ހަބަރު

މަތީ ތައުލީމުގެ ލޯނު 514 ދަރިވަރަކަށް

މަތީ ތައުލީމުގެ ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން 514 ދަރިވަރަކަށް ލޯނު ހަމަޖެހިއްޖެ އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ މިކަން އިއުލާނުކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ، އެއްހާހެއްހާ ދަރިވަރުން މި ލޯން ސްކީމަށް ކުރިމަތިލި ކަމަށެވެ.

މިއީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވާލި 550 ސްޓޫޑަންޓް ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކެކެވެ. މި ލޯނުތަކުގެ ތެރެއިން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފުރަތަމަ ޑިގްރީ އަށް ކިޔަވާ ދަރިވަރުންނަށެވެ. އެގޮތުން، 264 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެ އެވެ.

  • ލައިސެންސް ކެޓަގަރީ: 15 ދަރިވަރުންނަށް
  • ޑިޕްލޮމާ: 48 ދަރިވަރުންނަށް
  • ފުރަަތަމަ ޑިގްރީ: 264 ދަރިވަރުންނަށް
  • މާސްްޓާސް ޑިގްރީ: 160 ދަރިވަރުންނަށް
  • ޕީއެޗްޑީ: 27 ދަރިވަރުންނަށް

މިނިސްޓަރު ވިދާޅުވީ ލޯނު ލިބުނު ދަރިވަރުންނަށް، ކުރިއަށް އޮތް ތިން ގަޑި އިރުގެ ތެރޭގައި ލޯނުގެ ނަތީޖާ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އަދި މިކަމާ ގުޅުންހުރި ނޮޓިފިކޭޝަންތައް ދަރިވަރުންނަށް މިހާރު ދޫކުރަން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ދަރިވަރުން ފަރާތުން ލިބުނު އެޕްލިކޭޝަންގެ ފެންވަރު ރަނގަޅުކަން. ކުރިއާ ހިލާފަަށް، ވަރަށް ގިނަ ދަރިވަރުން ކޮލިޓީ އެޕްލިކޭޝަންތަކެއް ހުށަހެޅި.. ޕްރެސް ނިމުމާއެކު ލޯނު ލިބިފައި ތިިބި ދަރިވަރުންގެ ތަފްސީލު ވެބްސައިޓުގައި އަޕްލޯޑު ކުރެވޭނެ. އަދި ޕޯޓަލް މެދުވެރިކޮށް އެމީހުންގެ ލޯނުގެ ނަތީޖާ ލިބެމުންދާން ފަށާނެ" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުންް، ކުރިން ލޯނު ދެމުން އަންނަ ބައިނަލްއަގުވާމީ ލައިސެންސް ކެޓަގަރީ އަށް ކުރިން ލޯނު ނަގަނީ ހަމައެކަނި ޕައިލެޓު ކަމުގެ ދާއިރާއިން ކަމަށާއި މިފަހަރު ތަފާތު ދާއިރާތަކުން ލައިސެންސް ހޯދުމަށް ލޯނު ނަގާފައިވާ ކަމަށެވެ. އެގޮތުން، އެއާޓްރެފިކް ކޮންޓްރޯލިން އާއި މެރިން އަދި އެއާކްރާފްޓް އިންޖިނިއަރިންގެ ލައިސަންސް ހިމެނެ އެވެ.