ދުނިޔެ

އީރާނާ ދެކޮޅު އެމެރިކާ މީހުން ދައްކާ ވާހަކަ އިވުމުން އަންނަނީ ހިނި: އީރާނުގެ ރައީސް

Sep 29, 2015

ރޫހާނީ މިހެން ވިދާޅުވީ ސީއެންއެން އަށް ދެއްވި އިންޓަވިއު އެއްގައެވެ. މި އިންޓަވިއުގައި ރޫހާނީގެ ހަމަލާތައް އަމާޒުވީ އީރާނާއެކު އެމެރިކާ އިސްވެ އޮވެ ހަދާފައިވާ ނިއުކްލިއާ އެއްބަސްވުމަށް ފާޑުކިޔާ ރިޕަބްލިކަން ކެނޑިޑޭޓުންނަށެވެ.

ރޫހާނީ ވިދާޅުވީ މި ކެންޑިޑޭޓުންނަށް އީރާން އޮންނަ ތަން ވެސް ރަނގަޅަށް ނޭންގޭ ކަމަށާއި އީރާނުގެ ވެރި ރަށަކީ ތެހްރާން ކަން ވެސް ނޭންގޭ ކަމަށެވެ.

"ހުސް ވަގުތުގައި ބައެއް ފަހަރު އަހަރެން (އެމެރިކާގެ ސިޔާސީ ފަރާތްތައް ދައްކާ ވާހަކަ) ޓީވީން ބަލަން. އެމީހުން ދައްކާ ވާހަކައިން ބައެއް ފަހަރު ވަރަށް ހިނި އާދޭ. ވާހަކަ ދައްކާ ބައެއް މީހުންނަށް ދުނިޔޭގެ ޗާޓުގައި އީރާނު އޮންނަ ތަން ވެސް ނޭންގޭ. އަނެއް ބަޔަކަށް ތެހްރާނާ އީރާނާ އޮތް ގުޅުމަކީ ކޮބާކަން ވެސް ނޭންގޭ." ރޫހާނީ ވިދާޅުވިއެވެ.

ރޫހާނީ ވިދާޅުވީ އަންނަ ދައުރުގައި އެމެރިކާގެ ވެރިކަމާ ހަވާލުވާ ބަޔަކު މި އެއްބަސްވުން އުވާލައިފި ނަމަ ބައިނަލް އަގްވާމީ މުޖްތަމައުގެ ކުރިމަތީގައި އެމެރިކާގެ އިތުބާރު ގެއްލިގެން ދާނެ ކަމަށެވެ. އަދި އީރާނުން އޮންނާނީ އެއްބަސް ވުމުގައި ހިމެނޭ ކަންކަން ނެގެހެއްޓުމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބައިނަލް އަގްވާމީ އެއްބަސްވުމެއްގައި ގައުމެއްގެ ސަރުކާރުން ސޮއި ކުރުމައްފަހު ދެން އެގައުމުގެ ވެރިކަމާ ހަވާލުވާ ބަޔަކު ކުރީ ސަރުކާރުގެ އެއްބަސްވުންތައް ވީދާލުމަކީ ސައްދާމު ހުސެން ކަހަލަ ލީޑަރުން ނޫނީ ނުކުރާނެ ކަމެއް." 1980 ގައި އޭރު އިރާގު ރައީސް އަކަށް ހުންނެވި ސައްދާމު ހުސެން އީރާނާއެކު އެއްބަސްވުމެއް ހެދުމައްފަހު އެ އެއްބަސްވުން އުވާލައި އީރާނަށް ހަމަލާދިން ހާދިސާއަށް އިޝާރާތް ކުރައްވާ ރޫހާނީ ވިދާޅުވިއެވެ.

އެމެރިކާގެ ރިޕަބްލިކަނުން މި އެއްބަސް ވުމާއި މެދު ދައްކާ ވާހަކަ ތަކަކީ ތާކުންތާކު ނުޖެހޭ ސިޔާސީ އަންބާ ކަމަށް ރޫހާނީ ވިދާޅުވިއެވެ. "އެމީހުން އެ ދައްކާ ވާހަކަތައް ހަގީގަތާ ވަރަށް ދުރު. އެހެންވެ، އީރާނު މީހުން މިބުނާ ކަހަލަ ވާހަކަތައް އަޑު އަހަނީ މުނިފޫހި ފިލުވުމަށް. އީރާނު މީހުންނަށް މި ވަނީ ވަރަށް ހިނި އަންނަ ޒާތުގެ ވާހަކަ ތަކަކަށް."

އެމެރިކާއިން އިސްވެ އޮވެ އީރާނާއެކު ހެދި އެއްބަސްވުމަށް އެމެރިކާގެ ކޮންގްރެސްގައި ފާޑުކިޔުން އަމާޒު ވިޔަސް އެކަން ހުއްޓުވުމުގައި ކޮންގްރެސް ވީ ނާކާމިޔާބެވެ. އެކަމަކު ރިޕަބްލިކަން ޕާޓީގެ ފަރާތުން ރައީސް ކަމަށް ކުރިމަތި ލާފައިވާ ކެނޑިޑޭޓުން ވަނީ ވެރިކަން ލިބިއްޖެނަމަ އީރާނާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާނެ ކަމަށް ތަކުރާކުކޮށް ވިދާޅުވެފައެވެ.