޯލިޝަނުން ބުނީ ވޭތުވެ ދިޔަ ތިން ދުވަހު އެ ސަރަހައްދުގައި އެއްވެސް ހަމަލާއެއް ދީފައި ނުވާނެ ކަމަށެވެ.

މި އަހަރު ފެށުނުއިރު ޔަމަނުގެ ބޮޑު ބައެއް އޮތީ ހަނގުރާމަ ވެރިންގެ އަތްދަށުގައެވެ. ހޫތީ ހަނގުރާމަވެރިންނަކީ ޔަމަނުގެ އުތުރަށް ނިސްބަތްވާ ޝީއައީންގެ ބައެކެވެ.

ހޫތީ ހަނގުރަމަ ވެރިން ފައްސާލުމަށް ސައުދީން އިސްވެ އޮވެ ހަދާފައިވާ ކޯލިޝަނުން ޔަމަނުގައި ވައިގެ ހަމަލާތައް ދޭން ފެށީ މި އަހަރުގެ މާޗް މަހުއެވެ. އޭގެ ފަހުން ޔަމަނުގައި ބަދަލު ކުރި ހަމަލާ ތަކުގައި ފަސް ހާހެއްހާ މީހުން މަރުވެފައި ވާއިރު އޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އާންމުންނެވެ. ސައުދީ ކޯލިޝަންގެ ހަމަލާ ތަކުގައި ގިނަ އަދަދެއްގެ އާންމުން މަރުވާތީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން އެ ކޯލިޝަނަށް ވަނީ އަމާޒުވެފައެވެ.

ސައުދީ އަރަބިއްޔާ އަށް އަރުވާލެއްވިގެން ހުންނެވުމައްފަހު ޔަމަނުގެ ރައީސް އަބްދުރައްބޫ މަންސޫރު ހާދީ އެނބުރި ގައުމަށް ވަޑައިގަތީ މިދިޔަ ހަފްތާގައެވެ. ރައީސް ގައުމު ދޫކޮށް ވަޑައިގެންނެވީ ހޫތީ ހަނގުރާމަވެރިން ކުރިއަށް ޖެހި ޔަމަނުގައި އަތްގަދަ ކުރުމުންނެވެ.