ދުނިޔެ

އދ. ގެ އާންމު މަޖިލިސް: ސީރިޔާ މައްސަލައިގާ އެމެރިކާ އާއި ރަޝިޔާ އެއްބައި ވެދާނެ

Sep 29, 2015

އދ. ގެ އާންމު މަޖިލިސް ފެށިގެން ކުރިއަށް ދާއިރު، ސީރިޔާގެ މައްސަލަ ހައްލު ކުރުމަށް އެމެރިކާއާއި ރަޝިޔާ އެއްގަލަކަށް އަރާފާނެ ކަމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ.

މި އަހަރުގެ ޖެނެރަލް އެސެމްބްލީއަށް ހުށަހެޅިފައިވާ އެންމެ މުހިންމު މައްސަލައަކީ ސީރިޔާއަށް ސުލްހަ ގެނައުމާއި ރެފިއުޖީންގެ މައްސަލަ ހައްލު ކުރުމެވެ. އެހެން ކަމަށް ވާއިރު އައިއެސް ގެ މައްސަލަ ހައްލު ކުރާނެ ގޮތެއް ހޯދުމަކީ ވެސް ގައުމުތަކުގެ ވެރިންގެ މެދުގައި މަޝްވަރާ ކުރަމުންދާ ކަމެކެވެ.

ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ސީރިޔާގެ މައްސަލައިގާ އެއްބަޔަކު އަނެއްބަޔަކަށް ދޫ ދޭން ޖެހޭ ކަމަށެވެ. އަދި މި މައްސަލައިގާ އެމެރިކާ އޮތީ ކޮންމެ ގައުމަކާ ވެސް ގުޅިގެން މަސައްކަތް ކުރަން ކަމަށާއި އޭގެ ތެރޭގައި ރަޝިޔާއާއި އީރާން ވެސް ހިމެނޭ ކަމަށެވެ.

ރަޝިޔާގެ ރައީސް ލާޑީމިއާ ޕުޓިން ވިދާޅުވީ އައިއެސް އާ ދެކޮޅަށް ގައުމުތައް ބައިވެރިވާ ބޮޑު ކޯލިޝަނެއް ހެދުން މުހިންމު ކަމަށެވެ. ޕުޓިން މި ކޯލިޝަން ސިފަ ކުރެއްވީ ދެވަނަ ބޮޑު ހަނގުރާމައިގާ ނާޒީންނާ ދެކޮޅަށް ނުކުތް ބައިނަލްއަގްވާމީ ފޯސް ފަދަ ކޯލިޝަނެއްގެ ގޮތުގައެވެ.

އޮބާމާ އާއި ޕުޓިން ވަނީ ދެ ބޭފުޅުންގެ ތަގުރީރަށް ފަހު ހަވާސާގައި ބައްދަލު ކޮއްފައެވެ.

މިއީ އދ. ގެ 70 ވަނަ ޖެނެރަލް އެސެމްބްލީ އެވެ. އދ. އުފެދުނީ 1945 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހުއެވެ.