ހުޅުމާލެ

ޓޫރިޒަމް އައިލެންޑާއެކު ހުޅުމާލޭން ގިނަ މަޝްރޫއު ތަކެއް

Jun 25, 2020

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ "ޓޫރިޒަމް އައިލެންޑް" އާއެކު، ގިނަ މަޝްރޫއު ތަކެއް އިއުލާނު ކުރަން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރު ވެއްޖެ އެވެ.

އެޗްޑީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ގިނަ މަސައްކަތް ތަކެއް އިއުލާނު ކުރާނެ ކަމަށެވެ.

"ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ޓޫރިޒަމް އައިލެންޑުގައި ހިމެނޭ ކަންކަމާއި ފަރުކޮޅު ފުށީގައި ހުރި ޑިވްލޮޕްމަންޓްތައް ވެސް އިއުލާން ކުރާނެ... މި ވަގުތުގެ ގޮތުން ގިނަ ބަޔަކަށް ޖޮބް ލިބުން ވެސް މުހިންމު. އެހެންވެ މީގެ ތެރެއިން އިތުރު މަސައްކަތްތައް، ހާއްސަކޮށް ކޮންސްޓްރަކްޝަން މަސައްކަތް ތަކަކީ ވަރަށް ސްކޯޕް އޮތް ދާއިރާއެއް،" ސުހައިލް ވިދާޅުވި އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ސުހައިލް ވިދާޅުވީ ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުށީގައި ތަރައްގީ ކުރަން ނިންމާފައިވަނީ "ޓޫރިޒަމް ސްކޫލެއް" ކަމަށެވެ.

ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީ ކުރާ ޓޫރިޒަމް އައިލެންޑުގެ ދަށުން މޫދު ކުޅިވަރުގެ ހަރަކާތްތަކާއި އެކި ފަންތީގެ ހޮޓާތަ އަދި ގެސްޓްހައުސްތައް ތަރައްގީ ކުރާނެ އެވެ.

އެޗްޑީސީން ވަނީ ހުޅުމާލެއިން ބިން ވިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނެފަ އެވެ.