ސްޓެލްކޯ

ސްޓެލްކޯގެ ފެހި ޕްރޮގްރާމުން ކާނާ ލިބެން ފަށައފި

Jun 25, 2020
1

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމުގައި އިންދި ގަސްތަކުގައި ކާނާ ލިބެން ފަށައިފި އެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމަކީ މުޅި ރާއްޖެ ފެހި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައި ދެއްވި ޕްރޮގްރާމެކެވެ. އެގޮތުން، ސްޓެލްކޯ އިން ވަނީ މިދިއަ އަހަރާއި މި އަހަރުވެސް "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގައި ގަސް އިންދުން ކުރިޔަށް ގެންގޮސްފަ އެވެ.

މި ޕްރޮގްރާމްގައި އިންދި ބައެއް ގަސްގަހާގެހީން ވެއްޓަށް ފައިދާ ލިބުމުގެ އިތުރުން، މިހާރު ވަނީ މޭވާ އާއި ތަރުކާރީ ލިބެން ފަށާފަ އެވެ. ތިލަފުށީ އިންޖީނުގޭގައި އިންދާފައިވާ ބައެއް ގަސްތަކުން ދޮންކޭލާއި އަނބާއ ޖަނބުރޯލު އަދި ކުންނާރު ލިބެން ފަށާފައި ވެއެވެ.

"މިދިއަ ރޯދަ މަސް ކޮވިޑް ލޮކްޑައުން ދިމާވުމުން މީގެ ތެއިން ބައެއް ބާވަތްތައް ވަނީ ތިލަފުށީގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަދިޔާ ކޮށްފައި.." ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނީ ތިލަފުށީގެ އިތުރުން މި އަހަރު އއ. ފެރިދޫ އިންޖީނުގޭގައި އިންދި ބައެއް ގަސްތަކުން ވެސް ކާނާ ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ދަނޑި އަލުއްވާއި ކުންނާރާއި މިރުހުގެ އިތުރުން ކަރަޔާއި މުރަނގަތޮޅި ހިމެނޭ ކަމަށެވެ. އދ. މަހިބަދޫން ވެސް ކޮޕީ ފަތާއި، ޖަނބުރޯލާއި އަނބު ލިބުނު ކަމަށް ބުންޏެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގައި އެ ކުންފުނިން ހިދުމަތްދޭ 35 ރަށުގައި މިދިޔަ އަހަރު 2000 ގަސް އަދި މި އަހަރު 3000 ގަސް ވަނި އިންދި އެވެ.