ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ އަލުން ގުޅިވަޑައިގެންފި އެވެ.
ޖަމީލް، ޕީޕީއެމާއި ގުޅިވަޑައިގެންފައި ވަނީ މިރޭ ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޖަމީލް މިރޭ ޕީޕީއެމާއި ގުޅިވަޑައިގެންފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު އެވެ. ޖަމީލް މިރެއާ ހަމައަށް ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ.
ޖަމީލް، ޕީޕީއެމާއި ގުޅިވަޑައިގެންނެވި އިރު އެ ޕާޓީގެ އެޑްވައިޒަރުގެ މަގާމަށް ވެސް ޖަމީލް ވަނީ އައްުޔަން ކުރައްވާފަ އެވެ. ޖަމީލްގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ވެސް މިހާރު ޕީޕީއެމްގެ އެޑްވައިޒަރެކެވެ.
ޕީޕީއެމާއި ގުޅިވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހުންނެވުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންނެވެ.
"މިރޭ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަސުރުމާ ކުލައިގެ މި ބަގީޗާއަށް އަލުން އައުމުގެ ފުރުސަތު ލިބުން." ޕީޕީއެމާއި ގުޅިވަޑައިގެން ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވިއެވެ.
އިދިިކޮޅުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާއިރު އެމަނިކުފާނުގެ ގާނޫނީ ޓީމްވެސް ލީޑް ކުރައްވަނީ ޖަމީލެވެ.
ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސް ވަހީދުގެ ސަރުކާރުގައިވެސް ޖަމީލް ވަނީ މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ނާއިބަކީވެސް އެމަނިކުފާނެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅުން އުފެއްދެވި އިއްތިހާދުގެ ލީޑަރަކީ ވެސް ޖަމީލެވެ.