މިނިސްޓްރީ އޮފް ޓޫރިޒަމް

ބޯޑަރު ހުޅުވާލާއިރު އޮޕަރޭޝަންގައި 71 ރިސޯޓް އޮންނާނެ

ކޮވިޑް-19 އާ ގުޅިގެން ދެ މަސް ވަންދެން ބަންދު ކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރު އަންނަ މަހު 15 ވަނަ ދުވަހު ހުޅުވާލާއިރު ދެބައިކުޅަ އެއްބައި ރިސޯޓްތައް ވެސް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެެއްޖެ އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބޯޑަރު ހުޅުވާނެ ތާރީހު އިއުލާނު ކުރުމުގެ ކުރިން ވެސް 41 ރިސޯޓެއް ޖުލައި މަހުގެ ފަހުކޮޅު ހުޅުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި ބޯޑަރު ހުޅުވާނެ ތާރީހު އިއުލާނު ކުރުމާއެކު އިތުރު 30 ރިސޯޓެއް އޮޕަރޭޝަނަށް ގެންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖޭގައި ހިންގަމުންދާ 147 ރިސޯޓްގެ ތެރެއިން ދެބައިކުޅަ އެއްބައި ރިސޯޓްތައް ހުޅުވާނެ ކަމަށެވެ.

"ރާއްޖޭގައި 150 ވުރެ ގިނަ ރިސޯޓް އޮޕަރޭޓް ކުރަމުން މި ދިޔައީ. އޭގެ ދެބައިކުޅަ އެއްބައި ރިސޯޓް އޮޕަރޭޝަނަށް ގެންނަން މިދަނީ މަސައްކަތް ކުރަމުން. އަދި ދެން ހުރި ރިސޯޓްތައް އޯގަސްޓްގައި އަންނާނެ. މަދުން ނަމަވެސް ސެޕްޓެމްބަރު އަދި އޮކްޓޫބަރާ ހަމައަށް ވެސް. ނަމަވެސް ޑޭޓް ލިބުމާއެކު ލަހުން ހުޅުވަން ހުރި ރިސޯޓްތައް ވެސް ހުޅުވުން އަވަސް ކުރުމަކީ ވެދާނެ ކަމެއް."

ބޯޑަރު ހުޅުވާ ދުވަހު ފަތުރުވެރިންނާއެކު ތިން ފްލައިޓެއް ރާއްޖެ އާދެ އެވެ. އެހެންވެ އެ މުއްދަތުގެ ކުރިން ހުޅުވާ ރިސޯޓްތަކުގެ މައުލޫމާތު މިހާރު އެއްކުރަމުން އެބަދެ އެވެ. އަދި ރާއްޖޭގައި އޮޕަރޭޓް ކުރާ ހުރިހާ ރިސޯޓްތައް ހުޅުވާ ތާރީހުތައް މިހާރު އަންގަން އެދިފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް ރާއްޖެއަށް އުދުހޭނެ ކަމުގެ ޔަގީންކަން 11 އެއާލައިނަކުން ދީފައިވާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ދެ މަހެއްހާ ދުވަހަށް ފަހު ހުޅުވާލަން ނިންމިއިރު، ބޭރުން އަންނަ ޓޫރިސްޓުނަށް ހިދުމަތް ދޭން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް އިން ބުނެފަ އެވެ. ޓޫރިޒަމް ހުޅުވާލި ނަމަވެސް ރާއްޖެ އަށް ލިބޭ އާމްދަނީ ދެ ދެބައިކުޅަ އެއްބައި ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ފިނޭންސުން ބުނެފައިވާ ގޮތުގައި މި އަހަރު ޓޫރިޒަމް 50 ޕަސެންޓް ދަށްވެ، ދައުލަތަށް އާމްދަނީގެ ގޮތުގައި ކުރިން އަންދާޒާކުރި 30 ބިލިއަން ރުފިޔާގެ ބަދަލުގައި ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ.