ހަބަރު

ހިޔާނަތުގައި ބައިވެރިވި ކަމަށް ތުހުމަތުވާ 5 ފުލުހެއްގެ ތަހުގީގު ފަށައިފި

Jun 25, 2020

އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ ތެރެއިން ފައިސާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަސް ފުލުހެއް މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ފަސް ފުލުހެއްގެ ޖިނާއީ އަދި އިދާރީ ތަހުގީގު ހިނގަމުންދާ ކަމަށެވެ. އެހެންވެ، އެ ފުލުހުން މިހާރު މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިނާޔާތުގައި އެންމެ ބޮޑަށް ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅުން އޮތް ފުލުހުންތަކެއް ހިޔާނާތުގައި ބައިވެރިވެފައިވާ ކަމުގެ ތުހުމަތު ވަރަށް ކުރިން ވެސް ވަނީ ކުރެވިފަ އެވެ. ނަމަވެސް އެކަމުގައި މިހާތަނަށް ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.

މި ހިޔާނާތާ ގުޅިގެން ވަރަށް އަވަހަށް ދައުވާކޮށް ކޯޓަށް މައްސަލަތައް ހުށަހަޅާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ. ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ޕާޓިއަކަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ވެސް ކޮރަޕްޝަންގައި ވަނީ ޖެހިފަ އެވެ. އެއީ ކޮންމެ ޕާޓީއަކަށް ނިސްބަތްވި މީހެއް ނަމަވެސް ކޯޓަށް ގެންދެވޭ ފަދަ ކޮންމެ މައްސަލައެއް ވެސް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ޝަރުއީ މަރުހަލާއަށް ގެންގޮސް މައްސަލަ ސާބިތުކުރެވޭ ވަރަށް މައުލޫމާތު ނުލިބެއްޖެނަމަ އެ މީހާގެ މައުލޫމާތު ހާމަކޮށް އަބުރު ކަތިލުން ފަދަ އެއްވެސް އަމަލެއް ނުކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި އެ މައްސަލައަކީ މިހާރު ވެސް ތަހުގީގު މަރުހަލާގައި އޮތް މައްސަލައަކަށް ވާތީ އެއްވެސް ބޭފުޅެއްގެ ނަން އޭނާ ހާމައެއް ނުކުރައްވަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އަދީބާއި ޒިޔަތަށް ދައުވާކޮށް މިދިޔަ ވެރިކަމުގައި ހުކުމް ވެސް ކުރި އެވެ. ނަމަވެސް ފަހުން މަތީ ކޯޓުތަކުން އެ ހުކުމްތައް ބާތިލު ކުރި އެވެ. ފަހުން ވަނީ އަލުން އެ ދެ ބޭފުޅުންނަށް ދައުވާކޮށްފަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ޝަރީއަތްތައް ވަނީ މެދުކެނޑިފަ އެވެ.

ރައީސް ޔާމީނަށް ދައުވާކޮށް ހުކުމް އިއްވީ ވެސް މި ވެރިކަމުގަ އެވެ. އެމަނިކުފާނުގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ގަބޫލު ކުރަނީ އެއީ ނުހައްގު ހުކުމެއް ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަސައްކަތް ކުރަން ރިޔާސީ ކޮމިޝަނެއްގެ އެކުލަވާލި އެވެ. ނަމަވެސް ކޮމިޝަންގެ މަސައްކަތްތައް ލަސްކަމުން ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.