ދުނިޔެ

މާސް އިން ފެން ހޯދުން: އެބުނާހާ ބޮޑު ކާމިޔާބެއްތަ؟

Sep 29, 2015

މާސްގެ ބިމުގައި ދިޔާ ފެން ހުރި ކަމުގެ ހެކި ހޯދިއްޖެ ކަމަށް ނާސާ އިން އިއްޔެ އިއުލާނު ކުރުމާއެކު އެކި ފަރާތްތަކުން ތަފާތު ގޮތް ގޮތަށް މި ހަބަރު އަނބުރަން ފެށިއެވެ. ސައިންސާއި ޓެކްނޮލޮޖީ އަށް ސާބާސް ދޭ މީހުންނާއި ނާސާގެ މި ހަބަރަށް ހަޖޫ ޖަހާ މީހުންގެ އަޑު ވެސް ގަދަ ވެއްޖެއެވެ.

ފުރަތަމަ އުފެދޭ ސުވާލަކީ ދުނިޔެ ނޫން އެހެން ޕްލެނެޓަކުން ދިރުން ފެނޭތޯ ސައިންސްވެރިން ކުރަމުންދާ މަސައްކަތުގައި މިއީ މިހާތަނަށް ލިބުނު އެންމެ އުންމީދީ ހަބަރު ހެއްޔެވެ؟ އެހެން ކަމައްވާނަމަ އަދި އެ މަސައްކަތުގައި ނާސާ އިން ސިފަ ކުރާމިންވަރާ ގާތަށް ވެސް ކުރިއެރުމެއް ނުލިބެއޭ ދެންނެވިދާނެ އެވެ.

މާސް އިން ފެނުގެ ނިޝާންތައް ފެނުނަސް މިއީ ކުރިން މާސްގައި ދިރޭތަކެތި އުޅެފައިވާ ކަމުގެ ހެއްކެއް ނޫނެވެ. އަދި މިހާރު މާސްގައި ދިރޭ އެއްޗެއް އުޅުން އެކަށީގެންވާ ކަމަށް ބުނެވޭ ވަރުގެ ނިޝާނެއް ވެސް ނޫން ކަމަށް ނާސާ ވެސް އެއްބަސް ވެއެވެ. ތެދެކެވެ. ފެނުގެ ނިޝާންތަކަކީ މައިކްރޯބްސް ލެވަލް ގެ ދިރުމަކަށް އުންމީދު އިތުރު ކުރުވާނެ ކަމެކެވެ. އެކަމަކު އިއްޔެ ނާސާ އިން ކުރި އިއުލާނުގައި ކުރިން އެ އިދާރާއަށް މާސްގައި ފެން ހުރި ކަމަށް ގަބޫލު ކުރެވުނު ސަބަބު ތަކުގެ އިތުރުން ދެތިން ސަބަބެއް ހުށަހެޅުން ފިޔަވައި އެހެން ކާމިޔާބެއް ފާހަގައެއް ނުކުރެވުނެވެ.

މި ބުނާ ދިޔާ ފެނަކީ ވިރެމުންދާ ގަނޑުފެން ކަމެއް ނުވަތަ މާސްގެ ބިމުއަޑިން އާވީގެ ގޮތުގައި އަރާ ފެން ކަމެއް ނާސާއަށް ޔަގީން ކުރެވިފައެއް ނުވެއެވެ. އެތައް ބިލިއަން އަހަރެއް ކުރިން މާސްގައި ކަނޑެއް އޮތް ކަމަށް ބެލެވޭ ނިޝާންތައް އެބަހުރި ކަމަށް ވެސް ސައިންސްވެރިން ބުނެފައިވެއެވެ. މިހާރު އަލަށް މި ހޯދުނު ކަމަކީ މާސްގައި ހުރި ފެން ބައެއް ފަހަރު އޮހޮރޭ ފެނުގެ ގޮތުގައި ބޭރު ފަށަލައާ ހަމައަށް ވާސިލް ވާ ކަމުގެ ނިޝާން ތަކެވެ.

ދެން އުފެދޭ އަނެއް ސުވާލަކީ، މިއީ މާސްގައި ފެން ހުރިކަން އެނގުނު ފުރަތަމަ ފަހަރު ކަމަށް ނުވާއިރު، "މާސް މިސްޓްރީ ސޯލްވްޑް" ކަމަށް ނާސާއިން ބުނާ ވަރުގެ ޑިސްކަވަރީ އަކަށް މިކަން ވީ ކީއްވެ ހެއްޔެވެ؟ ނާސާ އިން ހަބަރުތައް ބޮޑު ކޮއްގެން ނެރެނީ ހެއްޔެވެ؟ އާންމުކޮށް ނާސާއިން ހަބަރެއް އާންމުކުރާނަމަ، އެތައް ދުވަހެއް ކުރިން ނިއުސް ބްރީފިން އިއުލާނު ކުރެއެވެ. އަދި ޓްވިޓާއާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށް، ދޭން އުޅޭ ހަބަރަށް ވީހާވެސް ބޮޑު ސަމާލުކަމެއް ހޯދައެވެ. މި ފަހަރު ވެސް ނާސާއިން ކަންކުރީ ހަމަ މިގޮތަށެވެ.

މާސް އިން ފެން ފެނުމަކީ ސައިންސްގެ ދުނިޔޭގައި ކުޑަ ކަމެއް ނޫނެވެ. އިންސާނުން ކާއިނާތު ހޯދާ ބެލުމަށް ކުރާ މަސައްކަތުގައި މައިލްސްޓޯނެކެވެ. އެކަމަކު މާސްގައި ފެނުގެ އަސަރު ހުރިކަން ކުރިން ވެސް އެނގި ތިބެ، އެހެން ހަރުފަތަކަށް އެ ހޯދުންތައް ނުގެންގޮސް، "މާސްގެ ސިއްރު ހޯދިއްޖެ" ކަމަށް ނާސާ އިން ބުނުމުން، މިއީ ސައިންސް ހޯދި ކުރިއެރުމަކަށް ވުރެ ބޮޑަށް އާންމުންގެ ސަމާލުކަން ސައިންސަށް ހޯދުމަށް ކުރި ކަމެއް ކަމަށް ދެކުމުގެ ފުރުސަތު އެބަ އޮތެވެ.

މާސް އަކީ އިންސާނުން ހިޖުރަ ކުރަން އެކަށީގެންވާ ތަނެއްތޯ ކުރެވޭ ބަހުސަށް މިހާރު އެތައް އަހަރެއް ވެއްޖެއެވެ. މާސް އަށް އިންސާނުން ފޮނުވުމަށް ނާސާ އިން ކަނޑައަޅާފައިވާ ޑެޑްލައިން އަކީ 2030 އެވެ. މާސްގައި އިންސާނުން އާބާދު ކުރުމަށްމަސައްކަތް ކުރާ ނެދަލޭންޑުގެ އޯގަނައިޒޭޝަން 'މާސް ވަން' ގެ އަމާޒަކީ 2027 ގައި ފުރަތަމަ ގުރޫޕް ފޮނުވުމެވެ. މިއީ އެނބުރި އައުމެއް ނެތް ވަންވޭ ޓްރިޕެކެވެ.

ކޮންމެއަކަސް މާސްގައި ދިރުން ވި ކަމަށް، ވާ ކަމަށް ނުވަތަ ކުރިއަށް އޮތް ތަނުގައި އުފެދިދާނެ ކަމަށް ކުރެވޭ ސުވާލަށް ނާސާ ގެ މި ހޯދުމަކުން ޖަވާބެއް ނުލިބެއެވެ. އެކަމަކު ހަމަ ޔަގީނުންވެސް މާސް އަކީ މިހާރު އާންމުންގެ މެދުގައި ސެލެބްރިޓީ ޕްލެނެޓެކެވެ.